މ.މުލީގެ ބިންހިއްކުމުގެ މަސައްކަތުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުލް ޔާމިން ޢަބްދުލްޤައްޔޫމް އިފްތިތާޙްކޮށްދެއްވައިފިއެވެ. އެރަށުގެ ބިމުގެ ޖާގަ އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫޢުއާއިއެކު މުލަކުގެ ބިންވަނީ ދެގުނައަށް އިތުރުވެފައެވެ.
ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުންދަނީ ބިންހިއްކައި ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެއަރޕޯޓްގެ މަޝްރޫޢުތަކާއި، ސިނާޢީ މަސައްކަތްކުރުމާއި، ހައުސިންގ ޔުނިޓްގެ މަޝްރޫޢުތަކަށް ބިން އިތުރުކުރުމުގެ މަޝްރޫޢުތައްވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންގޮސްފައިވާ އެއް ރަށަކީ މުލަކުއަތޮޅު މުލީއެވެ. އެރަށު ބިމުން 40 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، މި މަޝްރޫޢުގެ ސަބަބުން އެރަށުގެ ބިންވަނީ ދެގުނައަށް އިތުރުވެފައެވެ. 138 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުއަކީ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރުއުއެކެވެ. 2015ވަނަ އަހަރުގެ އޭޕްރިލްމަހު ފެށި މި މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ މިދިޔައަހަރުގެތެރޭގައެވެ.
މުލީ ބިންހިއްކުމުގެ މަސައްކަތް ނިމުން ފާހަގަކޮށް ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ރަޢީސް އެދިވަޑައިގަންނަވާގޮތަށް، މުލީ ހިއްކިބިން ތަރައްޤީކުރާނީ ރައްޔިތުންނަށް ބޮޑެތި މަންފާތައް ލިބޭގޮތަށްކަމަށެވެ.
މިނސްޓަރގެ ވާހަކަފުޅުގައިވަނީ އިދިކޮޅުފަރާތްތަކުގެ ސިޔާސަތުތަކަށް ވަރަށްބޮޑަށް ފާޑުކިޔާފައެވެ. މިނިސްޓަރ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތަކީ، ބޭރުގެ ޤައުމުތަކާއި ގުޅިގެން ރާއްޖޭގެ ކަންކަން އިސްލާހުކުރުމަށްކަމަށްބުނެ ރާއްޖެއަށް ފިއްތުންތައް ކުރިމަތިކުރުންކަމަށެވެ. އަދި ކުރީގެ ސަރުކާރުން ރާއްޖެއާއި އިސްލާމީ ޤަޢުމުތަކާ ދެމެދު އޮތް ގުޅުން ހީނަރުކުރިކަމަށާއި، ނަމަވެސް އެ ގުޅުން ދަމަހައްޓައި ޚާރިޖީ ސިޔާސަތު ހަރުދަނާކޮށް، ދިވެހި ރާއްޖެއަށް ހަމަޖެހުންގެނައީ ރަޢީސް ޔާމިންގެ މިންނެތް މަސައްކަތުންކަމަށް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ 23 ސެޕްޓެމްބަރަކީ، ރައްޔިތުން ފުރުސަތުދޭނީ ޤައުމު އާރާސްތުކޮށް ކޮޅަށްޖެހި ރަޢީސްއަށްތޯ ނުުވަތަ ޤައުމު އަނދަވަޅަކަށް ވައްޓާލި ރަޢީސަށްތޯ ނިންމާ ދުވަސްކަމަށެވެ. އަދި ރައްޔިތުން ތިބީ ތަރައްޤީއާ އެކު ކަމަށާ، ރައީސް ޔާމީން ހުންނެވީ ދިވެހި ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ ގެނެސްދިނުމަށްކަން މި ވޭތުވެެދިޔަ 4 އަހަރުގެ ތެރޭގައި މި ސަރުކާރުން ޤައުމަށް ގެނެސްދީފައިވާ ތަރައްޤީ ހެކިދޭނެކަމަށެވެ.