ޚަބަރު

ޒުވާން ލީޑަރުންގެ 4 ވަނަ މަޝްވަރާ ބައްދަލުވުން ނިމިއްޖެ


ޒުވާނުން ބާރުވެރިކުރުވައި އިޖްތިމާޢީ ކަންކަމުގައި އެމީހުންގެ ދަޢުރު އިތުރުކުރުމަށް ދ. ކުޑަހުވަދޫގައި ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުން ނިންމާލައިފިއެވެ. "ޖުމްހޫރިއްޔަތާއި ޒުވާނުން" މިނަމުގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމަކީ މި ސިލްސިލާގެ 4 ވަނަ ބައްދަލުވުމެވެ.

ހޯމް މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ދ. އަތޮޅުގެއެކި ރަށްތަކުން 50 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވެއެވެ. މި މަޝްވަރާ ބައްދަލުވުމުގައި އިސްލާމްދީނުގައި ޒުވާނުން ބާރުވެރިކުރުމަށް ބާރުއަޅާ މިންވަރާއި އިސްލާމީ ތާރީޚުގެ އެކި ދުވަސްވަރު އުޅުއްވި މަޝްހޫރު ލީޑަރުންނާއިބެހޭ ގޮތުން ބައިވެރިންނަށް މަޢުލޫމާތު ވަނީ ދީފައެވެ. އަދި ދިވެހި ޖުމްހޫރިއްޔާއާއި ރާއްޖޭގެ ތާރީޚާއި ބެހޭގޮތުންނާއި ޒުވާން ލީޑަރުންގެ ގޮތުގައި މުޖުތަމަޢުގައި ދަމަހައްޓަންޖެހޭ އަޚްލާޤީ އަދި ސްލޫކީ މިންގަނޑުތަކާ ބެހޭގޮތުންނާއި ޤައުމުގެ އަމާންކަން ދެމެހެއްޓުމަށް ޒުވާނުންގެ ދަޢުރާ ބެހޭގޮތުން މަޝްވަރާކޮށް އެކަމުގައި ބައިވެރިންގެ ޚިޔާލު ހޯދާފައިވެއެވެ.

މި ބައްދަލުވުމުގައި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ދިވެހި ބަހުގެ އެކަޑަމީ އާއި ހޯމް މިނިސްޓްރީން ވަނީ ޕްރެޒެންޓޭޝަންތަކުގެ އަލީގައި ބައިވެރިންނަށް މަޢުލޫމާތު ދީފައެވެ. މީގެ އިތުރުން ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުންވެސް ވަނީ ބައިވެރިންނަށް މަޢޫލޫމާތު ދީފައެވެ. މި ބައްދަލުވުން ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ސިއްދީޤް ވަނީ މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ޒުވާނުންނަށް ފައިދާތަކެއް ކުރާނެކަން ފާހަގަކޮށް އަދުގެ ޒުވާނުން ޤައުމާމެދު ވިސްނުމަށް ގޮވާލާފައެވެ. އޭނާ ވިދާޅުވީ މި ސަރުކާރުން ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް އިސްނަންގަވައިގެން ޒުވާނުންނަށް ގިނަ ފުރުޞަތުތަކެއް ފަހިކޮށް ދެއްވާފައިވާ ކަމަށެވެ.

ޒުވާނުން ބާރުވެރިކުރުވައި އިޖުތިމާޢީ ކަންކަމުގައި އެމީހުންގެ ދައުރު އިތުރުކުރުމަށް ޔޫތް ލީޑަރސް ނެޓްވަރކުން އިންތިޒާމްކުރާ މި ވަރކްޝޮޕްއަށް ޒުވާނުންގެ ތަރުހީބު ދަނީ އިތުރުވަމުންނެވެ. މި ވަރކްޝޮޕްގައި ބައިވެރިވި ބައެއް ޒުވާނުންވަނީ ޕީއެސްއެމް ނިއުސްއާ އެފަރާތްތަކުގެ ޝުޢޫރު ހިއްސާކޮށްފައެވެ.

ޒުވާނުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ މި ބައްދަލުވުންތައް ހޯމް މިނިސްޓްރީން ފުރަތަމަ ފަށާފައިވަނީ 2015 ވަނަ އަހަރުއެވެ. މީ މީގެ 4 ވަނަ ބައްދަލުވުމެވެ. މީގެ ކުރިން މި ބައްދަލުވުންތައް ބާއްވާފައިވަނީ ފުވައްމުލަކު ސިޓީއާއި ކުޅުދުއްފުށި އަދި ލ. އަތޮޅުގައެވެ.