ކުޅިވަރު

ފްރާންސްގެ އުއްމީދުތައް ފެނަށް ދުއްވާލުމަށް ހަޒާޑް ނުކުންނަނީ


ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑަކީ ފްރާންސްގެ ފުޓްބޯޅަ ސިސްޓަމުގެ ތެރެއިން ތައާރަފްވި ކުޅުންތެރިއެކެވެ.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދިއުމަށް ފްރާންސާ ދެކޮޅަށް ނުކުންނަ ބެލްޖިއަމް ޓީމުގެ ކެޕްޓަނަކީ އޭނާ އެވެ. މިހެންވެ މި މެޗުގެ ކުރިން އެންމެ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވާ ކުޅުންތެރިއަކީ ވެސް އޭނާ އެވެ.

ފްރާންސްގެ ލިއްލެއާ އޭނާ ގުޅުނީ އުމުރުން 14 އަހަރުގަ އެވެ. އޭގެ ފަހުން އެ ގައުމުގެ ލީގުން ފެނިގެންދިޔަ އެންމެ އަލިގަދަ ތަރިއަކަށްވި ކުޅުންތެރިޔާ ބޮޑޫ އަގުގައި ގެންދިޔައީ އިނގިރޭސި ކުލަބު ޗެލްސީންނެވެ.
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯން ބުނީ ވޯލްޑް ކަޕުގައި ފްރާންސްގެ އުއްމީދުތައް ފެނަށް ދުއްވާލެވޭނެ ކުޅުންތެރިއަކަށްވީ ހަޒާޑްވާތީވެ އޭނާ ހިތާމަ ކުރާ ކަމަށެވެ.

"އެއްގޮތަކުން ބަލާއިރު އެއީ ހިތާމައެއް. އަނެއް ގޮތަކުން ބަލާއިރު އެއީ ފްރާންސަށް ލިބޭ ކުރިއެރުމެއް. އޭނާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. ފްރާންސްގެ ފުޓްބޯޅަ ސިސްޓަމުގެ ވަރުގަދަކަން މިކަމުން އެބެ ފެނިގެންދޭ،" ޑެޝޯމް ބުންޏެވެ.

ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ ހަޒާޑް ހުރީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރަން އެންމެ ރަނގަޅު އުމުރުގައި ކަމަށެވެ.

"ބަލާ އޭނާ އަކީ މި ޓީމުގެ ކެޕްޓަން. ވަރަށް މޮޅަށް ކުޅެމުން އެދަނީ. އަދި އޭނާ އެހުރީ ވޯލްޑް ކަޕް ފަދަ ބޮޑު މުބާރާތެއް ކާމިޔާބުކުރަން އެންމެ ރަނގަޅު އުމުރުގައި. އަހަރެން އެކަމާ އުފާކުރަން،" މާޓިނޭޒް ބުންޏެވެ.

ބެލްޖިއަމް އާއި ފްރާންސް ކުޅޭ ސެމީ ފައިނަލް މެޗު ފަށާނީ މާދަމާ ރޭ އެގާރަ ޖަހާއިރު އެވެ.