ޚަބަރު

ވޭތުވެދިޔަ ހަތަރު އަހަރު 20 ރަށެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް ބޮޑު ހޭދައެއް


ޖަޒީރާ ޤައުމެއްގެ ގޮތުގައި އުފެދިފައިވާ މި ކުޑަ ކުޑަ ދިވެހިރާއްޖެއަކީ ބިންތިރި ޤުދުރަތީ ކާރިޘާތަކުން ލިބޭ ގެއްލުން ބޮޑު ޤައުމެކެވެ. ރަށްތަކުގެ ވަށައިގެން ކަނޑުއޮތުމަކީ މިފަދަ މައްސަލަތައް ކުޑަކުރުމަށް އޮތް ހުރަހެއްކަމުގައި މާހިރުން ލަފާކުރެއެވެ.

2 މޫސުމެއް ތަޖުރިބާ ކުރަމުންދާ ރާއްޖެއަށް، ހުޅަނގު މޫސުމުގެ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ އެކި ކަހަލަ މައްސަލަތައް ގިނަކަން ފާހަގަކުރެވެއެވެ. އެގޮތުން މޫސުމީ ބަދަލުގެތަކުގެ ސަބަބުން ރާއްޖެއަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރަށްގިރުމުގެ މައްސަލައެވެ. ޚާއްޞަކޮށް ހުޅަނގު މޫސުމާއި، ވައިގަދަވުމާއި ގުޅިގެން ކަނޑުގެ ލޮނުގަނޑަށް އަންނަ ބަދަލުތަކާއި ލޮނގަނޑާއި އޮއިވަރަށް އަންނަ ބަދަލުގެ ސަބަބުން ބިންތިރި ރަށްތަކަށް ރާޅުއަރައި އޭގެ ގެއްލުން ވަރަށް ބޮޑަށް ތަޙައްމަލްކުރަންޖެހެއެވެ. މީގެ ސަބަބުން ޢާއްމުންގެ މުދަލަށާއި، އާމްދަނީ ހޯދުމަށް މޫދާ ކައިރި ސަރަޙައްދުތަކުގައި ކުރާ މަސައްކަތްތަކާއި، ގަސްގަހާގެއްސައްވެސް ބޮޑެތި ގެއްލުންތައް ލިބެއެވެ.

ތަފާތު ދާއިރާތަކުން ވިޔަފާރިތައް ކުރަމުންދާ މި ދަނޑިވަޅުގައި، ބޯޓް ބިލްޑިންގ ނުވަތަ ދޯނިބަނުމާއި، މަސްކެއްކުމުގެ މަސައްކަތްތަކަކީ ރާއްޖޭގެ ގިނަ ރަށްރަށުގައި މޫދާ ކައިރި ޞަރަޙައްދުތަކުން ބިން ނަގައިގެން ކުރަމުންދާ މަސައްކަތްތަކެވެ.
ދާދިފަހުން ރާއްޖެއަށްކުރި ވިއްސާރައިގައި ރާޅުއަރައިން ބޯޓްޔާޑުތަކާއި، މަސްކައްކާތަންތަނާއި، މީހުން ދަނޑުބިންތަކަށް ގެއްލުންވެގެން ރިޕޯޓްކޮށްފައިވެއެވެ.
ބައެއް ރަށްރަށުގައި މޫދާ ކައިރީގައި ގެތައް ހުރުމުން ގޭގެއަށާއި، މުދަލަށްވެސް ގެއްލުން ލިބެއެވެ. އަދި އާބާދީބޮޑެތި، ބިންކުދި ރަށްތަކުގައި މިއީ ބިމުގެ ތަނަވަސްކަމަށްވެސް ހުރަސްއެޅޭކަމެކެވެ. މީގެސަބަބުން ގެދޮރު އެޅުމަށް އެފަދަ ޞަރަޙައްދުތަކުން ބިން ދޫކުރުމަކީވެސް ރައްކާތެރި ގޮތަކަށްނުވެއެވެ.

