ޚަބަރު

ވިންޓަރ ޕާކް ޢާންމުންނަށް މިއަދު ހަވީރު ހުޅުވާލަނީ


ދިވެހިންނަށް ފިނިމޫސުމުގެ ތަޖުރިބާ ކުރެވޭގޮތަށް ތަރައްޤީކޮށްފައިވާ ވިންޓަރ ޕާރކް ޢާންމުންނަށް މިއަދު ހަވީރު 4 ޖަހާއިރު ހުޅުވާލާނެކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ވިންޓަރ ޕާރކަކީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ވިންޓަރ ތީމަކަށް ހަދާފައިވާ މިފަދަ ފުރަތަމަ ޕާރކެވެ.
ދިވެހިންނަށް ފިނި މޫސުން ތަޖުރިބާކުރެވޭގޮތަށް ތަރައްޤީކޮށްފައިވާ މި ޕާރކު ފަރުމާ ކޮށްފައިވަނީ އޮލިމްޕިކް ފެންވަރުގެ އައިސް ސްކޭޓްކުރާ ރިންގަކާއި، އައިސް ސްލައިޑަކާއެކު ސްނޯވގެ ކުޅިވަރުތައް ކުޅެވޭގޮތަށެވެ. ވިންޓަރ ޕާރކް ހުޅުއްވައިދެއްވީ ރަސްރަނި ބަގީޗާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން ވިންޓަރ ޕާރކުގެ މެނޭޖަރ އަބްދުލް ސަމީއު އިބްރާހިމް ވިދާޅުވީ، ޕާރކުގެ މަސައްކަތްތައް ތަރުތީބުކުރެވިފައިވަނީ ގިނަ ޢަދަދެއްގެ ބަޔަކަށް ޕާރކް ބޭނުންކުރެވޭނެ ފަދަ ގޮތަކަށް ކިއު ނަންބަރު ދޫކޮށްގެންކަމަށެވެ. މި ކިއު ނަންބަރު ވިންޓަރ ޕާރކުގެ ކައުންޓަރުން ލިބެން ހުންނަ އިރު ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށްވެސް މި ކިއު ނަންބަރު ނެގޭނެކަމަށް ސަމީއު ވިދާޅުވިއެވެ. އަދި މީގެ އިތުރުން މި ޕާރކުގައި މަސައްކަތްކުރާ މުއައްޒަފުންނަކީ ފަސްޓްއެއިޑާއި މިފަދަ ޙަރަކާތްތަކުގައި ބޭނުންވާ ތަމްރީނު ލިބިފައިވާ މުއައްޒަފުންކަން ފާހަގަކުރައްވާ ސަމީއު ވިދާޅުވީ ޕާކަށް ވަޑައިގަންނަވާ ބޭފުޅުންގެ ސަލާމަތައް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަމަށެވެ.

ވިންޓަރ ޕާރކުގެ ޓުއަރއަކަށް ފަހު ވާހަކަދައްކަވަމުން ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަންގެ ސީއޯއޯ އައިމިނަތު ސޫޒަން ވިދާޅުވީ މި ޕާރކަށް ވަނުމަށް އެންޓްރެންސް ފީއެއްގެ ގޮތުގައި 20 ރުފިޔާ ނަގާއިރު އޯލް އިންކްލޫސިވް ޓިކެޓެއްގެ ދަށުން 100 ރުފިޔާއަށް ޕާރކުގައި ޤާއިމުކޮށްފައިވާ ހުރިހާ ޚިދުމަތްތަކެއް ލިބިގެންދާނެކަމަށެވެ.
މީގެއިތުރުން ވިންޓަރ ޕާރކުގެ ސާފުތާހިރުކަމުގެ މިންގަނޑު ހިފެހެއްޓުމަށްޓަކައި ޕާރކުގެ ތެރެއަށް ބޭރުން އެއްވެސް ކާ އެއްޗެއް ނުވެއްދޭނެކަމަށާއި، ޕާރކުގެ ތެރޭގައި ޤާއިމުކޮށްފަވާ ކެފޭއިން ކެއުން ބުއިމުގެ އިންތިޒާމު ހަމަޖެހިފައިވާކަން ސޫޒަން ފާހަގަކުރެއްވިއެވެ.

ކުރިޔަށް އޮތްތަނުގައި ޕާރކު ތަރައްޤީކުރުމަށް ނިންމަވާފައިވާގޮތް ހިއްސާކުރައްވަމުން ޕާރކުގެ އޮޕަރޭޓަރ، ޑައިމަންޑް ވިންގްސްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މައިޒިން ވިދާޅުވީ ވިންޓަރ ތީމް ޕާރކުގައި ކުރިއަށް އޮތްތަނުގައި ޓްރޭނިން ޕްރޮގްރާމުތަކެއް ހިންގުމަށް ރާވާފައިވާކަމަށެވެ. އަދި ކައިވެނި ޙަފުލާތަކާއި، ކޯޕަރޭޓް ޙަފުލާތަކަށް ގިނަވެގެން 2 ގަޑިއިރަށް ޕާރކް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާކަމަށް މައިޒިން ވިދާޅުވިއެވެ.

ވިންޓަރ ތީމް ޕާރކް ތަރައްޤީކުރުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ތަނަކަށް ހެދުމުގެގޮތުން ޔޫރަޕުގެ ތަޖުރިބަކާރުން ޝާމިލުކޮށްފައިވާއިރު މި ޕާރކުގެ ވަޞީލަތްތައް ޑިޒައިންކޮށް އުފައްދާފައިވަނީ ފްރާންސާއި ޖަރުމަނުގެ އިންޖިނިއަރިންގެ ޓީމުތަކުން ދިރާސާތަކެއްކުރުމަށްފަހު ރާއްޖޭގެ މާޙައުލަށް އެންމެ ފެތޭނެގޮތައްކަމަށް ހައުސިން މިނިސްޓްރީއިން މައުލޫމާތުދެއެވެ.