ޚަބަރު

ރައްޔިތުން ކަންކަމަށް އެދެނީ މި ސަރުކާރުން ކޮށްދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތުމުން - ޑރ. މުޢިއްޒު


ރައްޔިތުން ކަންކަމަށް އެދެނީ މި ސަރުކާރުން އެކަންކަން ފުރިހަމަ ކޮށްދޭނެކަމުގެ ޔަޤީންކަން އެ ރައްޔިތުންނަށް އޮތުމުންކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާލެ އަތޮޅު ތުލުސްދޫގައި ސަރުކާރުން ތަރައްޤީކޮށްފައިވާ ބަނދަރުގެ މަޝްރޫޢު ނިންމާ ބަނދަރު ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކ. ތުލުސްދޫގައި ސަރުކާރުން ޒަމާނީ ފެންވަރެއްގައި ތަރައްޤީކޮށްފައިވާ ބަނދަރަކީ 800 ފޫޓު ދިގު، 300 ފޫޓު ފުޅާ ބަނދަރެކެވެ. އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް، އައި.ޑީ.ބީގެ ލޯން އެހީގައި ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ކޮށްފައިވަނީ ސެނެކޯ ކޮމްބައިން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. 40 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ މި ބަނދަރުގެ މަސައްކަތް ނިންމާ، ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. ތުލުސްދޫ ބަނދަރު މަޝްރޫޢުގެ ދަށުން، 290 މީޓަރުގެ ބޭރުތޮއްޓަކާއި، 500 މީޓަރުގެ އެއްގަމު ތޮށްޓެއް ވަނީ ހަދާފައެވެ. ހަމައެހެންމެ 110 މީޓަރުގެ ރިވެޓްމަންޓެއް ޖަހާފައިވާއިރު، ރަށުގެ ބަނދަރާއި އިންވެގެން 35 މީޓަރުގެ ޕޭވްމަންޓް މަގެއްވެސް ތަރައްޤީކޮށްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

ތުލުސްދޫ ބަނދަރު ހުޅުވުމަށްޓަކާ އެރަށުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ތުލުސްދޫގެ ތަރައްޤީއަށްޓަކާ މި ސަރުކާރުން ފާއިތުވި 4 އަހަރުގެ ތެރޭގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންގޮސްފައިވާކަމަށެވެ. އެގޮތުން އެރަށަށް ދިމާވެފައިވާ ބިމުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނެއުމުގެ ގޮތުން 33 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، ހިއްކި ބިމުގެ ތަރައްޤީއަށް ގިނަ ޕްލޭންތަކެއް ކޮށްފައިވާކަމަށް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ. ކުރީގެ ސަރުކާރުތަކަށް ފުރިހަމަކޮށްދެވިފައިނުވާ ތަރައްޤީގެ އެތައް މަޝްރޫޢުގެ ކާމިޔާބުކަމާއެކު ފުރިހަމަކޮށްދެއްވީ ރައީސްއަކީ ރައީސް ޔާމީންކަން ފާހަގަކުރައްވާ މިނިސްޓަރ ޑރ. މުޢިއްޒު ވިދާޅުވީ، ރައްޔިތުން ބޭނުންވާ ކަންކަމަށް އެދެނީ މި ސަރުކާރުން އެކަންކަން ފުރިހަމަ ކޮށްދެއްވާނެކަމުގެ ޔަޤީންކަން އެ ރައްޔިތުންނަށް އޮތުމުންކަމަށެވެ.

ކ. ތުލުސްދޫގައި ސަރުކާރުން ތަރައްޤީކޮށްފައިވާ ބަނދަރާއެކު އެރަށަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް ހައްލު ލިބި، އިޤްތިޞާދީގޮތުންނާއި އިޖްތިމާޢީ ގޮތުން އެރަށަށް އިތުރު ދިރުމެއް ލިބިގެންދާނެކަން ސަރުކާރުން ބުނެއެވެ. ތުލުސްދޫ ބަނދަރުގެ މަސައްކަތް ނިންމާ، ބަނދަރު ރަސްމީކޮށް ހުޅުވާފައިވާއިރު، 46 މިލިއަން ރުފިޔާއަށްވުރެ އަގުހުރި ނަރުދަމާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް އެރަށުގައި މިހާރުވެސް ކުރިޔަށް އެބަދެއެވެ. ހަމައެހެންމެ ސްޕޯޓްސް އެރީނާތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ފުޓްސަލް ދަނޑަކާއި، ބަށި ކޯޓެއް ތަރައްޤީކޮށް ނިންމާފައިވާއިރު، ވޮލީ ކޯޓަކާއި، ނެޓުބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދެއެވެ.