ކާނާ

ރެސިޕީ : ކޮބް ސެލަޑް


އާދައިގެ ސެލެޑަކަށްވުރެ ތަންކޮޅެއް މީރު ކާހިއްވާ ކަހަލަ ސެލެޑެއް ތައްޔާރުކޮށްލަން ބޭނުމިއްޔާ ކޮބް ސެލެޑް މީ ހަމަ އެންމެ ރަގަނޅު ސެލެޑެވެ.

ބޭނުންވާނެ ތަކެތި :

20 ކިންގް ޕްރޯންސް ( ތޮށި ނައްޓާފައި )
ލޮނު، އަސޭމިރުސް
2 ލެޓިއުސް ގަނޑު ( ދޮވެފަ، ކުދިކޮށް ފަތްތައް ކޮށާފައި )
4 ބިސް ( ހަރުވަންދެން ފެނުކައްކާފަ، ހަތަރު ފަޅިކޮށްފައި )
12 ފޮތި ސްމޯކްޑް ސޭމަން
2 އެވަކާޑޯ ( ރަގަނޅަށް ދޮންވެފަހުރި، ތޮށި ނޮޅާ، ފޮތިކޮށްކޮށާފައި )
8 ޗެރީ ޓޮމާޓޯ (ދެފޮތިކޮށްފައި )
200ގ ޓްރިޕަލް ކްރީމް ބްރީ ޗީޒް ( ފޮތި ކޮށްފައި )
އޮލިވްސް ( އޮއްނަގާފައި، ކުދިކޮށް ކޮށާފައި )
2 ޕިކަލްސް ( ކުދިކޮށް ކޮށާފައި )
½ ޖޯޑު ސެލެޑް ޑްރެސިން ( ރެންޗް ޑްރެސިން )
ބެންބޫ ސްޓިކް ( ހަތަރު އެތިކޮޅު )

ތައްޔާރުކުރާނެ ގޮތް :

ފުރަތަމަ ޕްރޯންސްތައް ލޮނު، އަސޭމިރުސް ލާފަ، ބެންބޫ ސްޓިކަށް އަމުނާލާށެވެ. ދެން އަވަން 120 ޖައްސާފަ 5 މިނެޓު ވަންދެން ހޫނުކޮށްލުމަށްފަހު، ޓްރޭއެއްގައި ތެޔޮކޮޅެއް ހާކާލާފަ، ޕްރޯންސް އެމުނި ބެންބޫ ސްޓިކްތައް އަތުރާލާ 8 މިނެޓު ވަންދެން އަވަނަށްލާ ފިހެލާށެވެ. އައްމިނެޓުވުމުން އަވަނުން ނަގާ އެއްކައަރީގައި ހޫނު ފިލަންދެން ބޭންދުމަށްފަހު ބޭންބޫ ސްޓިކްތަކުން ފްރޯންސްތައް ނައްޓާލާށެވެ.
ދެން ބޮޑު ތައްޓެއްގައި ކޮށާފައިވާ ލެޓިއުސްތައް އަތުރާލާށެވެ. މިއަށްފަހު ލެޓިއުސްތައް މައްޗަށް ބަރިބަރިއަށް ޕްރޯންސް، ބިސް، ސްމޯކްޑް ސޭމަން، އެވަކާޑޯ، ޓޮމާޓޯ އަދި ބްރީ ޗީޒް އަތުރާލާށެވެ. ހުރިހާ އެއްޗެއް ވަކިވަކިން ތަށީގައި އެތުރުމަށްފަހު މައްޗަށް ޕިކަލް އަދި އޮލިވްސްތައް އަޅާލާފަ، ލޮނު އަދި އަސޭމިރުސް ބުރުވާލާށެވެ. މިސެލެޑް ތައްޔާރުކުރާއިރު ޑްރެސިން އެއްނުކޮށް، ވަކިން ޑްރެސިން ސާރވްކުރާށެވެ. ސެލެޑް ހެދުމަށްފަހު ފިނިކޮށްގެންވެސް ކެވިދާނެއެވެ.