ފަލަސްޠީނުގެ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުންގެ ތެރެއިން ތިން މީހަކު ޔަހޫދީ ފައުޖުން ދިން ވައިގެ ޙަމަލާއެއްގައި މަރުވެފައިވާ ކަމަށް ޔަހޫދީ ފައުޖުން ނުސީދާކޮށް އެއްބަސްވެއްޖެއެވެ. ހުސްވި އަހަރުގެ ނޮވެންބަރު މަހު ޣައްޒާއަށް ޔަހޫދީ ފައުޖުން ދިން ވައިގެ ޙަމަލާތަކެއްގައި އަސީރުންގެ ތެރެއިން ތިން މީހުން މަރުވި ކަމަށް ޙަމާސުން ބުނުމުން ޔަހޫދީ ފައުޖުން މީގެ ކުރިން ވަނީ އެ ކަން ދޮގު ކޮށްފައެވެ. ނަމަވެސް, ޔަހޫދީ ފައުޖުން މިހާރު ބުނީ, އެ ޙަމަލާގައި ތިން އަސީރުން މަރުވުމުގެ ފުރުޞަތު އޮތް ކަމަށް ޤަބޫލު ކުރާ ކަމުގައެވެ.
ނޮވެންބަރު 10ވަނަ ދުވަހު ދިން ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޙަމާސުން ބޭނުން ކުރަމުން ދިޔަ ބިންގަރާހަކަށެވެ. ޔަހޫދީ ފައުޖުން ބުނީ, އެ ތަނުގެ ތެރޭގައި އަސީރުންގެ ތިން މީހުން ތިބި ކަން ނޭނގޭ ކަމުގައެވެ. އެ ޙަމަލާގައި ޔަހޫދީ ފައުޖުން މަރައިލާފައި ވަނީ ސިފައިންގެ ދެ މީހުންނާއި ޔަހޫދީ ޢާންމުންގެ މީހެކެވެ. އެ މީހުންގެ ހަށިގަނޑު ފެނުނީ ޑިސެންބަރު 14ވަނަ ދުވަހުއެވެ.
އެ މީހުންގެ މަރުތައް ތަޙުޤީޤު ކުރުމަށް ފަހު ޔަހޫދީ ފައުޖުން ބުނީ, އެ ތިން މީހުން މަރުވެފައި ވަނީ ޙަމާސްގެ އިސް ކޮމާންޑަރެއް ކަމުގައިވާ އަޙްމަދު ޣަންދޫރު ޝަހީދު ކޮށްލަން ނޮވެންބަރު 10ވަނަ ދުވަހު ދިން ވައިގެ ޙަމަލާތަކެއްގައި ކަމަށް ބެލެވޭ ކަމުގައެވެ. އަދި, ޣަންދޫރު ފިއްލަވައިގެން ހުންނެވި ކަމަށް ބެލެވޭ ބިންގަރާހުގައި އަސީރުންގެ ތިބި ކަން ކުރިން އެނގިފައި ނުވާ ކަމުގައެވެ. ނަމަވެސް, އެ މީހުން މަރުވީ ޔަހޫދީންގެ ވައިގެ ޙަމަލާތަކުގައި ކަން ކަށަވަރު ކޮށް ބުނަން ޔަހޫދީ ފައުޖުން އަދިވެސް ދަނީ ދެކޮޅު ހަދަމުންނެވެ.
ޔަހޫދީންގެ އަޅުވެތި ކަމަށް ނެތް ނުކުރެވިގެން ޙަމާސްގެ މުޖާހިދުން 2023 އޮކްޓޫބަރު 7ގައި ޒަޔަނިސްޓު ދަޢުލަތުގެ ރަށްތަކަށް ދިން ޙަމަލާތަކަށް ފަހު 250އެއްހާ ޔަހޫދީން ރަހީނު ކުރިއެވެ. އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މިނިވަން ކޮށްފައިވާއިރު, އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި 100އެއްހާ އަސީރުން އަދިވެސް ތިބި ކަމަށް ބެލެވެއެވެ. ޣައްޒާއަށް ޔަހޫދީ ފައުޖުން ދެމުންދާ ރަޙުމު ކުޑަ ޙަަމަލާތަކުގައި އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މަރުވެފައިވާ ކަމަށް ޙަމާސުން ދަނީ ބުނަމުންނެވެ.
ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން ތިން މީހަކު މަރުވީ ޔަހޫދީ ފައުޖުން ދިން ޙަމަލާއެއްގައި ކަމަށް ނުސީދާކޮށް އެއްބަސްވުމާ ގުޅިގެން ޒަޔަނިސްޓު ދަޢުލަތުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އޮތް ޕްރެޝަރު އެތަކެއް ގުނައަކަށް އިތުރުވެގެންދާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ޣައްޒާގެ މުސްލިމުން ޝަހީދު ކުރަން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓައިލައި, ޙަމާސާ އެކު ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއި ކުރަން އިސްރާއީލުގެ އެތަކެއް ހާސް ރައްޔިތުން ދަނީ އޭނާއަށް ބާރު އަޅަމުންނެވެ. އަދި, އެ ކަމާ ދެކޮޅު ހަދާތީ ނުރުހުން ފާޅު ކުރުމުގެ ގޮތުން ވެރިރަށް ތެލް އަވީވުގައި ސިލްސިލާ މުޒާހަރާތައް ބާއްވަމުންނެވެ.
އެއީ, ޔަހޫދީ ފައުޖުން ޙަމަލާދީ ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންތަކެއް މަރައިލި ފުރަތަމަ ފަހަރެއް ނޫނެވެ. ހުސްވި އަހަރުގެ ޑިސެންބަރު މަހު ވެސް ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ވަނީ ބަޑީގެ ޙަމަލާތަކެއްދީ އަސީރުންގެ ތެރެއިން ތިން މީހުން މަރައިލާފައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, އަމިއްލަ ޙަމަލާތަކެއްގައި އަސީރުންތަކެއް މަރުވި ކަމަށް އެއްބަސްވުމަކީ ވަރަށް ލަދުވެރިކަމެއް ކަމަށް ޔަހޫދީ ފައުޖުން ޤަބޫލު ކުރާ ކަމުގައެވެ.
މީގެ 11 މަސް ކުރިން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 41,206އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 95,337އަށް އުފުލިފައެވެ.