ލައިފް ސްޓައިލް

ބަދަލުހިފުމުގެ ގޮތުން 292 ކިނބޫ މަރާލައިފި


އިންޑޮނޭޝިޔާގެ ވެސްޓް ޕަޕުއާ ޕްރޮވިންސްގައި ކިނބުލެއް ދިން ހަމަލާއެއްގައި މީހަކު މަރުވުމާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން އެސަރަޙައްދުގެ ބަޔަކު ނިކުމެ 300 އެއްހާ ކިނބޫ މަރާލައިފިއެވެ.
އިންޑޮނޭޝިޔާގެ އިރުމަތީގައި އޮންނަ ވެސްޓް ޕަޕުއާ ޕްރޮވިންސްގައި ހޮނިހިރު ދުވަހު މިހާދިސާ ހިނގާފައިވަނީ، ކިނބޫދިން ހަމާލާގައި މަރުވި މީހާގެ ޖަނާޒާއަށްފަހުއެވެ.
ޚަބަރުތައް ބުނާގޮތުން ޖަނާޒާއަށްފަހު އެތައް ބަޔަކު ވަނީ ވަޅިއާއި އެހެން ބައެއް ތޫނު ހަތިޔާރު ބޭނުންކޮށްގެން ކިނބޫތަކަށް ހަމަލާދީ މަރާލާފައެވެ. 292 ކިނބޫ މަރާލާފައިވާއިރު، މިއީ ކަމާބެހޭ ފަރާތްތަކުގެ ހުއްދައާއެކު ހިމާޔަތްކޮށްގެން ވަކި ސަރަޙައްދެއްގައި ގެންގުޅެމުންދިޔަ ކިނބޫތަކެކެވެ. ނަމަވެސް އެކަމުގައި ހަރަކާތްތެރިވި މީހުން ގިނަކަމުން ފުލުހުންނަށްވެސް އެކަން ކޮންޓްރޯލް ނުކުރެވުނުކަމަށް ޚަބަރުތައް ބުނެއެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނިގޮތުގައި ކިނބޫ ހަމަލާދީފައިވަނީ، ކިނބޫ ގެންގުޅެން ޚާއްސަކޮށްފައިވާ ސަރަޙައްދަށް ވަނތް މީހަކަށެވެ. އަދި އެމީހާ އެތަނަށް ވަނީ ޖަނަވާރަށް ކާންދޭ ވިނައާއި ފަތް ހޯދުމަށްކަމަށް ބައެއް މީހުން ބުނެއެވެ.
މަރާލި ކިނބޫތަކަކީ، ހިމާޔަތްކޮށްގެން ވަކި ސަރަޙައްދެއްގައި ގެންގުޅެމުން ދިޔަ ކިނބޫތަކަކަށްވުމުން އެކަމުގައި ޝާމިލުވާ މީހުންނަށް އަދަބު އަންނާނެކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެގޮތުން ފައިސާގެ ޖޫރިމަނާއެއް ނުވަތަ ޖަލު ހުކުމެއް އައުމަކީވެސް އެކަށީގެންވާކަމެކެވެ.