ޚަބަރު

ރޮން ކޯފްމަންއާއެކު ބޭއްވި ކަސްޓަމަރ ކެއަރ ޓްރެއިނިންގއަށް ބޮޑު ތަރުޙީބެއް!


ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޚިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތްތައް ދަސްކޮށްދިނުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް، އެމް.އޭ.އެޗް.އާރު.ޕީން ޓްރެއިނިންއެއް ކުރިޔަށް ގެންގޮސްފިއެވެ.

ކަސްޓަމަރ ކެއަރ ދާއިރާއިން ބޭރުގެ މަޝްހޫރު ތަޖުރިބާކާރެއްކަމަށްވާ ރޮން ކޯފްމަންއާއެކު ކުރިއަށް ގެންދިޔަ މި ޓްރެއިނިންގައި87 ކުންފުންޔަކުން 357 ފަރާތުން ބައިވެރިވެފައިވެއެވެ. މިޓްރެއިނިންގ ކުރިއަށް ގެންދިޔައީ މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީގެ އޮޑިޓޯރިއަމްގައެވެ. މިފަހަރުގެ ޓްރެއިނިންގައި ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ސަރުކާރު ޙިއްސާވާ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކުގެ އޮފިޝަލުން ބައިވެރިވިއެވެ.

ދިރާގުން ސްޕޮންސަރކޮށްފައިވާ މި ޓްރެއިނިންގައި ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ދޭ ޚިދުމަތަކީ ކޮލިޓީ، މޮޅު އަދި ފުރިހަމަ ހިދުމަތަކަށް ހެދުމަށް ކުރެވިދާނެ ކަންތައްތައް ބައިވެރިންނަށް ބުނެފީފައިވެއެވެ. އަދި އެއް ދާއިރާއެއްގައި މަސައްކަތްކުރާ ވަކިވަކި ކުންފުނިތަކަށް އެފަރާތްތަކުގެ ޚިދުމަތް ފޯރުކޮށްދިނުމުގައާއި، މުދާ ވިއްކުމުގައި ގެންގުޅެވިދާނެ އުކުޅުތަކުގެ މައްޗަށް ރޮން ކޯފްމަން އަލިއަޅުވާލިއެވެ.

ރޮން ކޯފްމަންއަކީ ދުނިޔޭގެ މަޝްހޫރު ބޮޑެތި ބްރޭންޑްތައް ކުރިއެރުވުމުގައި ކަސްޓަމަރ ކެއަރ ދާއިރާއިން މަސައްކަތްކޮށް، ތަޖުރިބާ ޙާސިލްކޮށްފައިވާ ފަރާތެކެވެ. އެމް.އޭ.އެޗް.އާރު.ޕީއިން ބުނީ މިފަހަރުގެ ޓްރެއިނިންއަށް ލިބުނު ތަރުހީބުގެ މައްޗަށްބަލައި ކުރިއަށްތަނުގައި މިހާރަށްވުރެ ފުޅާކޮށް މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށެވެ. އެމް.އޭ.އެޗް.އާރު.ޕީއަކީ ރާއްޖޭގެ ކުންފުނިތަކުގެ ހިއުމަން ރިސޯސް އަދި ކަސްޓަމަރ ކެއަރގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރާ ކުންފުންޔެކެވެ.