ޚަބަރު

ހއ. މާފިނޮޅުގައި އެއަރޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި


ހއ. މާފިނޮޅުގައި ސަރުކާރުން ތަރައްޤީކުރާ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މާފިނޮޅު ބިން ހިއްކުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ.

އެރަށުގައި އެއަރޕޯޓް ތަރައްޤީކުރުމަށް 7816 ހެކްޓަރުގެ ސަރަޙައްދެއް ހިއްކުމަށް ހަމަޖެހިފައިވާއިރު، ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން، ބިން ހިއްކުމުގެ އިތުރުން، އެރަށުގައި 888 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓެއް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މާފިނޮޅުގައި ތަރައްޤީކުރަން ހަމަޖެހިފައިވާ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް އެމް.ޓީ.ސީ.ސީގެ ބިން ހިއްކާ ޑްރެޖަރ "މަހާ ޖައްރާފު" މިހާރު އޮތީ އެ ރަށުގައި ބަނދަރުކޮށްފައެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް ފަށާތާ މަހެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މާފިނޮޅުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 1200 މީޓަރުގެ ދިގު ރަންވޭއަކާއެކު ޑޮމެސްޓިކް އެއަރޕޯޓެކެވެ. އަދި މި އެއަރޕޯޓުން އެންމެފަހުގެ ޒަމާނީ ޚިދުމަތްތައް ލިބޭނެއެވެ.

ހއ. މާފިނޮޅުގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށިއިރު، ހދ. ކުޅުދުއްފުށީގައިވެސް ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.