ޚަބަރު

ރާއްޖޭގެ ތާރީޙުގައި ފުރަތަމަފަހަރަށް ފޯކޭ ކޮލިޓީގައި ޗެނަލެއްގެ ޙިދުމަތް ދޭން ފަށަނީ


ފޯކޭ ކޮލިޓީގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން ދެއްކުމަށް ނިންމާފައިވާ ޗެނަލް ރީ ބްރޯޑްކާސްޓު ކޮށްދިނުމަށް ރާއްޖޭގައި ރީބްރޯޑްކާސްޓު ކުރުމުގެ ޚިދުމަތް ދެމުން ގެންދާ ދެ ކުންފުނި ކަމަށްވާ މީޑިއާނެޓާއި ދިރާގުގައި އެދިއްޖެއެވެ.

ޕީއެސްއެމްގެ ޑިރެކްޓަރ އީކޮމަރސް އެންޑް މާރކެޓިންގ އިބްރާޙިމް ނަސްރީން ވިދާޅުވީ ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް ގިނަ ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. އެގޮތުން އެ ބަދަލުތަކާއެކު ޕީއެސްއެމްއިން ވެސް ދިވެހި ރައްޔިތުންނަށް ދެމުން ގެންދާ ޚިދުމަތްތައް އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީ ކުރަމުން އަންނަ ކަމަށާއި އެގޮތުން މިހާރުވެސް ޕީއެސްއެމްގެ ޗެނަލްތަކުގެ ތެރެއިން ބައެއް ޗެނަލްތައް އެޗްޑީ، ނުވަތަ ހައި ޑެފިނީޝަން ކޮލިޓީގައި ރައްޔިތުންނަށް ގެނެސްދެމުންދާ ކަން ނަސްރީން ފާހަގަކުރެއްވިއެވެ.

ނަސްރީން ވިދާޅުވީ ރާއްޖޭގެ ޒުވާނުންނަކީވެސް ދުނިޔޭގެ ޓެކްނޮލިޖީއަށް އަންނަ ބަދަލުތަކަށް ހޭނި އެ ބަދަލުތައް ތަޖުރިބާ ކުރަން ބޭނުންވާ ބައެއް ކަމަށާއި އެގޮތުން ޕީއެސްއެމްއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ޒުވާނުންނަށް އެފަދަ ފުރުޞަތުތައް ތަނަވަސް ކޮށްދެވޭތޯ ކަމަށެވެ.

އެހެންކަމުން ފޯކޭ ކޮލިޓީގައި ދުނިޔޭގައި ބްރޯޑްކާސްޓު ކުރަމުންދާއިރު ޕީއެސްއެމްއިން އެކަމަށް ތައްޔާރުވެފައިވާ ކަމަށް ނަސްރީން ވިދާޅުވިއެވެ. ނަސްރީން ވިދާޅުވީ އެކަމަށް ވާންޖެހޭ ތައްޔާރީތައް ޕީއެސްއެމްއިން ވެފައިވާއިރު ރާއްޖޭގައި ރީބްރޯޑްކާސްޓު ކުރަމުން އަންނަ ކުންފުނިތަކުން ޕީއެސްއެމްގެ ފޯކޭ ޗެނަލް ރީ ބްރޯޑްކާސްޓު ކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ.