ޚަބަރު

ޤައުމީ ދިފާޢީ ބާރު އުވާލުމުގެ ވިސްނުން ގެންގުޅޭބަޔަކު ވެރިކަމަށް ނުހޮވާނެ - ޑިފެންސް މިނިސްޓަރ


ޤައުމީ ދިފާޢީ ބާރު އުވާލުމުގެ ވިސްނުން ގެންގުޅޭ ބަޔަކު ރާއްޖޭގެ ވެރިކަމަށް ދިވެހިން ނުހޮވާނެކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝެނަލް ސެކިއުރިޓީ، ޢާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އެދޭ ވެރިކަމެއްގައި ޤައުމީ ދިފާޢީ ބާރު އުވާލާނެކަމަށް ބުނެ، އެމް.ޑީ.ޕީގެ ވެރިކަމުގައި ބަންޑާރަ ނައިބުކަން ކުރައްވާފައިވާ އަދި މިހާރުވެސް އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ ތަފާތު ހަރަކާތްތަކުގައި ފާޅުކަންބޮޑު ގޮތެއްގައި ބައިވެރިވެޑައިގަންނަވާ އަލްއުސްތާޛް ހުސްނުއްސުޢޫދު ސޯޝަލް މީޑިއާގައި ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. ހުސްނުއްސުޢޫދު ކުރައްވާފައިވާ ޓުވީޓުގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ ފައިސާއިން ދިވެހި ސިފައިންނަށް ދައުލަތުން ބޮޑެތި ޚަރަދުތަކެއް ކުރަންޖެހިފައިވާކަމަށެވެ. އަދި އެބޭފުޅުން އެދޭ ވެރިކަމެއްގައި ދިވެހި ޤައުމީ ދިފާޢީ ބާރު އުވާލުމަށްފަހު އޮންނާނީ ކޯސްޓް ގާޑާއި، މެރިން ޕޮލިސް އެކަނިކަމަށެވެ.

މިކަމަށް ރައްދުދެއްވާ، ފޭސްބުކް މެދުވެރިކޮށް ޑިފެންސް މިނިސްޓަރ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމް.އެން.ޑީ.އެފް އުވާލަން ވިސްނާފަދަ "ކޮސް" ބަޔަކު ރާއްޖޭގެ ވެރިކަމަށް ދިވެހިން ނުހޮވާނެކަމަށެވެ. އަދި އެމް.އެން.ޑީ.އެފްއަކީ ޤައުމުގެ އައްޑަނައިގެ ގޮތުގައި މިނިސްޓަރ ވަނީ ސިފަކުރައްވާފައެވެ.

ހުސްނުއްސުޢޫދުގެ ޓުވީޓަށް ރައްދުދެއްވައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެފައިވަނީ، ދިވެހިންގެ މިނިވަންކަމާއި އިސްތިޤުލާލު ނަގަހައްޓައި، ދެމެހެއްޓުމަށް ދިވެހި ސިފައިންނާއި ފުލުހުން އަދާކުރި ދައުރު ވަޒަންކުރަން ނޭގޭ ބަޔަކަށް ދިވެހިންގެ މައްޗަށް ވެރިކަން ކުރުން ޙައްޤު ނޫންކަމަށެވެ.

ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތީ، ސިޔާދަތު ހިމާޔަތްކޮށް، ދިވެހިންގެ މިނިވަންކަން ދިފާޢުކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުކަމަށްވާއިރު، އެމް.އެން.ޑީ.އެފް އުވާލުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލަން ފެށުމަކީ ސިޔާސީގޮތުން ޤައުމުގައި ހަމަނުޖެހުން އުފައްދާ، ޤައުމުގެ ސުލްޙަ މަސަލަސްކަން ނަގާލުމަށް ގެންގުޅޭ ނުރައްކާތެރި ވިސްނުމެއްކަމަށް ބުނެ، އެކި ފަރާތްތަކުން އަންނަނީ މިކަމާދެކޮޅަށް ޚިޔާލުފާޅުކުރަމުންނެވެ.