ޚަބަރު

ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތް އޮގަސްޓްމަހު ފެށުމަށް ތައްޔާރުވަނީ


ރ. ފައިނުގައި އެއަރޕޯޓު އެޅުމުގެ އަމަލީ މަސައްކަތް އަންނަ އޯގަސްޓްމަހު ފެށުމަށް ތައްޔާރުވަމުންދާކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ. އެކުންފުނިން މިހާރު އަންނަނީ ފައިނުގައި އެއަރޕޯޓު އެޅުމަށްޓަކާ އިދާރީގޮތުން ވާންޖެހޭ ތައްޔާރީތައްވަމުންނެވެ.

ރ. އަތޮޅުގައި ސަރުކާރުން ތަރައްޤީކުރާ ދެވަނަ އެއަރޕޯޓުގެ މަސައްކަތް އައިލެންޑް އޭވިއޭޝަނާއި ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ މެއިމަހުގެ 30 ވަނަ ދުވަހުއެވެ. މި މަޝްރޫޢަކީ ސިޓީ ހޮޓަލަކާއެކު ކުރިއަށް ގެންދާ ބޮޑު މަޝްރޫއެކެވެ. tިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއަށް ގާތްގަނޑަކަށް 123 މިލިއަން ރުފިޔާ ޙަރަދުވާނެކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

ފައިނު އެއަރޕޯޓުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކާ ވަމުންދާ ތައްޔާރީތަކާގުޅޭ މަޢުލޫމާތު ޕީ.އެސް.އެމް ނިއުސްއަށް މަޢުލުމާތުދެމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް ހާރިސް ވިދާޅުވީ، ފައިނު އެއަރޕޯޓުގެ ޑިޒައިން ފައިނަލްކުރުމުގެ މަސައްކަތް ނިންމާ، ޖުލައިމަހުގެ ތެރޭގައި އެ މަސައްކަތް ކޮންޓްރެކްޓަރަކާއި ހަވާލުކުރާނެކަމަށެވެ. އަދި އެއަރޕޯޓު އެޅުމުގެ ކުރިން ހަދަންޖެހޭ ލޭންޑް ސަރވޭއާއި، އެންވަޔަރަމަންޓް އިމްޕެކްޓް ސަރވޭ ނުވަތަ އީ.އައި.އޭގެ މަސައްކަތާއި، އޭވިއޭޝަންގެ ދާއިރާއިން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް ފަންނީ ބޭފުޅުންގެ އެހީތެރިކަމާއެކު މިހާރު ކުރަމުންދާކަމަށެވެ.

ހާރިސް ވިދާޅުވީ، ފައިނުގައި އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ސާފުކޮށް، ސައިޓް މޮބިލައިޒްކުރުމަށާއި، އެކަމަށް ބޭނުންވާ ސާމާނު އެރަށަށް ގެންދިއުމަށް ގާތްގަނޑަކަށް ދެ މަސް ދުވަސް ހޭދަވާނެކަމަށް ބެލެވޭކަމަށެވެ. އަދި އުއްމީދަކީ އަންނަ އޯގަސްޓްމަހުގެ ތެރޭގައި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތް ފެށުންކަމަށްވެސް ހާރިސް ވިދާޅުވިއެވެ.

500 އާއި ގާތްކުރާ އަދަދެއްގެ މީހުން ދިރިއުޅެމުންދާ ރ. ފައިނަކީ މުޅި ރ. އަތޮޅުގައިވެސް ބިމުގެ ގޮތުން އެންމެ ޖާގަ ތަނަވަސް، އަދި އެންމެ ބޮޑު ރަށެވެ. މިފަދަ ބިޔަ މަޝްރޫޢެއްގެ ސަބަބުން ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، ރަށުގެ ބިމުގެ ބޭނުން ހެޔޮގޮތުގައި ހިފިގެންދިއުމަކީ ފައިނުގެ ރައްޔިތުންގެ އުއްމީދެކެވެ. އަދި މި މަޝްރޫޢާއެކު އެރަށަށް އިޤްތިޞާދީގޮތުންނާއި އިޖްތިމާޢީގޮތުން ދިރުން ލިބިގެންދާނެކަމަށް ފައިނުގެ ރައްޔިތުން ދެކެއެވެ.

ރ. ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތް ފަށާތާ އެއްއަހަރު ދުވަހުގެ ތެރޭގައި މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި އެއާޕޯޓް ހުޅުވާނެކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

ފައިނުގައި އެއަރޕޯޓު އެޅުމަށްޓަކާ ބޭނުންވާ ފައިސާ ހޯދާފައިވަނީ އައިލެންޑް އޭވިއޭޝަންގެ އެއަރ ޓިކެޓް އެޑްވާންސްކޮށް ވިއްކައިގެންނެވެ. އަދި އެޑްވާންސްކޮށް އެއަރ ޓިކެޓް ގަނެފައިވަނީ މަޝްހޫރު ވިޔަފާރި ކުންފުނި ޔުނިވާސަލް އިންނާއި ރ. އަތޮޅުގައި ޓުއަރިސްޓު ރިސޯޓް ހިންގާ ބައެއް ކުންފުނިތަކުންކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.