ޚަބަރު

މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ފީ ބޮޑުކުރަން ކޮމެޓީން ފާސްކޮށްފި


ރައްޔިތުން މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުން ދައްކަންޖެހޭ އިދާރީ ފީ ބޮޑުކުރަން މަޖިލިސް އިންތިޚާބުގެ ޤާނޫނަށް ހުށަހެޅި އިޞްލާޙު ކޮމެޓީން ފާސްކޮށްފިއެވެ. މިނިވަން މުޢައްސަސާތަކާއި ބެހޭ ކޮމެޓީން އެ އިޞްލާޙު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ސަރުކާރުގެ ފަރާތުން ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފު ހުށަހެޅުއްވި އިޞްލާޙުގައި ބުނެފައިވަނީ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލައްވާ ފަރާތްތަކުން ޑިޕޮސިޓް ފައިސާގެ ގޮތުގައި 15،000 ރުފިޔާ ދައްކަންޖެހޭނެ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގައި ވާގޮތުން މިހާރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ ޑިޕޮސިޓްގެ ފައިސާގެ ޢަދަދަކީ 5000 ރުފިޔާ އެވެ.

މަޖިލިސް އިންތިޚާބުގެ ޤާނޫނަށް އިޞްލާޙު ހުށަހެޅުއްވި ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވީ އެ ޤާނޫނަށް އިޞްލާޙު ހުށަހެޅުއްވީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ބާއްވަންޖެހޭ އެންމެހާ އިންތިޚާބުތަކާއި ބެހޭ ކަންކަން ހިންގުން އިތުރަށް ހަރުދަނާ ކުރުމުގެގޮތުންކަމަށެވެ. އަދި އެ އިންތިޚާބުތަކަކީ މިނިވަން އިންސާފުވެރި، ހާމަކަން ބޮޑު އަދި އިތުބާރުކުރުވަނިވި ގޮތެއްގެ މަތިން ބޭއްވޭ އިންތިޚާބުތަކަކަށް ހެދުމަކީވެސް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ޤާނޫނަށް އިޞްލާޙު ހުށަހެޅުއްވި ސަބަބެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލާ ފަރާތްތަކުން ދައްކަންޖެހޭ އިދާރީ ފީ ބޮޑުކުރަން މަޖިލިސް އިންތިޚާބުގެ ޤާނޫނަށް އިޞްލާޙު ހުށަހަޅާފައިވާއިރު ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ފަރާތްތައްވެސް ދައްކަންޖެހޭ އިދާރީ ފީ ބޮޑު ކުރުމަށް ރިޔާސީ އިންތިޚާބުގެ ޤާނޫނަށްވެސް ވަނީ އިޞްލާޙެއް ހުށަހަޅާފައެވެ. އެގޮތުން ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހަކު ދައްކަންޖެހޭ އިދާރީ ފައިސާގެ އަދަދު 100،000 ރުފިޔާއަށް ކަނޑައެޅުމަށް ރިޔާސީ އިންތިޚާބުގެ ޤާނޫނަށް ވަނީ އިޞްލާޙު ހުށަހަޅާފައެވެ.