މިކަމަށް ޙައްލު ހޯދައިދީ މިފަދަ މޫސުމީ ބަދަލުތަކުގެ ސަބަބުން ރައްޤިރައި، ލިބޭ ގެއްލުން ކުޑަކުރުމަށް ވޭތުވެދިޔަ 4 އަހަރު ސަރުކާރުން ބޮޑެތި ގިނަ މަސައްކަތްތައް ކޮށްފައިވެއެވެ. އެގޮތުން އެކަމަށްޓަކައި 2013ވަނަ އަހަރު "ކޯސްޓަލް ޕްރޮޓެކްޝަން ޔުނިޓް"ގެ ނަމުގައި ތިމާވެއްޓާއި ބެހޭ ވުޒާރާގައިވަނީ ޚާއްސަ ޔުނިޓެއް އެކުލަވާލާފައެވެ. މި ޔުނިޓުގެ މަސައްކަތްތަކުގެތެރޭގައި، ގޮޑުދޮށްތަކުގެ ނާޒުކުކަން ދެނެގަތުމަށް ސަރވޭކޮށް ރަށްގިރާ މިންވަރު ބެލުމާއި، އެފަދަ ގޮޑުދޮށްތައް ޙިމާޔަތް ކުރުމަށް ކުރެވިދާނެ ކަންކަން ބެލުމާއި، ގޮނޑުދޮށް ޙިމާޔަތްކުރުމަށް މިނިސްޓްރީ އޮފް ފައިނެންސް އެންޑް ޓްރެޜަރީގެތެރެއިން ބަޖެޓު ހޯދުން ހިމެނެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ހަތަރުއަހަރު، އެ މިނިސްޓްރީންވަނީ 20 ރަށުގައި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ހިންގައި ގޮނޑުދޮށް ޙިމާޔަތްކޮށްފައެވެ.

  • އޭގެތެރޭގައި ހިމެނެނީ :
  • - ގދ. ފަރަސްމާތޮޑާ
  • - ނ.ހޮޅުދޫ
  • - ރ. މަޑުއްވަރީ
  • - ގދ. ތިނަދޫ
  • - މ. ނާލާފުށި
  • - ކ. މާފުށި
  • - އއ. އުކުޅަސް
  • - ހދ. ކުޅުދުފުށި
  • - ރ.ފައިނު
  • - ބ. ތުޅާދޫ
  • - ށ.ބިލެއްފަހި
  • - ކ. ވިލިމާލެ
  • - ޅ. ކުރެންދޫ
  • - ގދ. ގައްދޫ
  • - ހއ. ދިއްދޫ
  • - ނ.ވެލިދޫ
  • - ހއ.ހޯރަފުށި
  • - ގދ. މަޑަވެލި އަދި ސ.ހުޅުދޫ ހިމެނެއެވެ.

މި 20ރަށުގެ ގޮނޑުދޮށް ޙިމާޔަތް ކުރުމަށް 345 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ސަރުކާރުން ދަނީ މިހާރުވެސް ބައެއް ރަށްތަކުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ސަރުކާރުން ބުނެފައިވަނީ ދައުލަތުގެ ބަޖެޓުން މިކަމަށްކުރާ ހޭދައިގެ އިތުރުން ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމާޢަތްތަކުގެ އެހީވެސް މިކަމުގައި ލިބެމުންދާކަމަށެވެ.
ރަށްގިރުމަކީ އޭގެޒާތުގައި ޤުދުރަތީގޮތުންކުރިމަތިވާ ކަމެކެވެ. އެހެންކަމުން އިންސާނުންގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ކޮންމެ މީހަކުވެސް މަސައްކަތްކުރަންޖެހެއެވެ. އެގޮތުން މޫދާއި ކަނޑުގެ ދިރުންތައް ދެމެހެއްޓުމާއި، ޖައްވަށްދޫކުރާ ވިހަގޭސްތައް މަދުކުރުމާއި، އަދި ގޮނޑުދޮށަށް ކުނިއެޅުންފަދަ ކަންކަން ހުއްޓާލުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ.