ޚަބަރު

ސީޕްލޭން މަރާމާތު ކުރަން ހެދި ހެނގަރުގެ މަސައްކަތް ނިމިއްޖެ


ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ސީޕްލޭން މަރާމާތު ކުރުމަށް ހެދި ހެނގަރުގެ މަސައްކަތް ނިމިއްޖެއެވެ.

އެމްއޭސީއެލްއިން ބުނީ ސީޕްލޭންގެ ލައިން މެއިންޓަނަންސް އާއި ހެވީ މެއިންޓަނަންސް ކުރުމަށް ހެދި ހެނގަރުގެ މަސައްކަތްތައް ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ ސިވިލް އޭވިއޭޝަންގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް ކަމަށެވެ. އަދި އެކަން ނިންމާ ސިވިލް އޭވިއޭޝަނުން ހުއްދަ ދިނުމުން ހެނގަރު ބޭނުންކުރަން ފަށާނެ ކަމަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި އާ ސީޕްލޭން ޓާމިނަލް ޤާއިމް ކުރުމުގެ މަޝްރޫޢު ކުރިއަށް ދާއިރު، ސީޕްލޭން މަރާމާތު ކުރުމަށް ތައްޔާރުކުރި ހެނގަރަކީ މި މަޝްރޫޢުގެ ބައެކެވެ. އާ ސީޕްލޭން ޓަރމިނަލް މަަޝްރޫޢަކީ 40 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ.

ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢުގެ ދަށުން، ރަންވޭގެ އިތުރުން 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާރމަކާއި އަށްޑިހަ ހާސް ޓަނުގެ ކާގޯ ފެސިލީޓީއެއް ހަދަން ވަނީ ނިންމާފައެވެ. މިއީ ޗައިނާގެ އެގްޒިމް ބޭންކުން ދޫކުރި 400 މިލިއަން ޑޮލަރުގެ ލޯނެއްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.