ޚަބަރު

"އެމްޑަބްލިއުއެސްސީ ރިސައިކަލްސް" މައުރަޒު ފަށައިފި


ތިމާވެށްޓަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބާއްވާ އެމްޑަބްލިއުއެސްސީ ރިސައިކަލްސް އެގްޒިބިޝަން 2018 ފަށައިފިއެވެ.

"ރިވެތި ރާއްޖެ، މަގޭ ރާއްޖެ" ކެމްޕެއިންގެ ދަށުން ބާއްވާ މި މައުރަޒު ކުރިއަށްދަނީ ނެޝަނަލް އާޓް ގެލަރީގައެވެ. ނެޝަނަލް އާޓް ގެލަރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މައުރަޒު ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އެންވަރަމެންޓް އެންޑް އެނަރޖީ ޠާރިޤް އިބުރާހީމްއެވެ.

އެމްޑަބްލިއުއެސްސީ ރިސައިކަލްސްގެ ނަމުގައި ކުރިއަށްގެންދާ މި މައުރަޒަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މައުރަޒެކެވެ. މި މައުރަޒުގައި ބައިވެރިކޮށްފައިވަނީ، ޕްލާސްޓިކް ފުޅިއާއި ހޮޅި، ކޮތަޅު، ޕްލާސްޓިކް އަދި ޕޮލިމަރ ފަދަ ތަކެތި ބޭނުން ކޮށްގެން ތައްޔާރުކޮށްފައިވާ ތަކެއްޗެވެ. ނެޝަނަލް އާޓް ގެލަރީގައި ކުރިއަށްގެންދާ މި މައުރަޒް 4 ދުވަހަށް ކުރިއަށްދާނެކަމަށް އެމްޑަބްލިއު އެސްސީން ބުނެއެވެ.

މި މައުރަޒު ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވާރަމެންޓް އެންޑް އެނަރޖީ ޠާރިޤް އިބުރާހިމް ވިދާޅުވީ ރާއްޖޭގައި ޕްލާސްޓިކްގެ އުފެއްދުންތައް މަދުކުރުމަށާއި ރިސައިކަލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަމަށެވެ. އެގޮތުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި އެމްޑަބްލިއުއެސްސީ ފަދަ ކުންފުނިތަކުން މި މަޤުޞަދު ޙާސިލުކުރުމަށް ކުރާ މަސައްކަތްތައް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ސަހީލް ޖަލީލް ވިދާޅުވީ މިއަހަރުގެ މައުރަޒުގައި ބައިވެރިކޮށްފައިވާ ތަކެތީގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު ދެގުނަ އިތުރުކަމަށެވެ. ޢަބްދުﷲ ސަހީލް ވިދާޅުވީ "ރިވެތި ރާއްޖެ، މަގޭ ރާއްޖެ" ކެމްޕެއިންގެ ދަށުން އިތުރު ގިނަ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދިއުމަށް ރާވާފައިވާކަމަށެވެ.

މި މައުރަޒް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިއަހަރުގެ މައުރަޒުގެ އެކި ކެޓަގަރީތަކުން ވަނަވަނައަށް ދިޔަ ފަރާތްތަކަށާއި، ޖަޖުންނަށް ވަނީ އިނާމާއި ހަނދާނީލިޔުން ދީފައެވެ. މީގެ އިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކެޓަގަރީތަކަކުންވެސް އިނާމުދީފައިވެއެވެ.