ކުޅިވަރު

ރަޝިޔާ ބަލިކުރުމަކީ ބްރެޒިލް ބަލިކުރުމަށްވުރެ އުނދަގޫކަމެއް: ސްޕޭން


ރަޝިޔާ ބަލިކުރުމަކީ ފަސް ފަހަރު ދުނިޔޭގެ ތަށި ކާމިޔާބުކޮށްފައިވާ މަޝްހޫރު ބްރެޒިލް ބަލިކުރުމަށްވުރެ އުނދަގޫ ކަމެއް ކަމަށް ސްޕޭނުން ބުނެފިއެވެ.
ސްޕޭނުގެ މިޑްފީލްޑަރު އަންދްރޭ ސިލްވާ މިހެން ބުނީ ރަޝިޔާގައި މިހާރު ކުރިއަށްދާ ވަރލްޑް ކަޕުގެ ދެ ވަނަ ބުރުގައި އެ ޤައުމާ ދެކޮޅަށް ނުކުތުމުގެ ކުރިންނެވެ.

"ރަޝިޔާ މެޗު ވަރަށް އުނދަގޫވާނެ. މިއީ ބްރެޒިލް ބަލިކުރުމަށްވުރެ އުނދަގޫ މެޗަކަށްވާނެ. އަހަރުމެން ޖެހޭނެ މި މެޗުގައި އަހަރުމެންގެ މިސްޓޭކްތައް ވަރަށް މަދުކުރަން. ކިތަންމެ ހަނި ފުރުސަތަކުން ވެސް އެމީހުން މޮޅުވެ، އަހަރުމެން ރަށަށް ދާން ޖެހިދާނެ. މި މުބާރާތަކީ ވަރަށް ވަރުގަދަ ޓީމުތައް ކުޅޭ މުބާރާތެއް. އަހަރުމެންނަށް އެކަން ގްރޫޕް ސްޓޭޖުން އެނގިއްޖެ. ކިރިޔާ އަހަރުމެންނަށް މެޗުތައް ކާމިޔާބު ކުރެވުނީ،" ސިލްވާ ބުންޏެވެ.

ސްޕޭނަށް މުބާރާތް ބާއްވާ ޤައުމާ ދެކޮޅަށް ކުޅެ މޮޅުވުމަކީ ތާރީހީ ނަތީޖާތައް ދައްކާގޮތުން ނުކުރެވޭ ކަމެކެވެ. ނަމަވެސް ސިލްވާ ބުނީ ތަފާސް ހިސާބާއި ރެކޯޑްތަކަކީ މުގުރާލަން ހުންނަ އެއްޗެއް ކަމަށެވެ.

"ތެދެއް އެއީ. އެކަމަކު އަހަރުމެންނަށް ތާރީހު ބަދަލުކޮށްލެވޭނެ. ބަލަމާ ހިނގާ މާދަމާ (މިއަދު) ހަތެއްޖަހާއިރު ވާގޮތެއް. އެކަމަކު އަހަރުމެން ބަލާލަން އެބަޖެހޭ މެޗަށް ތައްޔާރުވާއިރު މިދިޔަ 10 ނުވަތަ 15 އަހަރު ކަންތައްތައް ވެފައިވާ ގޮތް،" އުމުރުން މިހާރު 32 އަހަރުގެ މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ބުންޏެވެ.

ސްޕޭނާއި ރަޝިޔާ އެންމެ ފަހުން ބައްދަލުކުރީ 2012 ވަނަ އަހަރުގެ ޔޫރޯގައެވެ. އެ މެޗު 3-0 ން ކާމިޔާބުކޮށް ފައިނަލަށް ދިޔައީ ސްޕޭނެވެ.
ޓީމުގެ ކޯޗު ފެނާންޑޯ ހިއޭރޯ ބުނީ ދެ ވަނަ ބުރާއެކު އޭނާގެ ޓީމު ފަށަނީ މުޅިން އާމުބާރާތެއް ކަމަށެވެ.

"ރަޝިޔާ އަކީ ވަރަށް ވަރުގަދަ ޓީމެއް. އިސްކޮޅުން ދިގު އަދި ވަރަށް ފިޒިކަލް ޓީމެއް. އަހަރުމެން ޖެހޭ އެމީހުންގެ ބަލިފައިތައް ދެނެގަންނަން. އެމީހުން ބަލިކުރެވޭނީ ވަރަށް ވިސްނުންތެރިކަމާއެކު ކުޅެގެން،" ކޯޗު ބުންޏެވެ.