ޚަބަރު

ރިސޯޓު ހަދަން ދޫކުރާ ފަޅާއި ރަށްތަކުގެ ލިސްޓުން ބައެއް ރަށްތައް އުނިކޮށްފި


  • ލިސްޓުން 3 ރަށް އުނިކޮށް، 6 ފަޅާއި ރަށެއް ވަނީ އިތުރުކޮށްފައި

ފަތުރުވެރިކަން ތަރައްޤީކުރަން ބީލަމަށް ހުޅުވާލި ފަޅުތަކާއި ރިސޯޓުތަކުގެ ލިސްޓަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބަދަލު ގެނެސްފިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން، މޭއި މަހުގެ 30 ވަނަ ދުވަހު ކުރި އިއުލާނަށް ތިން ވަނަ އިސްލާހު ވަނީ ގެނެސްފައެވެ. އެގޮތުން މި ލިސްޓުން 3 ރަށެއް އުނިކޮށްފައިވެއެވެ.

ލިސްޓުން އުނިކޮށްފައިވާ ރަށްތައް

ޅ. ދިއްފުށި އަދި ޅ. މައިދޫ ތ. ކަނިމީދޫ ގދ. ކަޅުހުއްޓާ

މިލިސްޓަށް 6 ފަޅެއް ވަނީ އިތުރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ އަތޮޅުގެ 3 ފަޅަކާއި، މާޅޮސްމަޑުލު ދެކުނު ބުރީގެ ފަޅެއްގެ އިތުރުން، ފެލިދެ އަތޮޅުގެ ފަޅަކާއި، އަރިއަތޮޅު ދެކުނު ބުރީގެ ފަޅެކެވެ. މީގެ އިތުރުން ހުވަދު އަތޮޅު ދެކުނު ބުރީގެ ރަށެއްކަމަށްވާ ރާވެރިންކޮޅިހުއްޓާ ވަނީ މި ލިސްޓަށް އިތުރުކޮށްފައެވެ.

އަލަށް ހުޅުވާލި ރަށްރަށަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޕްރޮޕޯސަލްއާ އެކު ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ފަތުރުވެރިކަން ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ހުޅުވާލި ރިޒޯޓްތަކުގެ ތެރެއިން ނުހެދި ހުރި ރިސޯޓުތަކުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިޔުމަށް މިިސަރުކާރުން އަންނަނީ އިންވެސްޓަރުންނަށް ބޭނުންވާ އެހީތެރިކަންވެސް ފޯރުކޮށްދެމުންނެވެ.