ޚަބަރު

މިއަދުން ފެށިގެން އައްޑޫސިޓީގައި އީ-ޕާސްޕޯޓުގެ ޚިދުމަތް ދެނީ





 


މިއަދުން ފެށިގެން އައްޑޫސިޓީގައި އީ-ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.


 
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، އައްޑޫސިޓީގައި މިއަދު މި ޚިދުމަތްދޭން ފަށާއިރު، ކުޅުދުއްފުށީގައި މި މަހުގެ 25 ވަނަ ދުވަހު އީ-ޕާސްޕޯޓުގެ ޚިދުމަތް ދޭން ފަށާނެ ކަމަށެވެ.


 
މިއީ އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަތަކެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ޚާއްސަ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށްދާ ކަމެއް ކަމަށް މުއާޒް ވިދާޅުވިއެވެ.


 
މުއާޒް ވިދާޅުވީ އައްޑުއާ ކުޅުދުއްފުށިން އީ-ޕާސްޕޯޓުގެ ޚިދުމަތް ފަށާއިރު، މާލެއިން ލިބެން ހުންނަ ޚިދުމަތްތައް އެ ދެ ސަރަހައްދުންވެސް ލިބިގެންދާނެ ކަމަށެވެ.  އެހެންކަމުން ޕާސްޕޯޓު ހޯދުމަށް މާލެ އަންނަން ކުރަންޖެހޭ ޚަރަދު ކުޑަވެގެންދާނެ ކަމަށާއި، މިކަމުން ރައްޔިތުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް މުއާޒް ވިދާލުވިއެވެ.


 
 


މިހާރުވެސް ރާއްޖޭގެ އަށް ސަރަހައްދަކުން ޕާސްޕޯޓު ފޯމް ބަލައިގަތް ނަމަވެސް ޕާސްޕޯޓު ދޫކުރަމުންދަނީ މާލެއިން އެކަންޏެވެ.