ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢަބްދުﷲ ދީދީއާއި ޢަބްދުލްޣަނީ


ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީއާ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް މި ދެ ބޭފުޅުން ޢައްޔަންކުރަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 36 މެންބަރުންގެ އިއްތިފާޤުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމަށް އަލްއުސްތާޛު ޢަބްދުﷲ ދީދީއާއި އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދުގެ ނަންފުޅާމެދު ގޮތެއް ނިންމެވުންއެދި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވީ މިއަދުއެވެ. ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީޙު މުޙައްމަދަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމަށް ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީއާއި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އައްޔަންކުރެއްވުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން އެމަނިކުފާނަށް ލަފާދެއްވާފައިވާތީ އެކަމާއިމެދު މަޖީލީހުން ގޮތެއް ނިންމަވާދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމަށް އައްޔަންކުރަން ފެންނަ ކަމަށް ފާސްކުރެއްވި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީއަކީ ކުރިން ޖިނާއީ ކޯޓުގައި މަސައްކަތް ކުރެއްވުމަށް ފަހު، 2015 ގައި ހައި ކޯޓަށް އައްޔަން ކުރި ފަނޑިޔާރެކެވެ. އެމަނިކުފާނު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ، 2015 ވަނަ އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ. ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ކުރިން ފުރުއްވާފައިވާ މަޤާމްތަކުގެ ތެރޭގައި ގއ. ދެއްވަދޫއާއި ކ. ދިއްފުށީ ކޯޓުގެ މެޖިސްޓްރޭޓްކަމާއި ކޯޓު ނަންބަރު 2 ގެ ޤާޟީކަމާއި ޖުވެނައިލް ކޯޓުގެ ޤާޟީކަމުގެ މަޤާމު ހިމެނެއެވެ. މީގެ އިތުރުން ޖުޑީޝަލް ކައުންސިލްގެ މެންބަރުކަމާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމާއި އެ ކޮމިޝަންގެ ނާއިބު ރައީސްކަން އަލްއުސްތާޛު ޢަބްދުﷲ ދީދީ ވަނީ ކުރައްވާފައެވެ.

ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ހައިކޯޓުގެ ފަނޑިޔާރުކަމަށް އިސްކުރެއްވީ 2004 ވަނައަހަރުގެ މާރޗްމަހުގެ 14 ވަނަ ދުވަހުއެވެ. އަދި 21 ސެޕްޓެމްބަރު 2008ން ފެށިގެން 26 އޭޕްރީލް 2011 އާއި ހަމައަށް، އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވަނީ ހައިކޯޓުގެ އިސްފަނޑިޔާރުގެ މަޤާމު ފުރުއްވާފައެވެ. މީގެ އިތުރުން އެ މަނިކުފާނުވަނީ މަދަނީކޯޓުގެ ޤާޟީކަންވެސް ކުރައްވާފައެވެ.