ކުޅިވަރު

ފައިނަލަށް ފްރާންސް ހިތްވަރު ހޯދަނީ ކުރީގެ ހަނދާންތަކުން!


ބެލްޖިއަމް އަތުން މޮޅުވެ އޭނާގެ ޓީމު ޗޭންޖިން ރޫމަށް ދިއުމާއެކު ފްރާންސްގެ ރައީސް އެމަނުއަލް މެކްރޯން ވެސް އަވަސް އަވަހަށް ޗޭންޖިން ރޫމަށް ދިޔަ އެވެ.

"މުޅި ގައުމުވަނީ އުފަލުން ފޮޅިފައި. ފްރާންސްގައި ދަނީ ވަރަށް ބޮޑަށް އުފާފާޅު ކުރަމުން. އެންމެން ވެސް ތިބީ ޓީމާ މެދު ފަހުރުވެރިވެފައި. ވަރަށް ބޮޑަށް ޝުކުރިއްޔާ،" ޗޭންޖިން ރޫމުގައި ހުރެ ރައީސް ވިދާޅުވި އެވެ. އެއަށްފަހު ކޮންމެ ކުޅުންތެރިޔާ ކޮނޑާކޮނޑުޖައްސައި ސަލާމްކުރި އެވެ.

އެވަގުތު އޭނާ އަށް ހިނިފުޅުވެޑުވުނީ ޑިފެންޑަރު ބެންޖަމިން މެންޑީއާ ސަލާމްކުރި ވަގުތު އެވެ. އޭނާ އަކީ ފްރާންސް ޓީމުގެ ރަސްމީ ޖޯކަރެވެ. އޭނާ ރައީސަށް ލަވަކިޔައިދީ އުފާފާޅު ކުރަން ފެށި އެވެ. އެއާއެކު ޗޭންޖިންރޫމުގައި ތިބި އެންމެން ވެސް އޭނާއާ ބައިވެރިވެ އުފާފާޅުކުރި އެވެ. ދެން ފެށުނީ އެކަކު އަނެކަކު ގަޔަށް ފެންޖެހުމެވެ. އެއަށްފަހު ކުޅުންތެރިން ތަކުރާރުކޮށް ބުނީ މިހެންނެވެ.

"އަހަރުމެން މިތިބީ ފައިނަލުގައި. އަހަރުމެން މިތިބީ ފައިނަލުގައި. އަހަރުމެން މިތިބީ ފައިނަލުގައި،" ކަމަށެވެ.
ކޯޗު ޑިޑިއޭ ޑެޝޯން އެއަށްފަހު ޓީމާ ވާހަދެއްކި އެވެ.

"އަހަރެން ކަލޭމެންނާ މެދު ފަހުރުވެރިވަން. ކަލޭމެން ކުޅެ ނިންމާލީ ވަރަށް މޮޅު މެޗެއް. އެކަމަކު މިއީ ނިމުމެއްނޫން. ވޯލްޑް ކަޕުގައި އަހަރުމެން މަތިން މީހުން ހަނދާން ހުންނާނީ ތަށި ހޯދައިގެން،" 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ފްރާންސަށް ހޯދައިދިން ކެޕްޓަން ޑެޝޯން ކުޅުންތެރިންނާ މުހާތަބްކޮށް ބުންޏެވެ.

ފްރާންސް ފައިނަލަށް ދިއުމުން ޒުވާން ބައެއް ކުޅުންތެރިން ތިބީ އެކަން ގަބޫލުކުރަން ވެސް ދަތިވެފަ އެވެ. އޭގެ ތެރޭގައި ޑިފެންޑަރު ޕަވާޑާއި ފޯވަޑް ކޭލިއަން އެމްބާޕޭ އާއި އޮސްމާނޭ ޑެމްބޭލޭ ހިމެނެ އެވެ. އުމުރުން 19 އަހަރުގައި ވޯލްޑް ކަޕުގެ ފައިނަލަށް މިރޭ ނުކުންނައިރު އެމްޕާބޭ އަކީ ފްރާންސްގައި ޑްރައިވިން ލައިސަންސް ވެސް ނޯންނަ ޅަ ކުއްޖެކެވެ.

