ކޯލިޝަން ހަދައިގެން އެކުލަވާލާ ސަރުކާރެއް ހިންގުމަކީ ފަސޭހަކަމެއް ނޫންކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވުމަކީ ވަރަށް ނާދިރު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މީމުއަތޮޅު ކޮޅުފުށީ ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ ކޯލިޝަން ސަރުކާރެއް ހިންގުމަކީ އެއްވެސް ރައީސަކަށް ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެހެން އެކަން ވާންޖެހެނީ އެއް ބައެއްގެ ޚިޔާލާއި ފިކުރުގެތެރެއަށް އެހެން ބައެއްގެ ވިސްނުމާއި ފިކުރު އެއްކުރަން ޖެހުމުން ކަމަށާ، އެއާއެކު ގިނަމައްސަލަތައް އުފެދި ކޯލިޝަންތައް ރޫޅާލަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
2008 ވަނަ އަހަރު އެމްޑީޕީން ރާއްޖޭގެ ވެރިކަމަށް އައީ ކޯލިޝަނަކުން ކަން ފާހަގަކުރައްވައި ރައީސްވަނީ މާގިނަ ދުވަސްތަކެއްނުވެ އެކޯލިޝަން ރޫޅިގެން ދިޔަ ކަން ފާހަގަކުރައްވާފައެވެ. އަދި ކޯލިޝަން ހަދައިގެން މަސައްކަތްކުރާއިރު، ދިމާވާ މައްސަލަތަކެއް ހުންނަކަމަށާއި އެތަޖުރިބާއަށް ބިނާކޮށް ކޯލިޝަން ސަރުކާރެއް ހިންގުމަކީ ރާއްޖޭގައި ވުމަށްވުރެ ނުވުން ގާތްކަމެއްކަން ހާމަކޮށް އޭރުގެ ރައީސް ނަޝީދު އެވާހަކަތައް ދިވެހި ރައްޔިތުންނަށް ހާމަކޮށްދެއްވާފައިވާކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މިސަރުކާރުވެސް ވެރިކަމަށް އައީ ކޯލިޝަނަކުން ކަމަށާއި އެހެންނަމަވެސް، އެކި ޕާޓީތަކުގެ ފިކުރަށްއައި "ތަޣައްޔަރުކަމެއްގެ" ސަބަބުން ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކޯލިޝަން ރޫޅިގެން ދިޔަކަމަށެވެ.
ރައީސް ވިދާޅުވީ ކޯލިޝަނެއްގެ ތެރެއިން ސަރުކާރު ހިންގާނަމަ އެކި ވުޒާރާތައް، ބެހިގެންދަނީ އެކި ޕާޓީތަކަށް ކަމަށާއި، އެކަމުގެ ސަބަބުން ތަރައްޤީގެ މަސައްކަތްތައް ހިންގުމުގެ ދުވެއްޔަށް އަސަރުކުރާނެކަމަށެވެ. އަދި އެފަދަ ކޯލިޝަނަކާ ނުލައި އެއް ޕާޓީއަކުން ވެރިކަން ކުރާނަމަ، ތަރައްޤީގެ މަސައްކަތްތައް ހަލުވި ދުވެލީގައި ބާރަށް ކުރިއަށްދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތައް ހަލުވި ދުވެލީގައި ބާރަށް ކުރިއަށް ދަނީ މިހާރުގެ ސަރުކާރުގައި ސައްތައިން ސައްތަ ޕީޕީއެމްގެ ކެބިނެޓެއް އޮތުމުން ކަމަށާ މިއަދު މިފެންނަނީ އެތަފާތުކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކޮޅުފުއްޓަށް ވަޑައިގެން އެރަށުގައި ސަރުކާރުން ޤާއިމްކުރި ބަނދަރު އިފްތިތާޚް ކޮށްދެއްވިއިރު، އެ މަނިކުފާނުވަނީ އެ އަތޮޅު ދިއްގަރާއި މުއްޔަށް ވަޑައިގެން އެދެރަށުގައި ސަރުކާރުން ކުރިއަށް ގެންދިޔަ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް އިފްތިތާޙްކޮށް ދެއްވާފައެވެ.