ޚަބަރު

މާލެ ޒޯނަށް ރަޖިސްޓްރީ ނުކޮށް އެޒޯނުގައި ދުއްވާ އުޅަނދުތަކުގައި ސްޓިކަރ ހަރުކުރަން ފަށައިފި


  • ޤަވާއިދާ ޚިލާފަށް ހުރި އުޅަނދުތައް ބާއްވަން ހުޅުމާލެ ދެވަނަ ފިޔަވަހިން ބިމެއް ވަނީ ހަމަޖައްސާފައި

  • އެފަދަ އުޅަނދުތައް އެތަނަށް ނުގެންދާނަމަ ޓޯ ކުރާނެ

ޤަވާއިދާ ޚިލާފަށް ރަޖިސްޓްރީ ނުކޮށް ދުއްވާ އުޅަނދުތަކާއި، މާލެ ސަރަހައްދަށް ރަޖިސްޓްރީ ނުކޮށް މިސަރަހައްދުގައި ދުއްވާ އުޅަނދުތަކުގައި ސްޓިކަރ ޖެހުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.

މިކަމާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުއްވި ބަޔާނުގައި ވިދާޅުވީ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން، ރަޖިސްޓްރީ ނުކުރާ އުޅަނދުތަކާއި، "އޭ" ޒޯން ނުވަތަ މާލެ ސަރަހައްދު ހިމެނޭ ޒޯނަށް ރަޖިސްޓަރ ނުކޮށް މާލޭ ސަރަހައްދުގައި ދުއްވާ އުޅަނދުތައް ޤާނޫނާއި ޤަވާއިދުގެ ތެރެއަށް ފެއްތުމަށް ފުރުސަތު ދިނުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

އެގޮތުން މިފަދަ އުޅަނދުތައް ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެމްއޭސީއެލް ފްލެޓުތައް ކައިރީ އޮންނަ ހުސް ބިމަށް ގެންދިއުމަށް އަންގާ، އެއުޅަނދުތަކުގައި ސްޓިކަރ ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ސްޓިކަރ ހަރުކުރާ އުޅަނދުތައް ސްޓިކާގައި ބަޔާން ކުރާ ސުންގަޑީގެ ކުރިން ނެގުމަށް އުޅަނދުގެ ވެރިފަރާތަށް ފުލުހުން ވަނީ އަންގާފައެވެ.

ޤަވާއިދާއި ޚިލާފަށް ހުރި އުޅަނދުތައް ބެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދުގައި އުޅަނދުތައް ބެހެއްޓުމަށް ދެނީ 6 މަސް ދުވަހުގެ މުއްދަތެކެވެ. އެމުއްދަތުގެ ތެރޭގައި އުޅަނދުތައް ޤަވާއިދުގެ ތެރެއިން ރަޖިސްޓްރީ ކުރަން ޖެހެއެވެ.

މިދިޔަ އޯގަސްޓް މަހުގެ 21 ވަނަ ދުވަހު އެ ބިމުގައި އުޅަނދުތައް ބެހެއްޓުމުގެ ފުރުސަތު ހުޅުވާލިއިރު، އެފަދަ އުޅަނދުތައް އެ ބިމުގައި ބަހައްޓަނީ އެއްވެސް އަގަކާއި ނުލައެވެ. ފުލުހުން ވިދާޅުވެފައިވަނީ ފުރަތަމަ 40 ދުވަހުގެ ތެރޭ އެތަނަށް ނުގެންދާ އުޅަނދުތައް ޓޯ ކުރާނެކަމަށެވެ.