ޚަބަރު

ރައްޔިތުންނަށް ދަތިވާ ހުރިހާ ކަމެއް މިސަރުކާރުން ހައްލުކޮށް ދޭނެ - މިނިސްޓަރ ޠާރިޤް


ރައްޔިތުންނަށް ދަތިވާ ހުރިހާ ކަމެއް މިސަރުކާރުން ހައްލުކޮށް ދެއްވާނެކަމަށް މިނިސްޓަރ އޮފް އެންވައިރޮންމަންޓް އެންޑް އެނަރޖީ ތާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. އެންވައިރޮންމަންޓް މިނިސްޓަރ މިހެންދާޅުވީ ހއ. އިހަވަންދޫ ނަރުދަމާ ނިޒާމުގެ ޚިދުމަތް އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވައިރޮންމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ ރައްޔިތުނުންނަށް ދަތިވާ ހުރިހާ މައްސަލަތަކެއްގެ ހައްލު މި ސަރުކާރުން ހޯދައިދެމުން ގެންދާކަމަށެވެ. އެގޮތުން ކަރަންޓުގެ މަސައްލަ ބޮޑުވެފައިވަނިކޮށް، ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ އަހަރު ރާއްޖޭގެ ހުރިހާ ރަށަކަށް 24ގަޑިއިރު ކަރަންޓު ލިބޭނެ ގޮތް ހެދުމާއި، މާލެއާއި އަތޮޅުތެރޭގައި ކަރަންޓުގެ އަގު އެއްހަމައަކަށް ގެނައުމާއި، މިހާރު ކުރިއަށްގެންދާ އިއާދަކުރަނިވި ހަކަތައިގެ ބިޔަ މަޝްރޫޢުގެ މަސައްކަތް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރު އައިއިރު، ރާއްޖޭގައި ނަރުދާ ނިޒާމް ޤާއިމުކޮށްފައިވަނީ އެންމެ ތިރީސް އެއް ރަށުގައިކަމަށާއި، ނަމަވެސް މި ފަސްއަހަރު އެކަނިވެސް 22 ރަށުގެ ނަރުދަމާގެ މަސައްކަތް އެއްކޮށް ނިންމާ، އިތުރު 60 ރަށުގެ ނަރުދަމާ އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިހަވަންދުގައި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައިވާއިރު،
އެރަށުގައި ޤާއިމްކުރި ނަރުދަމާ ނިޒާމުގެ ޚިދުމަތް 482ގެ އަށް މިހާރު ލިބެމުންދެއެވެ. 2016 ވަނަ އަހަރުގެ މެއިމަހު ފެށި، މި މަޝްރުޢުގެ މަސައްކަތް އެއްކޮށް ނިމުނީ މިދިޔައަހަރުގެ އޭޕްރިލްމަހުގައެވެ. މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްްޑަބްލިއުއެސްސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މިމަޝްރޫޢަށް ސަރުކާރުން 62 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

އިހަވަންދޫގައި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމަށް ކުރިއަށް ގެންދިޔަ މަޝްރުޢުގެދަށުން އެރަށުގައި 5 ޕަމްޕް ސްޓޭޝަނާއި، 13.6 ކިލޯމީޓަރުގެ ނަރުދަމާގެ ވިއުގައެއް ޤާއިމްކޮށް، ނަޖިސް ބޭރުކުރުމަށް، 100 މީޓަރުގެ އައުޓްފޯލް ނެޓްވޯކެއް އަޅާފައިވެއެވެ. އިހަވަންދޫ ނަރުދަމާގެ ނިޒާމް ހިންގާ ބަލެހެއްޓުން ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.

އިހަވަންދޫގައި ނަރުދަމާ ނިޒާމުގެ ޚިދުމަތުގެ އިތުރުން، ސާފު ފެން ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ މަސައްކަތް މިހާރުވަނީ އެއްކޮށް ނިންމާ ޚިދުމަތް ދޭން ފަށާފައެވެ. އަދި އަވިން ހަކަތަ އުފައްދާ ނިޒާމުގެ މަސައްކަތްވެސް ފަށައިގެން ކުރިއަށްދާއިރު، މި މަޝްރޫޢުގެ ދަށުން އެރަށުގައި 330 ކިލޯވޮޓްގެ އިޔާދަކުރަނިވި ހަކަތަ އުފައްދާ ބޭނުންކުރުމަށްވަނީ ހަމަޖެހިފައެވެ.