ޚަބަރު

އައްޑޫ ޤުރުއާން މުބާރާތުގެ އެއްވަނަ މަރިޔަމް ޒަހުވާ އާދިލް ހޯދައިފި


އައްޑޫސިޓީ ކައުންސިލުން އިންތިޒާމު ކޮށްގެން ބޭއްވި ފުރަތަމަ ޤުރުއާން މުބާރާތް "އައްޑޫ ޤުރުއާން މުބާރާތް 1439" ގެ އެއްވަނަ، ހިތަދޫ ސްކޫލުގެ ދަރިވަރު މަރިޔަމް ޒަހުވާ އާދިލް ހޯދައިފިއެވެ.

މި މުބާރާތަކީ ޝައުގުވެރިކަމާއެކު ފަރިތަކަންމަތީ ތަރުތީލުކޮށް ޤުރުއާން ކިޔަވަން އެނގޭ މުޖުތަމަޢުއެއް ބިނާކުރުމުގެ މަޤްސަދުގައި އައްޑޫސިޓީ ކައުންސިލުން އައްޑޫގެ ސްކޫލުތަކަށް ހުޅުވައިލައިގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ.

މުޅި މުބާރާތުން އެއްވަނައަށް ހާސިލުކޮށްފައިވަނީ ހިތަދޫ ސްކޫލުގެ ދަރިވަރު މަރިޔަމް ޒަހުވާ އާދިލްއެވެ. އޭނާ ވަނީ މުޅި މުބާރާތުން އެއްވަނައިގެ އިތުރުން 13 އަހަރުން ދަށުގެ ބަލައިގެން ކިޔެވުމުގެ ގޮފިން އަންހެން ބައިން އެއްވަނަ ވެސް ހާސިލު ކޮށްފައެވެ. މުބާރާތުގެ ދެވަނަ ހާސިލު ކޮށްފައިވަނީ ފޭދޫ ސްކޫލުގެ ދަރިވަރު އާއިޝަތު އަމާނީ އިޖްތިހާދެވެ. އަދި މުބާރާތުން ތިންވަނައަށް ހޯދާފައިވަނީ ޝަމުސުއްދީން ސްކޫލުގެ ދަރިވަރު އައިޝަތު މަންހާ ޖަލީލްއެވެ. މުބާރާތުގެ އެންމެ މޮޅު ސްކޫލަކަށް ހޮވިފައިވަނީ ހުޅުދޫ ސްކޫލެވެ.

މި މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ފަސް އުމުރުފުރައަކަށް ބަހައިލައިގެންނެވެ. އެއީ 7 އަހަރުން ދަށް، 9 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 21 އަހަރުން ދަށުގެ އުމުރުފުރާއެވެ. ކޮންމެ އުމުރުފުރާއަކުންވެސް ސްކޫލުތަކަށް ބައިވެރި ކުރެވެނީ 8 ދަރިވަރުންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފިން އަންހެން 2 ދަރިވަރުންނާއި ފިރިހެން 2 ދަރިވަރުން، އަދި ނުބަލައި ކިޔެވުމުގެ ގޮފިން އަންހެން 2 ދަރިވަރުންނާއި ފިރިހެން 2 ދަރިވަރުންނެވެ.

މުބާރާތުން ވަނަތައް ހާާސިލް ކުރި ދަރިވަރުންނަށް ހަނދާނީ ލިއުން އަދި ޓްރޮފީ ހަވާލު ކޮއްދެއްވީ އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފްއެވެ.