ޚަބަރު

ރައީސް ޔާމީން ވަނީ އިގްތިޞާދީ ގޮތުން ރާއްޖެއަށް ބޮޑެތި ކުރި އެރުންތައް ގެނެސްފަ - ދުންޔާ


މި ސަރުކާރުން އިގްތިޞާދީ ގޮތުން ކުރިއެރުން ތަކެއް ހޯދުމަށްފަހު، ތަރައްޤީގެ ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި ކުރީގެ ރައީސް، މައުމޫނުގެ ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ ޚާރިޖީ ވަޒީރު ކަމާއި ސިއްޚީ ވުޒާރާގެ ސެޓޭޓް މިނިސްޓަރުކަން ކުރިން ކުރެއްވި ދުންޔާ މިހެން ވިދާޅުވީ، އަވަށްޓެރި ސްރީލަންކާގެ ޓީވީއަކަށް ދެއްވި ބަސްދީގަތުމެއްގައެވެ. އޭނާ ވިދާޅުވީ ހަޤީޤަތަށް ބަލާ ނަމަ ރައީސް ޔާމީންގެ ސަރުކާރުން އިގްތިޞާދީ ގޮތުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށާއި، އެގޮތުން ފަތުރުވެރިކަމާއި ބޭރުގެ އިންވެސްޓަރުން ރާއްޖެ ގެނައުމުގައި ހޯއްދެވި ކާމިޔާބީތައް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ސަރުކާރުގައި ހުރި ރަނގަޅުކަންކަން ފާހަގަ ކުރައްވަމުން ދުންޔާ ވިދާޅުވީ އިގްތިޞާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ރާއްޖެއަށް ކުރިއެރުމާއި ތަރައްޤީ އައިސްފައިވާ ކަމަށެވެ. އަދި ޤައުމަށް ދިމާވެފައި ހުރި ބައެއް ކަންކަން ރައީސް ޔާމީންގެ ޒަޢާމަތުގައި ހައްލުކޮށްދެއްވާފައިވާ ކަން ދުންޔާ ފާހަގަ ކުރެއްވިއެވެ.

ދުންޔާގެ ވާހަކަތަކާ ގުޅިގެން އިދިކޮޅު ސިޔާސީ ބައެއް މީހުންވަނީ ފާޑުކިޔާފައެވެ. އެގޮތުން ދުންޔާ މަސައްކަތް ކުރަނީ، ރިޝްވަތު ދިނުމާއި ޓެރަރިޒަމް ކުށުގެ އިތުރުން ޤާނޫނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ، ދުންޔާގެ ބައްޕާފުޅު މައުމޫން ޢަބްދުލްޤައްޔޫމް މިނިވަން ކުރުމަށް ކަމަށް ބުނެފައިވެއެވެ.

ސަރުކާރަށް ތަޢުރީފުކޮށް ދުންޔާ ވާހަކަ ދެއްކެވިއިރު، ރައީސް މައުމޫނުގެ ފަރާތްޕުޅުން ކުރިން އެންމެ އިސްކޮށް އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރެއްވި ދަރިކަނބަލުން ޔުމްނާ މައުމޫންވެސް ފަހަކަށް އައިސް އިދިކޮޅު ހަރަކާތްތަކުން ފެންނަމުން ނުދާކަން ފާހަގަކުރެވެއެވެ.