ޚަބަރު

"ޔޫތް ސިޓީ" ތަސައްވުރުގެ ބޮޑުބައި ފުރިހަމަވެއްޖެ - އެޗްޑީސީ


ހުޅުމާލެއަކީ ޒުވާނުންނަށް އެންމެ އެކަށޭނަ ޚިދުމަތްތަކެއް ފޯރުކޮށްދޭ "ޔޫތް ސިޓީ"އަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހާމަކުރެއްވޮ ތަސައްވުރުގެ ބޮޑުބައެއް ހަޤީޤަތަކަށް ވެފައިވާތަން މިހާރު ފެންނަމުންދާކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ނާސިފު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫ "ހިޔާ"ގެ އިތުރުން ސަރުކާރުން މިހާރު ދަނީ ދެމެހެއްޓެނިވި ތަރައްޤީގެ ޕްލޭންތަކެއްގެ ދަށުން ހުޅުމާލޭގައި ތަފާތު ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ.

ހުޅުމާލެއަކީ މުސްތަޤުބަލް އުޖާލާ، އަންނަން އޮތް ޖީލުތަކަށް އެކަށޭނަ ފުރިހަމަ ސިޓީއަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަމާޒެކެވެ. ޒުވާނުންނަށް އެންމެ އެކަށޭނަ ގޮތަށް ޔޫތް ސިޓީއެއްގެ ގޮތުގައި ހުޅުމާލެ ތަރައްޤީކުރަމުންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިންވެސް ގިނަ ޚިދުމަތްތަކެއް ލިބެންހުރިއިރު، ދެވަނަ ފިޔަވަހި ތަރައްޤީ ކުރަމުންދަނީ އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކު ދެމެހެއްތެނިވި ގޮތަކަށް ދިވެހިންނަށް މަންފާކުރާފަދަ ގޮތަކަށެވެ.

ހުޅު މާލޭގެ ދެވަނަ ފިޔަވަހީގެ ތަރައްޤީގެ މަޝްރޫޢު ނިމޭއިރު އިޖްތިމާޢީގޮތުން ރައްކާތެރި، އާންމުންނަށް ބޭނުންވާ އެންމެ ޒަމާނީ ޚިދުމަތްތައް ލިބޭ ތަނަކަށް ހުޅުމާލެ ވެގެންދާނެކަމަށް ހުޅުމާލެ ތަރައްޤީކުރާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެއެވެ. އެގޮތުން ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫޢު، "ހިޔާ"ގެ މަސައްކަތް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރިއަށްދާއިރު ، މި މަޝްރޫއާއެކު ބޯހިޔާވަހިކަމުގެ މައްސަލައަށްވެސް އެދެވޭ ހައްލެއް ލިބިގެންދާނެކަމަށް ބެލެވޭއިރު، ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު ހަކަތައިގެ މަޝްރޫޢު ފިފްތް ޕަވަރ ޕްރޮޖެކްޓްވެސް ކުރިއަށްދަނީ ހުޅުމާލޭގައެވެ. މި މަޝްރޫޢާއެކު މާލެ، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލެވި، ކަރަންޓުގެ މައްސަލައަށްވެސް އެދެވޭ ހައްލެއް ލިބިގެންދާނެއެވެ.

ޒުވާނުންނަށް އެންމެ އެކަށޭނަ ހިތްފަސޭހަ ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރާ ހުޅުމާލެ، ޔޫތް ސިޓީއާ ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނާސިފް ވިދާޅުވީ ހުމާލެއަކީ ޒުވާނުންނަށް އެކަށޭނަ ޚިދުމަތްތަކެއް ފޯރުކޮއްދޭ "ޔޫތް ސިޓީ"އަކަށް ހެދުމަށް ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެންގުޅުއްވާ ތަސައްވުރުގެ ބޮޑުބައެއް ހަޤީޤަތަކަށް ވެފައިވާތަން މިހާރު ފެންނަމުންދާކަމަށެވެ. އެގޮތުން ޒުވާނުންނަށް ޚާއްސަ ފްޓްސަލް ދަނޑާއި، ދުވާ ޓްރެކާއި ފްޓްބޯޅަފަދަ ކުޅިވަރުތައް ކުޅެވޭނެ ތަންތަނާއި ގިނަ ޚިދުމަތްތަކަކާއެކު ކޮމިއުނިޓީ ސެންޓަރެއްވެސް ހުޅުމާލޭގައި ޤާއިމްކޮށްފައިވުމަކީ މިކަމުގެ ހެއްކެއްކަމުގައި ނާސިފު ވިދާޅުވިއެވެ.

ނާސިފް ވިދާޅުވީ އެޗްޑީސީގެ އަމާޒަކީ ހުޅުމާލެއަކީ އިޖްތިމާޢީގޮތުން ރައްކާތެރި އަމާން ސިޓީއެއްގެ ގޮތުގައި ހެދުންކަމަށެވެ. އަދި ހުޅުމާލޭގައި މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތައް ނިމޭއިރު، ހުޅުމާލެ ވެގެންދާނީ މި ޞަރަހައްދުގައިވެސް ފާހަގަކޮށްލެވޭ ސިޓީއަކަށެވެ.

އެޗްޑީސީން ބުނީ ހުޅުމާލެ ތަރައްޤީކުރަމުންދަނީ ގިނަ އަދަދެއްގެ ފްލޯޓިންގ ޕޮޕިއުލޭޝަން ނުވަތަ އައިސްގޮސް އުޅޭ މީހުންނަށް އެކަށޭނަ ސިޓީއެއްގެ ގޮތުގައިކަމަށެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާއި ކްރޫސްޓަރމިނަލްއިން ރާއްޖެއަންނަ ފަތުރުވެރިންނާއެކު ހުޅުމާލޭގައި އެއްލައްކައާ ހަމައަށް މި ޕޮޕުއުލޭޝަން އުފުލޭނެކަމަށް އެޗްޑީސީއިން ލަފާކުރެއެވެ.

ހުޅުމާލޭގައި މިހާރުވެސް ސާޅީސް ހާހަށްވުރެ ގިނަ މީހުން ދިރިއުޅެމުންދެއެވެ. ހުޅުމާލޭގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށްދާއިރު، ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ އެއްލައްކަ ސާޅީސްހާސް މީހުންގެ އާބާދީއަކަށް އަމާޒުކޮށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ޒައާމަތުގައި ފެށި މަޝްރޫއެކެވެ.