ޚަބަރު

ކޯޓުތަކުގެ އަގު ވެއްޓޭ ގޮތަށް ޚަބަރު ގެނެސްދޭނަމަ އަދަބު ދެނީ


ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާއިއެކު މައްސަލަތައް ނިންމުމުގެ ޤާބިލްކަން ޝަރުޢީ ކޯޓެއްގައި ނެތްކަން ދެއްކުމަށްޓަކައި ނުވަތަ ކޯޓަކުން ވަކި ކަމެއް ކުރަނީ ރަނގަޅުނޫން މަޤްސަދެއްގައި ކަމަށްބުނެ، ޤަސްދުގައި ޤާނޫނާއި ޚިލާފަށް އެއްވެސް އެއްޗެއް ޝާއިޢު ކުރުން ނުވަތަ އެ ނޫންވެސް ޢަމަލެއް ކުރުމަކީ ކުށެއްކަމަށް ކަނޑައަޅައި ޤާނޫނުލް އުޤޫބާތަށް އިޞްލާޙު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ހުށަހެޅުއްވި އިޞްލާޙުގައި ޝަރުޢީ ދާއިރާއަށް އޮންނަ ޢާންމުންގެ އިތުބާރު މިފަދަކަންކަމުގެ ސަބަބުން ގެއްލިގެންދިޔުމުގެ އިހުމާލު ބޮޑުކަން ވަނީ ފާހަގަކޮށްފައެވެ.

ކޯޓެއްގައި ހިނގަމުންދާ މައްސަލައަކަށް ނުފޫޒު ފޯރުވުމަށްޓަކައި ގަސްތުގައި ޤާނޫނާއި ޚިލާފަށް އެއްވެސް އެއްޗެއް ޝާއިޢުކުރުން ނުވަތަ އެއްވެސް ޢަމަލެއް ހިންގުމަކީވެސް ކުށެއް ކަމަށެވެ. އަދި އެފަދައިން ފޯރުވާ ނުފޫޒުގެ ސަބަބުން ކޯޓުގައި ހިނގަމުންދާ މައްސަލައިގެ ޙުކުމަށް ނުވަތަ ނިންމުމަށް އެއްވެސް އަސަރެއް ކުރުން ނުވަތަ ތަޢައްޞުބެއް އުފެދުމުގެ އިޙްތިމާލު ބޮޑުކަމަށާއި އެހެންކަމުން އެއީވެސް ކުށެއް ކަމަށް ޤާނޫނުލް އުޤޫބާތަށް ދީދީ ހުށަހަޅާފައިވާ އިޞްލާޙުގައި ވަނީ ބުނެފައެވެ.

ޤާނޫނުލް އުގޫބާތަށް ހުށަހަޅާފައިވާ އިޞްލާޙުގައި ބުނެފައިވަނީ ކޯޓުގެ ހުއްދަ ލިބިގެން ނަގާ ވީޑިއޯއެއް ނުވަތަ އޯޑިއޯއެއް ކޯޓުން ބުނާ ގޮތާއި ޚިލާފަށް ބޭނުން ކުރުމަކީ ކުށެއް ކަމަށެވެ.
އިބްރާހީމް ދީދީ ހުށަހެޅުއްވި އިޞްލާޙުގައި، ވަނީ މީގެކުރިން ޤާނޫނުލްއުޤޫބާތުގައި ކުށެއް ކަމަށް ބަޔާންކޮށްފައިވާ ނުވާ ބައެއް ކަންކަން ވެސް ކުށުގެގޮތުގައި ހިމަނުއްވާފައެވެ. އެގޮތުން ދައުލަތަށް ޚިޔާނާތްތެރިވުމުގެ ކުށާއި ޖާސޫސް ކުރުމުގެ ކުށާއި ބަޣާވާތް ކުރުމުގެ ކުށާއި ސަރުކާރު ވައްޓާލަން ރޭވުމުގެ ކުށާއި އަސްކަރިއްޔާއާ ދެކޮޅު ހަރަކާތްތައް ހިންގުމުގެ ކުށް، އެ އިސްލާޙުގައި ހިމަނައި، ބޮޑެތި އަދަބުތަކެއް ދެވޭ ގޮތަށް ވަނީ ހިމަނާފައެވެ. އޭގެތެރެއިން ދަޢުލަތަށް ޚިޔާނާތްތެރިވުމުގެ ކުށް ސާބިތުވާ މީހަކަށް ދަޢުލަތުގެ މަޤާމެއް ދުވަހަކު ވެސް އަދާ ނުކުރެވޭ ގޮތަށް އިޞްލާޙު ވަނީ ހުށަހަޅާފައެވެ.