ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރާ މައިމަގުގެ ބައެއް ބަންދުކޮށް 1.2 ކިލޯމީޓަރުގެ އާމަގެއް ހަދާ ބޭނުންކުރަން ފަށައިފިއެވެ. އެއަރޕޯޓްގެ މައި މަގުން ބަންދުކޮށްފައިވަނީ ހުޅުލެމާލޭ ބްރިޖުއާއި ދިމާލުން އޮންނަ ބައެވެ.
އެއަރޕޯޓްގައި މިހާރު ބޭނުންކުރާ ރަންވޭގެ ދެކުނު ފަރާތުން ހެދި މިމަގު ކުރިއަށް އޮތްތަނުގައި ބޭނުންކުރާނީ އެއަރޕޯޓަށް ދަތުރުކުރާ ލޭންޑް ސައިޑް ރޯޑުގެ ގޮތުގައިކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ، މައިމަގުގެ ބްރިޖަށްވާ ދިމާ ބަންދުކޮށް އަލަށް އެރަޕޯޓުގައި މަގެއް ހުޅުވީ، ބްރިޖާއި ގުޅިގެން ހުޅުލެއިން މާލެއަށް ދަތުރުކުރާ ހައިވޭގެ މަސައްކަތް ކުރުމަށްކަމަށެވެ. އަދި އެ މަސައްކަތް ނިމެންދެން ހުޅުމާލެއާއި، ހުޅުލޭގެ އެހެން ސަރަހައްދުތަކުން އެއަރޕޯޓަށް ދަތުރުކުރާ ވެހިކަލްތައް ދުއްވާނީ އަލަށް ހުޅުވި މަގުން ކަމަށެވެ.
ބްރިޖާއި ގުޅޭ ހައިވޭ މަސައްކަތް ނިމުމުންވެސް އަލަށް ހެދި 1.2 ކިލޯމީޓަރު މަގު އެއަރޕޯޓްގެ އެތެރޭގެ އެކިއެކި ކަންކަމަށް ކުރާ ދަތުރުތަކުގައި ބޭނުން ކުރަމުން ދާނެކަމަށް އާދިލް މޫސާ ވިދާޅުވިއެވެ.
އަލަށް ހެދި މިމަގު ތަރައްޤީކުރުމަށް 18 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެމްއޭސީއެލުން ބުނެއެވެ. ބްރިޖްގެ މަސައްކަތް ނިމެންވާއިރަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީކުރުމަށް ހިންގާ މަޝްރޫގެ ބައެއް މަސައްކަތްތައް ނިންމުމަށް އެމް.އޭ.ސީއެލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.