ޚަބަރު

ފުލެޓު ތަކުގެ ސަލާމަތީކަންކަން ބެލެހެއްޓުން ފުލުހުންނާ ޙަވާލުކޮށްފި


މާލޭ ސަރަޙައްދުގައި ހުރި ޢާއްމު ފްލެޓުތަކުގެ ސަލާމަތީކަންކަން އިތުރު ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާ ސްޓްރަކްޗަރ އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމާއެކު ސިނަމާލެާއި މާލެ ހިޔާގެ އިތުރުން ވިލިމާލޭގައި ހުންނަ ސަރުކާރުގެ ފްލެޓްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ ގޮތުން ސީ.ސީ.ޓީ.ވީ ހަރުކޮށް ސަލާމަތީކަންކަން ބެލެހެއްޓުން ފުލުހުންނާ ވަނީ ހަވާލުކޮށްފައެވެ. މި އެއްބަސްވުމުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒު. އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ފަރާތުން ސޮއި ކުރެއްވާފައިވަނީ އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްމަށްފަހު، މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވަނީ މި އެއްބަސްވުމަކީ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުމުގެ ގޮތުން ފެށްޓެވި މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ.

ކުރިން މި ފްލެޓްތައް މާލޭސިޓީ ކައުންސިލް ގެ ބެލުމުގެ ދަށުގައި ހުރިއިރު، ފްލެޓްތަކުގެ ސަލާމަތީ ކަންކަމާމެދު ޢާންމުންގެ ފަރާތުން ހުށަހެޅި ގިނަ ޝަކުވާތައް ހައްލުކުރުމަށް އެކައުންސިލުން އެދެވޭ މަސައްކަތެއް ކޮށްފައި ނުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ފްލެޓު ތައް ހުންނަ ސަރަޙައްދުތަކުގައި ކުށްކުރުން ގިނަވެގެން ޢާންމު ހުށަހަޅާފައިވާ ޝަކުވާތައް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިއެއްބަސްވުމުގެ ސަބަބުން ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ވީހާވެސް ރަނަގޅު ސެކިއުރިޓީ މެކޭނިޒަމެއް، ޤާއިމްކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރާނެކަމަށެވެ. އަދި މިހާތަނަށް މިކަމާގުޅޭގޮތުން މުހިއްމު ދިރާސާތަކެއް ކޮށް، ބޭނުތެރި މަޢުލޫމާތު ހޯދާފައިވާކަންވެސް ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ހާމަކުރައްވާފައެވެ.

އެގޮތުން، ފްލެޓްތައް ހިމެނޭ ސަރަޙައްދުތަކަށް ބޭނުންވާ ކެމެރާ ތަކުގެ ޢަދަދާއި، ކެމެރާ ހަރުކުރުން އެންމެ ބޭނުންތެރި ސަރަޙައްދުތައް މިހާރުވާނީ ދެނެގަނެވިފައިކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ. މާލޭގެ ފްލެޓުތައް މާލެ ސިޓީ ކައުންސލް ގެ ބެލުމުގެ ދަށުގައި އޮތުމަށްފަހު، މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އަށް ބަދަލުކުރީ މީގެ ކުޑަ ދުވަސް ކޮޅެއްކުރިންކަން ފާހަގަކޮށްލެވެއެވެ.