ކުޅިވަރު

އަހަރެން މިހުރީ ރަނގަޅު ފޯމެއްގައި: ސުއަރޭޒް


ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި ޕޯޗުގަލްއާ ދެކޮޅަށް މިރޭ ނުކުންނައިރު އޭނާ ހުރީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށް އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒް ބުނެފިއެވެ.
މުބާރާތުގައި މިހާތަނަށް ދެ ގޯލު ޖަހާފައިވާ ކުޅުންތެރިޔާ ބުނީ އޭނާ އަބަދުވެސް މަސައްކަތް ކުރަނީ ޓީމަށް އަމިއްލައަށް ފާޑުކިޔައިގެން ކުޅުން ރަނގަޅު ކުރަން ކަމަށެވެ.

"އަހަރެން އަމިއްލައަށް އަހަންނަށް ފާޑުކިޔަން. މިވަގުތު އަހަރެން މިހުރީ ރަނގަޅު ފޯމެއްގައި. ފުރަތަމަ މެޗަށްވުރެ ހުރިހާ ގޮތަކުން ވެސް ކުޅުން ރަނގަޅު ކުރެވިއްޖެ،" ސުއަރޭޒް ބުންޏެވެ.

ކޯޗު އޮސްކާ ޓަބަރޭޒް ބުނީ ފާއިތުވެދިޔަ 12 އަހަރު އޭނާގެ ކޯޗުކަމުގައި ކުޅުނު އުރުގުއޭ ޓީމު އޮތީ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ.

"ޔޫރަޕުގެ ޗެމްޕިއަނުންނާ ދެކޮޅަށް ކުޅެން ޖެހުމަކީ ހުރިހާ ގޮތަކުން ވެސް މޯޓިވޭޓްވާނެ ސަބަބެއް. އަހަރުމެން މިތިބީ ވަރަށް ބޮޑަށް މޯޓިވޭޓްވެފައި،" ކޯޗު ބުންޏެވެ.

އުރުގުއޭ އަކީ މިހާތަނަށް ވަރލްޑް ކަޕުގައި ބައިކޮޅަށް ގޯލެއް ނުވަންނަ ޓީމެވެ. ނަމަވެސް ކޯޗު ބުނީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެކަނި މާކްކޮށްގެން އޭނާގެ ޓީމަށް ސަލާމަތް ނުވެވޭނެ ކަމަށެވެ.

"ރޮނާލްޑޯ އަކީ އެ ޓީމުގެ ލީޑަރު. އޭނާ އެކަނި މާކް ކޮށްގެން އަހަރުމެންނަށް ކާމިޔާބު ނުލިބޭނެ. ގޮޑިން (އުރުގުއޭގެ ކެޕްޓަން) އެކަނި ކުޅުންތެރިން މާކް ކޮށްގެން ވެސް މިކަމެއްނުވާނެ. އަހަރުމެން ބޭނުންވަނީ ޓީމެއްގެ ގޮތުގައި މަސައްކަތްކުރަން. އެގޮތުގައި މަސައްކަތްކޮށް ޕޯޗުގަލް ހިފަހައްޓައިގެންވާނީ،" އުމުރުން މިހާރު 71 އަހަރުގެ ކޯޗު ބުންޏެވެ.