ޚަބަރު

ކުޅުދުއްފުށީ އެއަރޕޯޓުގެ ރަންވޭ އެޅުމަށް ތައްޔާރުވަނީ


ހދ. ކުޅުދުއްފުށީގައި ސަރުކާރުން ތަރައްޤީކުރާ އެއަރޕޯޓުގެ ރަންވޭގައި ތާރުއެޅުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފިއެވެ. ކުޅުދުއްފުށީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކާ ނިންމާ، އެއަރޕޯޓް ހަދާ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ބާރު ދުވެލީގައި ކުރަމުންނެވެ.

ހދ. ކުޅުދުއްފުށީގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ނިންމާ، އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެ ރަށުގައި ސަރުކާރުން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައެވެ. މިއާއެކު ކުޅުދުއްފުށީ އެއަރޕޯޓުގެ މަޝްރޫޢުވެފައިވަނީ މުޅި ބޮޑުތިލަދުންމަތި އެ މަޝްރޫޢަކަށްޓަކާ އެންމެ އިންތިޒާރުކުރަމުންދާ އެއް މަޝްރޫއަށެވެ. ހދ. އަތޮޅުގައި ތަރައްޤީ ކުރާ ދެވަނަ އެއަރޕޯޓުގެ ޢަމަލީ މަސައްކަތް ކުރަމުން އަންނަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީންނެވެ.

ކުޅުދުއްފުށީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މި އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި އެއްކޮށް ނިންމާލާފައިވާއިރު، އެއަރޕޯޓް ހެދުމަށް އެރަށުގެ ފަޅުތެރެއިން 6 ހެކްޓަރުގެ ބިން، އަދި ކުޅިން 9 ހެކްޓަރުގެ ބިން ހިމެނޭހެން ޖުމްލަ 15 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އެހެން ރަށްރަށާއި ޚިލާފަށް ކުޅުދުއްފުށީ ބިން ހިއްކުމުގައި ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކަކާ ކުރިމަތިވި ނަމަވެސް، އެމް.ޓީ.ސީ.ސީން ވަނީ އެގޮންޖެހުންތައް ގިރާކޮށް، ކުޅުދުއްފުށީގައި އެއަރޕޯޓް ހެދުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވާން ފަށާފައެވެ. އެގޮތުން އެރަށުގައި ހިއްކާފާއިވާ ސަރަޙައްދުގެ ބިން އެއްވަރު ކުރުމާއި، ޝޯވ ޕްރޮޓެކްޝަންގެ މަސައްކަތް ކުރަމުންދާއިރު، އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ކުޅުދުއްފުށީ އެއަރޕޯޓް މަޝްރޫޢުގެ ދަށުން 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއާއި، އެއަރ ކްރާފްޓްތައް ޕާކު ކުރުމަށްޓަކާ އޭޕްރަނެއްވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ. ކުޅުދުއްފުށީ އެއަރޕޯޓުގެ ރަންވޭ ހެދުމަށް ބޭނުންވާ ސާމާނު މިހާރު އެރަށަށް ގެންގޮސްފައިވާއިރު، ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް ވަރަށް ކައިރި މުސްތަޤުބަލެއްގައި ފެށިގެންދާނެކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ. މި މަޝްރޫޢުގެ ކަންކަން އުއްމީދުކުރާ ހަލުވި ދުވެލީގައި ކުރިއަށްދާކަން ސަރުކާރުންވެސް ވަނީ ހާމަކޮށްފައެވެ.

12 ހާހަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ކުޅުދުއްފުއްޓަކީ ރާއްޖޭގެ އެންމެ އުތުރުގެ އިޤްތިޞާދީ މައި ހަބުކަމުގައިވާއިރު، ކުޅުދުއްފުށީ އެއަރޕޯޓު ވެގެންދާނީ މި ސަރުކާރުން އެ ސަރަޙައްދުގައި ފަތުރުވެރިކަން ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މުހިއްމު މަޝްރޫޢަކަށެވެ. އަދި މި މަޝްރޫޢު ނިމޭނެ ދުވަހަކަށް ކުޅުދުއްފުށީގެ ރައްޔިތުންވެސް ކެތްމަދުވެފައި ތިބި މިންވަރު އެމީހުންގެ ވާހަކަތަކުން އެގެއެވެ.

ހދ. ކުޅުދުއްފުށީގައި ޒަމާނީ ޚިދުމަތްތަކާއެކު އެއަރޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާއިރު، ހއ. އަތޮޅުގައިވެސް އެއަރޕޯޓެއް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ހއ. މާފިނޮޅުގައި 1200 މީޓަރުގެ ރަންވޭއަކާއެކު ތަރައްޤީކުރާ ޑޮމެސްޓިކް އެއަރޕޯޓުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. މި 2 އެއަރޕޯޓާއެކު ރާއްޖޭގެ އެންމެ އުތުރުގެ ދަތުރުފަތުރުގެ ނިޒާމަށް އިންޤިލާބީ ބަދަލުތަކެއް އާންނާނެކަމަށް ބެލެވޭއިރު، އެ ސަރަޙައްދަށް ފަތުރުވެރިކަން ގެންދިއުމަށްޓަކާ 3000 އެނދު ތަރައްޤީކުރުމަކީ އަމާޒެއްކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.