ޚަބަރު

ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތް އަލުން ފަށަން ތައްޔާރުވެއްޖެ


ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، އަލުން ފަށަން ތައްޔާރުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ އިރުޝާދުގެ ދަށުން ހައިކޯޓު ދެކުނު ގޮފީގެ މަސައްކަތް އަލުން ފަށަން ތައްޔާރުވެފައި މިވަނީ، މިދިޔަ ފެބްރުއަރީ 6 ވަނަ ދުވަހު ސުޕްރީމް ކޯޓުން ފާސްކޮށްފައިވާ ޤަރާރުގައިވާ ގޮތުގެ މަތީންނެވެ. މި ޤަރާރުގައިވާގޮތުން ހައިކޯޓުގެ ޝަރުޢީ ވަފުދަކުން ދެކުނު ގޮފީގައި މަސައްކަތް ކުރަން ޖެހެއެވެ. އެގޮތުން އެކުލަވާލެވުނު ފުރަތަމަ ވަފުދު އާދިއްތަ ދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތަށް ހައިކޯޓުގެ ދެކުނު ގޮފީގައި މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހައިކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ޝަރީޢަތްތައް އަވަސް ކުރުމުގެ ގޮތުން، ޝަރުޢީ ވަފުދުތައް ދެކުނު ގޮފީގައި މަސައްކަތް ކުރަން ފެށުމުން، ދެކުނު ގޮފީގައި ހުއްޓިފައިވާ މައްސަލަތައް ނިންމުން އަވަސްވެ، އެ މައްސަލަ ތަކުގައި ހިމެނޭ ޚަސްމުން ކުރަން ޖެހޭ ޚަރަދުތައް ކުޑަވެގެންދާނެ ކަމަށް ހައިކޯޓުން ބުނެއެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ މި ދަތުރުފުޅުގައި ދެކުނު ގޮތްޕަށް ހުށަހެޅި، އެ ކޯޓުގައި މިހާރު ރެޖިސްޓްރީ ކޮށްފައިވާ މައްސަލަތައް ބެލުމަށް ހަމަޖެހިފައިވާއިރު، މިއީ ހައިކޯޓުގެ ޝަރުޢީ ވަފުދަކުން މި ގޮތަށް މަސައްކަތް ކުރައްވާ ފުރަތަމަ ފަހަރެވެ.