ތަރައްްޤީ

އެއަރޕޯޓާއެކު ރަށަށް އިތުރު ދިރުމެއް ގެނުވާނެކަން ޔަޤީން - ފައިނު ރައްޔިތުން


ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު ރަށްރަށުގެ އާބާދީއަށް ބަލާ ސަރުކާރުން ތަފާތުކުރުން ނުގެންގުޅޭކަން ހާމަވެގެންދާ އެއް ރަށަކީ މާޅުސްމަޑުލު އުތުރުބުރީ ފައިނެވެ. މުޅި ރ. އަތޮޅު މިހާރު އެ މަޝްރޫޢަކަށް އިންތިޒާރުކުރާ ފައިނު އެއަރޕޯޓުގެ މަޝްރޫޢަކީ އެތައް ގޮތަކުން ފައިނަށް ދިރުންތަކެއް ގެނުވާނެ މަޝްރޫޢެއްކަމަށް އެރަށުގެ ރައްޔިތުން ބުނެއެވެ. ކުރުގޮތަކަށް ބުނާނަމަ މި މަޝްރޫޢަށް ފައިނުގެ ރައްޔިތުން ތިބީ "ލޮލުން ބޮލުން" ރުހިގެންނެވެ.

ފައިނަކީ މާޅޮސްމަޑުލު އުތުރުބުރީގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ދެކުނުން ދެވަނައަށް އޮންނަ ރަށެވެ. އާބާދީގައި 500 މީހުންވެސް ހަމަނުވާ މި ރަށަކީ ގުދުރަތީ ބޮޑު މުއްސަނދިކަމެއް ލިބިފައިވާ ހިތްގައިމު ރަށެކެވެ. މިއީ މުޅި ރ. އަތޮޅުގައިވެސް ބިމުގެ ގޮތުން އެންމެ ޖާގަ ތަނަވަސް، އަދި އެންމެ ބޮޑު ރަށްވެސްމެއެވެ. ޢާމްދަނީ ހޯދުމަށް ފައިނުގެ ރައްޔިތުން މައިގަނޑުގޮތެއްގައި ކުރާ މަސައްކަތަކީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ.

އާބާދީ މަދު ނަމަވެސް މި ރަށަށް ބަލާލުމުން ތަރައްޤީގެ ކުލަވަރުތައް ދަނީ ފެންނަމުންނެވެ. ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ބަނދަރަކާއެކު ރަށުގެ ރައްޔިތުންނަށް ވަނީ ދަތުރުފަތުރު ކުރުމުގައިވެސް ބޮޑެތި ފަސޭހަތަކެއް ފަހިވެފައެވެ. ދައުލަތުގެ ބަޖެޓުން 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ތަރައްޤީކޮށްފައިވާ ފައިނުގެ ބަނދަރާއެކު، އެރަށަށް އިޤްތިޞާދީގޮތުންނާއި، އިޖްތިމާޢީގޮތުން ވަނީ ދިރުންތަކެއް ލިބިފައެވެ. ލަފާފުރުމަށް އޮތް ދަތިކަމަށް ޙައްލެއްއައިސް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެއްޖެއެވެ.

މި ރަށަށް ބަލާލުމުން ފެންނަ އެންމެ ބޮޑު ހަޤީޤަތަކީ ތަރައްޤީގެ މަޝްރޫޢުތަކާއި ތަރައްޤީގެ ޕްލޭންތައް ކުރުމުގައި ސަރުކާރުން ރަށްރަށުގެ އާބާދީއަށް ނުބަލާކަމެވެ. އާބާދީ މަދުވުމަކީ ތަރައްޤީއަށް އޮތް ހުރަހެއްކަމަށް ދިވެހިން ދެކޭ ދެކުން މިވަނީ ބަދަލުވާން ފަށާފައެވެ. އަދި މި ހަޤީގަތް މިއަދު ފައިނުގެ ރައްޔިތުންވެސް ޤަބޫލުކުރެއެވެ.

ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިންޤިލާބީ ބަދަލުތަކެއް ގެނެއުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފައިނުގެ ރައްޔިތުންގެ އިތުރުން މުޅި ރ. އަތޮޅުވެސް މިވަގުތު އެންމެ އިންތިޒާރުކުރަމުންދާ މަޝްރޫޢަކީ އެއަތޮޅުގައި ތަރައްޤީކުރާ ދެވަނަ އެއަރޕޯޓުގެ ޢަމަލީ މަސައްކަތް ފަށާނެ ދުވަހަކަށެވެ. ގާތްގަނޑަކަށް 123 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ މި އެއަރޕޯޓުގެ މަސައްކަތް ސަރުކާރުން ޙަވާލުކޮށްފައިވަނީ އައިލެންޑް އޭވިއޭޝަނާއެވެ.

