ކާނާ

ރެސިޕީ : ސްޕައިސީ ބްލެކް ބީން އެންޑް ކޯން ސޫޕް ވިތް ޗިލީ


މިއީ އާންމުކޮށް ތައްޔާރުކުރާ ސޫޕްތަކާއި ހިލާފަށް ތަންކޮޅެއް ތަފާތު ބާވަތްތަކެއް އަޅައިގެން ތައްޔާރުކުރެވިދާނެ މީރު ސޫޕެކެވެ.

ބޭނުންވާނެ ތަކެތި :

1 ޖޯޑު ބްލެކް ބީންސް ( ދޮވެފައި، ހިއްކާފައި ) ( ދަޅުކުރި ވައްތަރު ބޭނުންކުރާނަމަ ފެންފުރާނާފައި )
2 ސައިސަމުސަ އޮލިވް އޮއިލް
1 ފިޔާ ( ކުދިކޮށް ކޮށާފައި )
1 ލީކްސް ( ތުނިކޮށް ކޮށާފައި )
2 ލޮނުމެދުކޮޅު ( ޗަސްކޮށް ކުދިކޮށް ކޮށާފައި )
2 ސައިސަމުސާ މުގުރި ދިރި
2 ސައިސަމުސާ ތެޅިމިރުސް
½ ސައިސަމުސާ މުގުރި ހިކި މިރުސް
400ގ ޓޮމާޓޯ ( ޗަސްކޮށްފައި )
5 ޖޯޑު ފެން
300ގ ދަނޑިއަލުވި ( ތޮށިމަށައި ކުދިކޮށް ކޮށާފައި )
1 ½ ޒުވާރި ( އޮއްތައް ވަކިކޮށްފައި ހުންނަ ދަޅުކުރި ވައްތަރު )
2 މޭޒުމަތީ ސަމުސާ ކޮރިއަންޑާ ( ކުދިކޮށް ކޮށާފައި )
1 ފެހި ތޮޅިމިރުސް ( ތުނިކޮށް ކޮށާފައި، ކުޅިކުރަން ބޭނުމިއްޔާ އިތުރުކުރެވިދާނެ )
ލުނބޯ ( ތުނިކޮށް ކޮށާފައި )

ތައްޔާރުކުރަނެ ގޮތް :

މެދުގިނީގައި ތާހެއްގައި ބީންސްތައް 3 މިނެޓު ކައްކާލާށެވެ. ފެން އަޅަންވާނި ބީންސްތައް މައްޗަށް 5 ސެންޓިމީޓަރެއްހާ ފެން ހުންނަ ވަރަށެވެ. ( ދަޅު ބީންސް ވެއްޖެނަމަ ނުކެއްކިޔަސް ރަގަނޅުވާނެއެވެ. )
އަނެއްކޮޅުން ތަތްނުލަވާ ތާހެއް އުދުންމައްޗަށް އުދައި، މަޑު ގިންޔަށް ޖައްސާފަ ތެޔޮކޮޅެއް އަޅާ ހޫނުކޮށްލާށެވެ. އަދި ފިޔާ، ލީކްސް 5 ވަރަކަށް މިނެޓު ވަންދެން މީރުކޮށްލާށެވެ. ދެން ލޮނުމެދު، ދިރި، ތެޅިމިރުސް، ހިކިމިރުސް، އަދި ފެހި މިރުސް އަޅާ އެއްކޮށްފައި 2 މިނެޓެއްހާއިރު ކައްކާލާށެވެ.
ދެން ބޮޑު ތާހެއްގައި މީރުކުރި ފިޔާކޮޅު، ބީންސްތައް، ޓޮމާޓޯ، ޒުވާރި، ދަނޑިއަލުވި، ރަހަލާވަރަށް ލޮނު އަޅައިގެން މަޑުގިނީގައި 2 ގަޑިއިރު ކައްކާށެވެ. އިރުކޮޅުކޮޅައި ތާހުގެ މަތިނަގާ ހުރިހާ އެއްޗެއް އެއްކޮށްލަންވާނެއެވެ. މިހުރީ ސޫޕް ތައްޔާރުވެފައެވެ. ސޫޕްކާއިރު ޕާނާއެކު ކާން މީރުވާނެއެވެ. ސާރވްކުރާނީ ކޮރިއަންޑާ އަދި ލުނބޯ ފޮއްޗާއެކުއެވެ.