ޚަބަރު

ރައީސް ޔާމީނަށް ޙަމަލައެއް އަންނާނީ އަޅުގަނޑުގެ މޭ ފޫ އަޅުވާލުމަށްފަހު: ޑރ. ޝަހީމް


ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ މޭ ފޫ އަޅުވާލައިފައި ނޫން ގޮތަކަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ޢަބްދުލްޤައްޔޫމްގެ ހަށިކޮޅަށް ޙަމަލާއެއް ނާންނާނެ ކަމަށް ރައީސް ޢަބްދުﷲ ޔާމީންގެ ރަނިންގ މޭޓަކަށް ހަމަޖައްސާފައިވާ ޑރ. ޝަހީމް ވިދާޅުވެއްޖެއެވެ.
"މައި ނޭޝަން، މައި ފިއުޗަރ"ގެ ނަމުގައި ރޭ ދަރުބާރުގޭގައި ފެށި ސިލްސިލާ ފޯރަމްގައި އެމަނިކުފާނަށް ޒުވާނަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ މިހާތަނަށް ރާއްޖެ ދުށް އެންމެ އިޚްލާސްތެރި ނާއިބު ރައީސަށް އެމަނިކުފާނު ވެވަޑައިގަންނަވާނެ ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ރަނިންގ މޭޓުކަން އެމަނިކުފާނަށް ދެއްވާނެކަން އެނގިވަޑައިގެންނެވި ހިސާބުން ފެށިގެން ރާއްޖޭގެ ވަރަށް ގިނަ ޢިލްމުވެރިންނާއި އުސްތާޒުންނާއި ސުވާލުކޮށް ޚިޔާލު ބަދަލު ކުރެއްވި ކަމަށެވެ. އެ ހުރިހާ ފަރާތްތަކުންވެސް ދެއްކެވި އެއް ވާހަކައެއް އޮތް ކަމަށާއި އެއީ ރައީސުލްޖުމްހޫރިއްޔާއަށް ވަފާތެރިވުން ކަމަށް ޑރ. ޝަހީމްގެ ވާހަކަފުޅުގައި ވިދާޅުވި.

"އަޅުގަނޑު އިންޝާﷲ ރައީސް ޔާމީނަށް ވަފާތެރިވާނަން. އަދި ރައީސުލްޖުމްހޫރިއްޔާއާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅަށް ދަތިވާ އެއްވެސް ކަމެއް އަޅުގަނޑުގެ ފަރާތަކުންނެއް ނުފެންނާނެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅަށް ހަމަލާއެއް އަރާނީ އަޅުގަނޑުގެ މޭ ފޫ އަޅުވާލައިފައޭ އަޅުގަނޑު ދަންނަވާނީ،" އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރގެ މަޤާމުވެސް ފުރުއްވާ ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސް ޢަބްދުﷲ ޔާމީނަށް ކާމިޔާބު ކުރެވިއްޖެ ކަމަށްވާނަމަ ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ޙައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވަންޖެހޭ އެހީތެރިކަން އެންމެ ފުރިހަމަ ގޮތުގައި ދެއްވާނެ ކަމަށެވެ.

"އަޅުގަނޑުގެ ގާތުން ލަފައަކަށް އައްސަވާނަމަ އަޅުގަނޑަށް ފެންނަ އެންމެ ހެޔޮ ލަފާ އަޅުގަނޑު އަރުވާނަން. ވަރަށް އިޚްލާސްތެރިވާނަން. ޤައުމުގެ ހަމަޖެހުމާއި ސުލްޙަވެރިކަން ކުރިއަށް ނެރޭނަން. ބަޣާވާތެއް ނުކުރާނަން، ބަޣާވާތެއްގައި ބައިވެރިއެއްވެސް ނުވާނަން،" ޑރ. ޝަހީމް ވިދާޅުވިއެވެ.

މި ފޯރަމްގައި ގިނަ ޢަދަދެއްގެ ޒުވާނުން ބައިވެރިވިއިރު ޑރ. ޝަހީމް ވަނީ އެމަނިކުފާނާ ސުވާލުކުރެއްވި ހުރިހާ ޒުވާނުންގެ ސުވާލުތަކަކަށްވެސް ޖަވާބު ދެއްވާފައެވެ. މި ރަސްމިއްޔާތު ނިންމާލުމަށްފަހު އޮތް ބިލެތްމީރު ކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްވެސް ވަނީ ޒުވާނުންނާއި ބައްދަލުކުރައްވާފައެވެ. އަދި ބައެއް ވަޒީރުންވެސް އެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަތެވެ.
މި ފޯރަމްގައި ބައިވެރިވި ބައެއް ޒުވާނުން ބުނީ ޑރ. ޝަހީމްގެ ވާހަކަތަކުން ޢިލްމީ ގޮތުންވެސް އެތައް މަޢުލޫމާތުތަކަކާއި އަދި ކުރިއަށް އޮތް ފަސް އަހަރު ރައީސް ޔާމީން ޒުވާނުންނަށް ގެންގުޅުއްވާ ތަޞައްވަރު ވަރަށް ބޮޑަށް ހާމަވެގެން ހިނގައްޖެ ކަމަށެވެ.