ފައިނު ކައުންސިލްގެ ރައީސް އިބްރާހީމް ނާޞިރު ވިދާޅުވީ، އެއަރޕޯޓާއެކު އިޖްތިމާޢީގޮތުންނާއި އިޤްތިޞާދީގޮތުން ފައިނަށް އިތުރު ކުރިއެރުންތަކެއް ގެނުވާނެކަމާމެދު ފައިނުގެ ރައްޔިތުން ޝައްކު ނުކުރާކަމަށެވެ.

"ޖުމްލަގޮތެއްގައި ކައުންސިލުން އަޅުގަނޑު ބުނަންއޮތީ ފައިނުގެ ރައްޔިތުންވެސް އެހާ އުއްމީދާއެކީ އެތިބީ. ކައުންސިލް ރައީސްގެ ހައިސިއްޔަތުން އަޅުގަނޑު ބުނެލަންއޮތީ މި ޕްރޮޖެކްޓާއެކީ ފައިނަށް ލިބޭނެ އުފާފާގަތިކަން އަޅުގަނޑަށް ސިފަވަނީ ކެޕިޓަލް ސިޓީއެއްގައި ލިބެންހުރި ވަސީލަތްތަކާއެކު ދިރިއުޅުން ފަދަ ގޮތަކަށް. އެއަރޕޯޓާއެކު ލޯކަލް ޓޫރިޒަމްވެސް މިރަށަށް ތަޢާރަފުކުރުމަކީ އަޅުގަނޑުމެންގެ ވިސްނުމެއް. އެކަމަށް ބޭނުންވާ ލޭންޑް ޔޫސް ޕްލޭން އެކުލަވާލަމުން މިހާރުވެސް މިދަނީ" ފައިނު ކައުންސިލުގެ ރައީސް އިބްރާހީމް ނާޞިރު ވިދާޅުވިއެވެ.

ސިޓީ ހޮޓަލަކާއެކު ތަރައްޤީކުރާ ފައިނު އެއަރޕޯޓް މަޝްރޫޢަކީ މީގެ އެތަކެއް އަހަރުތަކެއް ކުރީއްސުރެ ފައިނުގެ ރައްޔިތުން ދެކެމުންދިޔަ ހުވަފެނެކެވެ. ވަކިން ޚާއްޞަކޮށް ފައިނަކީ ތަޢުލީމީ ދަރިންތަކެއް ދިރިއުޅޭ ރަށަކަށްވެފައި މިފަދަ ބިޔަ މަޝްރޫޢެއްގެ ސަބަބުން ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، ރަށުގެ ބިމުގެ ބޭނުން ހެޔޮގޮތުގައި ހިފިގެންދިއުމަކީ ފައިނުގެ ރައްޔިތުންގެ އުއްމީދެކެވެ.

ރ. ފައިނުގައި އެއާޕޯޓެއް ތަރައްޤީކުރުމަށް އައިލެންޑް އޭވިއޭޝަނާ ޙަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފައިވަނީ މިދިޔަ މެއިމަހުގެ 30 ވަނަ ދުވަހެވެ. 3 ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމައި އެއަރޕޯޓް ހުޅުވާނެކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފައެވެ.

ކޮންމެއަކަސް ފައިނުގެ ރައްޔިތުން މިހާރު ކެތްމަދުވެފައި ތިބީ އެއަރޕޯޓުގެ އަމަލީ މަސައްކަތް ފަށާނެ ދުވަހެއް ހަމަ ލޮލުން ދެކިލުމަށެވެ. އަދި މިކަން މި ސަރުކާރުން ހަޤީޤަތަކަށް ހަދާނެކަމާމެދު ފައިނުގެ ރައްޔިތުންގެ ހިތްތަކުގައި އެއްވެސް ޝައްކެއްނެތްކަމީ ފައިނަށް ކުރި ދަތުރުން އަޅުގަނޑަށް ތަޖުރިބާކުރެވުނު އެންމެ މުހިއްމު ކަންތަކެވެ.