އެކަމަކު ސީނިއާ ކުޅުންތެރިން ދަނީ މި ކުޅުންތެރިންނަށް ވެސް މަގު ދައްކަމުންނެވެ. ބެލްޖިއަމް މެޗަށް ފަހު ޗޭންޖިން ރޫމަށް ދިޔަ މަގުމަތީގައި ލީޑް ނެގީ ޑިފެންޑަރު ބްލައިސް މަޓުއިޑީ އެވެ. އޭނާ ކުޅުންތެރިން ގާތުގައި އަޑުހަރުކޮށް ބުނީ މިހެންނެވެ.

"(ފައިނަލަށް ދިއުން) މިއީ އަދި އެއްވެސް އެއްޗެއްނޫން. އަހަރުމެން ހަދައިގެން ނުވާނެ 2016ގައި (ޔޫރޯ) ހެދިގޮތަށް (ޕޯޗުގަލް އަތުން ބަލިވުން). އަދި އެއް މެޗު އެބައޮތް. އެ މެޗު ކާމިޔާބުކުރަންވީ. އެއަށްފަހު އަހަރުމެން އުފާފާޅު ކުރަންވީ،" މަޓުއިޑީ ބުންޏެވެ.

ކޯޗު ޑެޝޯން ވަނީ ފައިނަލަށް ދިއުމުން ކުޅުންތެރިންނަށް އެއް ދުވަހުގެ ޗުއްޓީ އެއްވެސް ދީފަ އެވެ. މި ގޮތުން ޓްރޭނިން ކޭމްޕަށް ނުގޮސް އޭނާ ނިންމީ ރަޝިޔާގެ ވެރިރަށް މޮސްކޯގައި ތިބުމަށެވެ. އެއީ ދަތުރުކުރުމުގެ ބަދަލުގައި އަރާމުކޮށް އާއިލާ އާއި ލޯބިވެރިންނާ ބައްދަލުކޮށް ކުޅުންތެރިން މެޗަށް ތައްޔާރުވުމަށް ފުރުސަތު ދިނުމަށެވެ. ކުޅުންތެރިންގެ އަނބިންނާއި ދަރިންނާއި ލޯބިވެރިން މައިންބަފައިން ވެސް މިވަގުތު ތިބީ މޮސްކޯގަ އެވެ. މީގެ ތެރެއިން މުބާރާތް ފެށުނީއްސުރެ ދަރިފުޅަށް ހިތްވަރުދިނުމަށް ފްރާންސްގައި ހުރި މީހަކީ މިޑްފީލްޑަރު ޕައުލް ޕޮގްބާގެ މަންމަ އެވެ.

ކުޅުންތެރިންނަށް ދީފައިވާ ޗުއްޓީ ދުވަހު ލޯތްބާއި ކުލުނުން ފުރިފައިވާ އުފާވެރި މަންޒަރުތަކެއް ފްރާންސްގެ ކުޅުންތެރިންގެ ފަރާތުން ވަނީ ފެނިފަ އެވެ. މިހެންވެ އެ މަންޒަރު ސިފަކޮށްދޭ މީހުންގެ ހިތަށް ވެރިވެފައިވަނީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ފްރާންސްގެ ލޯރަންޓް ބްލޮންކް ކީޕަރު ފަބިއަން ބާތޭޒްގެ ބޮލަށް ކޮންމެ މެޗެއް ފެށުމުގެ ކުރިން ދޮންދީ އުޅުނު މަންޒަރެވެ. އެއީ އެފަހަރުގެ ވޯލްޑްކަޕުގައި ފްރާންސްގެ ކާމިޔާބީގެ އެއް ނިޝާންވެސްމެ އެވެ. މިފަހަރު ވެސް މެޗުގެ ކުރިން އެފަދަ އުފާވެރި ކަންތައްތަކެއްގެ ތެރެއިން ފައިނަލަށް ފްރާންސް ނުކުންނަނީ ފުރިހަމަ ބާރާއި އިތުބާރާއެކުގަ އެވެ. ކުރީގެ ތަޖުރިބާތަކުން އިބްރަތް ހާސިލްކޮށް ކުރިއަށްވުރެ ފުދިފައިވާ ޓީމެއްގެ ގޮތުގަ އެވެ.