ޚަބަރު

މި މަހުގެ ތެރޭގައި އީޔޫއިން ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ: ރައީސް


މި މަހު މެދެއްހާ ހިސާބުގައި ޔޫރަޕިއަން ޔޫނިއަން، އީޔޫއިން ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މ. ދިއްގަރު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ބަންދުގައި ތިބ ސިޔާސީ ލީޑަރުންތަކެއް މިނިވަންނުކޮށްގެންނާއި ވަކިކަންތައްތަކެއް ނުކޮށްގެންކަމަށް ބުނެ ސަރުކާރާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިޔޫން ދީފައިވާކަމަށެވެ.

އީޔޫ އިން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިވެހި ސަރުކާރަށް ދީފައިވަނީ ސަރުކާރުން ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއިއެކު ޤާނޫނު ހިންގަމުން ގެންދާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އީޔޫގެ އިންޒާރުތަކުގެ ސަބަބުން ސަރުކާރުން ގެންގުޅޭ ސިޔާސަތު ބަދަލު ނުކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ސަރުކާރުން ގެންގުޅޭނެ ވަކި ހަމަތަކަކާއި އުސޫލުތަކެއް ހުންނާނެ ކަމަށާއި އެ އުސޫލުތައް އީޔޫގެ އިންޒާރުތަކުގެ ސަބަބުން ދޫ ނުކުރެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރިން އެބޭފުޅުން {އީޔޫ} އާއިއެކު މަޝްވަރާ ކުރުމަށް. ނަމަވެސް އެބޭފުޅުން ތިބީ ވަކި ގޮތެއް މާކުރިން ނިންމައިގެން. އެހެންވީމަ ވަކި ގޮތެއް ނިންމައިގެން ތިބި ބަޔަކާއެއް މަޝްވަރާ ކުރެވޭނެ އިތުރު ގޮތެއް ނޯންނާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ސަރުކާރަށް އެކި ފަހަރުތަކުގެ މަތިން ލޮޅުންތައް އަރައިފި ކަމަށެވެ. އަދި އެފަދަ ލޮޅުންތައް އަރައިގެން ދިޔައީ ވަކި ބައެއްގެ ސަބަބުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ދިވެހިން ބޭނުންވާ ގޮތް ނިންމުމަށް ބޭރުގެ އިއްތިހާދުތަކުން ގޮތް ކިޔަން ނުޖެހޭ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

" އެފަދަ ބޭފުޅުންގެ ސަބަބުން އަޅުގަނޑުމެންނަށް އަދަބު ލިބިގެން މިދަނީ. ދިވެހި ރައްޔިތުން މިކަންކަމަށް ހޭލަން ވެއްޖެ. އަޅުގަނޑުމެންނަށް ފިލާވަޅު ދަސްކޮށްދޭ މީހުން މި ފިލާވަޅުތައް ދަސްކޮށް މި ދެނީ އަޅުގަނޑުމެން ޤާނޫނަށް ބޯލަނބާތީ ކަމަށްވަންޏާ މި ފިލާވަޅުތައް އަޅުގަނޑުމެން ދަސްކުރަން ވެއްޖެ." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ އީޔޫ އިން ހިތްހަމަ ނުޖެހެނީ އިސްލާމްދީން ނޫން އެހެން ދީނަކަށް ރާއްޖޭގައި ފުރުސަތު ނުދޭތީއާއި އިސްލާމީ އުސޫލްތައް ހިފަހައްޓަން ސަރުކާރުން މަސައްކަތްކުރަމުންދާތީކަމަށެވެ.