ޚަބަރު

ޗައިނާ - ރާއްޖެ ސީދާ ފްލައިޓުތައް އިތުރުކުރުމުގެ މަޝްވަރާ އެބަކުރަން - ޓުއަރިޒަމް މިނިސްޓަރ


ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށްޓަކާ އަހަރު ނިމުމުގެ ކުރިން ދެޤައުމުގެ މެދުގައި އިތުރު ސީދާ ފްލައިޓްތަކުގެ ޚިދުމަތް ފަށާނެކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް، މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޗައިނާގެ ޝިންހުއާ ނިއުސް އެޖެންސީއަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރު ވިދާޅުވީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމުގެ ގޮތުން ޗައިނާއާ، އެހެނިހެން ޤައުމުތަކުގައި ކެންޕެއިންތައް ކުރަމުންދާކަމަށެވެ.
މިނިސްޓަރވިދާޅުވީ ޔޫރަޕުގެ ގިނަ މަންޒިލްތަކަކުން ރާއްޖެއަށް ސީދާ ފްލައިޓްސްތައް މިހާރުވެސް އެއަރބަސްގެ އެންމެ ބޮޑު މަތިންދާ ބޯޓުތައްކަމަށްވާ އޭ380 މެދުވެރިކޮށް ކުރަމުންދާކަމަށެވެ. އަދި ޗައިނާގެ ބޮޑެތި ސިޓީތަކާ ރާއްޖެއާ ދެމެދު އޭ380ގެ ސީދާ ފްލައިޓުތައް އިތުރުކުރުމަށް އެއަރލައިންތަކާއެކު ފަހުގެ މަޝްވަރާތައް މިހަރު ކުރިޔަށްދާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ސީދާ ފްލައިޓުތަކުގެ ޚިދުމަތް ނުލިބޭކަމަށްވާނަމަ ފަތުރުވެރިންނަށް ދަތިވާނެކަމަށެވެ.

ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ދަނީ ޗައިނާގެ ހަންޒޯ، ޗަންޝާ، ޗެންދޫ، ޗޮންކިންގް، ނަންޖިން، ވުހާސް އަދި ޝިއާންއަށް ސީދާ ޝެޑިއުލް ދަތުރުތައް މިހާރުވެސް ކުރަމުންނެވެ. އަނެއްކޮޅުން ޗައިނާގެ ޗައިނާ ސަދަން އެއަރލައިން، ޗައިނާ އީސްޓަން އެއަރލައިން، ކެޕިޓަލް އެއަރލައިންސް އަދި އެއަރ ޗައިނާއިން ދަނީ ރާއްޖެއަށް ޗާޓަރ ފްލައިޓްތައް އޮޕަރޭޓްކުރަމުންނެވެ.

ޗައިނާގެ ޝިންހުއާއަށް ދެއްވި އިންޓަރވިއުގައި މިނިސްޓަރ ވަނީ ރާއްޖޭގެ މައިދޮރާށި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން ކުރިޔަށްގެންދާ ބިލިއަން ޑޮލަރުގެ މަޝްރޫއަކީ ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ކުރިޔަށް ގެންދާ މައި މަޝްރޫއެއްކަން ފާހަގަކޮށްފައެވެ.
މިނިސްޓަރ ޒަމީރުގެ އިންޓަރވިއުގައިވަނީ ޗައިނާއާ ރާއްޖޭގެ ބަދަހިވަމުންދާ ގުޅުމުގެ މައްޗަށްވެސް ބައްލަވާލައްވާފައެވެ. މިގޮތުން ޗައިނާގެ އެހީގައި ރާއްޖޭގައި މިހާތަނަށް ކުރިޔަށް ގެންދިޔަ އެންމެ ބޮޑު ޢުމްރާނީ ތަރައްޤީގެ މަޝްރޫ "ސިނަމާލެ ބްރިޖް"ގެ މަޝްރޫޢާބެހޭ ގޮތުންވެސް ޝިންހުއާއަށް ދެއްވި އިންޓަރވިއުގައި މިނިސްޓަރ ޒަމީރު އަލިއަޅުއްވާލެވިއެވެ.

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަ އެއްޤައުމެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ މިއަދަދު ވަނީ ވޭތުވެދިޔަ 3 އަހަރު ކޮންމެވެސް ވަރަކަށް ދަށަށްގޮސްފައެވެ. މިކަމަށް ޙައްލުހޯދުމުގެ ގޮތުން ރާއްޖެއާ ޗައިނާގެ ސަރުކާރާއި، ކަމާބެހޭ މަސްއޫލުވެރިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

2016ވަނަ އަހަރު ތިން ލައްކަ ސައްވީސްހާސް ތިންސަތޭކަ ސައްބީސް ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، 2017ވަނަ އަހަރު ޗައިނާއިން ރާއްޖެއަށް ތިންސަތޭކަ ފަންސާސް ނުވަ ލައްކަ ފައްސަތޭކަ ސާދަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 29.1 އިންސަތައިގެ ކުރިއެރުމެކެވެ.