ޚަބަރު

އައު ރަންވޭގެ މަސައްކަތް އޯގަސްޓްމަހުގެ ނިޔަލަށް އެއްކޮށް ނިމޭނެ - އެމް.އޭ.ސީ.އެލް


ވެލަނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭގެ މަސައްކަތް އަންނަ އޯގަސްޓްމަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިޤްތިޞާދީ މައިދޮރާށިކަމަށްވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަކީ ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތެކެވެ. އެގޮތުން ރާއްޖޭގެ ތާރީޚުގައި ހިންގާ އެންމެ އަގުބޮޑު އެއް މަޝްރޫޢާއެކު މުޅި އެއަރޕޯޓު މިވަނީ އިންޤިލާބީ ބަދަލަކާ ދިމާއަށް މިޞްރާބު ޖަހާފައެވެ. މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް މަސައްކަތަކީ އާ ރަންވޭގެ މަސައްކަތެވެ. ދުނިޔޭގައި އޮޕަރޭޓްކުރާ އެންމެ ބޮޑެތި މަތިންދާބޯޓު ކަމުގައިވާ A380 މަރުކާގެ ބޯޓު ފަހަރަށްވެސް ފަސޭހަކަމާއެކު ޖެއްސޭ ގޮތަށް ފަރުމާކުރާ މި ރަންވޭއަކީ 3400 މީޓަރު ދިގު އަދި 65 މީޓަރު ފުޅާ ރަންވޭއެކެވެ.

އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ގާތްގަނޑަކަށް 77 ހެކްޓަރުގެ ބިމުގެ ޞަރަޙައްދެއް ހިއްކާފައިވާއިރު، އާ ރަންވޭއަށް ބޭނުންވާ ޞަރަޙައްދުގެ ފަސްގަނޑު ލެވެލްކޮށް ނިންމައި ސަބް-ބޭސް އެޅުމުގެ މަސައްކަތް ފަށާފައިވަނީ 2016 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. ސަބް-ބޭހަކީ ބޮޑެތި ހައިވޭތަކާއި، ރަންވޭ ފަދަ ތަންތަނުގައި ތާރުއެޅުމުގެ ކުރިން، ވެއްޔާއި، ހިލައާއި ހިލަވެލި ބޭނުންކޮށްގެން އަޅާ ކޮންކްރީޓް ބޯ ފަށަލަތަކެކެވެ. ޢާއްމުގޮތެއްގައި ރަންވޭއެއްގެ ތާރު ފަށަލަ އެޅުމުގެ ކުރިން ސަބް-ބޭހުގެ 3 ފަށަލަ އަޅައެވެ. އެގޮތުން އައު ރަންވޭއަށް ބޭނުންވާ ކޮންކްރީޓް ހުރިހާ މަސައްކަތެއް ނިންމައި ތާރު ފަށަލަ އެޅުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މާރޗުމަހުގެ 14ވަނަ ދުވަހެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ތާރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ ރަންވޭގެ އުތުރު ފަރާތުންނެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް 100 އާއި 140 މީޓަރާއި ދެމެދުގެ ޞަރަޙައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާކަން އެމް.އޭ.ސީ.އެލުން ފާހަގަކުރެއެވެ. އައު ރަންވޭއަށް ބޭނުންވާ ފުރަތަމަ ތާރު ފަށަލަ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ނިންމާ، ދެވަނަ ފަށަލައިގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މޭމަހުގެ ތެރޭގައެވެ. އަދި މިހާރު ކުރިއަށްދަނީ އެންމެފަހު ފަށަލަ އެޅުމުގެ މަސައްކަތެވެ.

އައު ރަންވޭގެ މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދީލް މޫސާ ވިދާޅުވީ، އާ ރަންވޭއަށް ބޭނުންވާ ތާރު ފަށަލަ އެޅުމުގެ މަސައްކަތް ވަރަށް ހަލުވި ދުވެލީގައި ކުރިއަށްދާކަމަށެވެ. އަދި މިހާރު ރަންވޭގެ މަސައްކަތް ގާތްގަނޑަކަށް ނިމުމަކާއި ހިސާބަށް ގޮސްފައިވާއިރު، އެންމެ ފަހު ފަށަލަ ނާޅާ މިހާރު އޮތީ ރަންވޭގެ އުތުރުން، ސީޕްލޭން ޓަރމިނަލް ހިމެނޭ ސަރަޙައްދުން ބައެއްގައިކަމަށެވެ. ޢާދިލް ވިދާޅުވިގޮތުގައި އާ ރަންވޭގެ ހުރިހާ މަސައްކަތެއް އޯގަސްޓްމަހުގެ ނިޔަލަށް ނިންމާލާނެކަމުގެ ޔަޤީންކަން މަސައްކަތުގެ ކޮންޓްރެކްޓަރު ވަނީ ދީފައެވެ. އަދި ސެޕްޓެމްބަރ މަހުގެ ތެރޭގައި އެތަނުގައި ޓެސްޓް ފްލައިޓް ޖެއްސުމަށްޓަކާ ހަމަޖައްސަންޖެހޭ ހުރިހާ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މަސައްކަތް މިހާރު އެކުންފުނިން އަންނަނީ ކުރަމުންނެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭއަށް ބޭނުންވާ ތިންވަނަ ތާރު ފަށަލަ އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ރަންވޭގައި ޤާއިމުކުރާ ފިޔުލް ހައިޑްރަންޓްސް އިންސްޓޯލްކުރުމުގެ ހުރިހާ މަސައްކަތެއް ވަނީ ނިންމާފައެވެ. އަދި އެއަރޕޯޓުގައި މިހާރު ބޭނުންކުރަމުންދާ ރަންވޭއާއި އައު ރަންވޭ ގުޅާލުމަށް ބޭނުންވާ ޓެކްސީވޭތަކުގެ މަސައްކަތްވެސް އޯގަސްޓްމަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ.