ދީން

ބޮޑު ޖަމާޢަތުގައި ގިނަޢަދަދެއްގެ ބަޔަކު ފިޠުރު ޢީދު ނަމާދުކޮށްފި


މާލެއާއި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބޮޑު ޖަމާޢަތުގައި ފިޠުރު ޢީދު ނަމާދުކޮށްފިއެވެ. ވެރިރަށް މާލޭ ސިޓީގައި ޢީދު ނަމާދު މިއަދު ބޮޑު ޖަމާޢަތުގައި ކޮށްފައިވަނީ މާފަންނު ސްޓޭޑިއަމް ސަރަޙައްދުގެ އިތުރުން އިސްލާމީ މަރުކަޒުގައެވެ.

މުސްލިމުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދައްކުވައިދޭ އެއްކަމަކީ ޖަމާޢަތުގައި ކުރެވޭ ނަމާދެވެ. ޚާއްޞަ ގޮތެއްގައި ބޮޑު ޖަމާޢަތްތަކުން މުސްލިމުންގެ އާރާއި ބާރު ދައްކައިދެއެވެ. މިފަދައިން ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީވެސް މުސްލިމުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ދައްކުވައިދީ، އިޖްތިމާޢީ ގުޅުން ބަދަހިކުރުމެވެ.

މާލޭގައި މިއަދު ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކޮށްފައިވަނީ އިސްލާމީ މަރުކަޒުގެ އިތުރުން، މާފަންނު ސްޓޭޑިއަމް ސަރަޙައްދުގައެވެ. އެގޮތުން އިސްލާމީ މަރުކަޒު ސަރަޙައްދާއި، ސްޓޭޑިއަމް ސަރަޙައްދުގައިވެސް އަންހެނުންނާއި ފިރިހެނުން ޢީދު ނަމާދުކޮށްފައިވަނީ ކަނޑައަޅާފައިވާ ވަކި ޙާއްސަ ސަރަޙައްދުގައެވެ. ސްޓޭޑިއަމް ސަރަޙައްދުގައި އަންހެނުން ނަމާދުކޮށްފައިވަނީ ޣިޔާސުއްދީން ސުކޫލާ ވީފަޅިން ސްޓޭޑިއަމް ތެރޭގައެވެ. އަދި ފިރިހެނުން ނަމާދުކޮށްފައިވަނީ އިސަކަންދަރުކޮށި ކުރިމަތިން އޮންނަ ސްޓޭޑިއަމް ސަރަޙައްދުގައެވެ. އިސްލާމީ މަރުކަޒު ސަރަޙައްދުގައި އަންހެނުން ނަމާދުކޮށްފައިވަނީ ރަސްރަނި ބަގީޗާއާ ވީފަޅިން މިސްކިތުން ބައެއްގައެވެ. އަދި ފިރިހެނުން ޢީދު ނަމާދުކޮށްފައިވަނީ ޖުމްހޫރީ މައިދާނާ ވީފަޅިން އިސްލާމީ މަރުކަޒުން ބައެއް ހިމެނޭގޮތަށެވެ.

ފިޠުރު ޢީދު ނަމާދަށްފަހު، ރާއްޖޭގެ މިސްކިތްތަކުގައި ދިން ޚުޠުބާގައި ވަނީ ޢީދު ދުވަހަކީ ތަކްބީރުގެ ދުވަސްކަމަށާއި، މުސްލިމުންގެ ޢީދުގެ ޒީނަތްތެރިކަމަކީ ތަކްބީރުކަން ފާހަގަކުރައްވާފައެވެ. އަދި މިއަދަކީ ރޯދަވެރިންނަށް ކާމިޔާބުގެ ތާޖާއި އިނާމު ދެއްވާ ދުވަސްކަން ފާހަގަކުރައްވާ، މާތް ﷲ އަށް ކިޔަމަންތެރިވި އަޅުންނަށް މި ދުވަސް ބާއްޖަވެރި ޢީދެއްކަމުގައި ލެއްވިކަމަށާއި، އެއީ ﷲ ގެ އަމުރުފުޅުތަކަށް ތަބާވެ، އެކަލާނގެ އިންތަކަށް ރައްކައުތެރިވިކަމުގެ ހެޔޮ ޖަޒާއެއްގެ ގޮތުންކަމަށްވެސް ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.

މުސްލިމުން ޢީދު ނަމާދަށްޓަކާ އެއްވާ އެއްވުމުން ފެނިގެންދަނީ މުސްލިމުންގެ އެއްބައިވަންތަކަމާއި، އެކުވެރިކަންކަމުގައި ފާހަގަކުރައްވާ، ޙަސަދަވެރިކަމާއި، ބައިބައިވުމާއި، އަރާރުންތަކާ ދުރުހެލިވުމަށް މިއަދު ޢަޒުމް ކަނޑައެޅުމަށް ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ.

"ﷲ ގެ އަޅުތަކުންނޭވެ! ޢީދު ދުވަހު އަރަމުންދާ އިރާއެކު ތިބާގެ ތުންފަތުން ހިނިތުންވެލުމުގެ އިރު ފާޅުކުރާށެވެ! ލޯތްބާއި ކުލުނާއި، އަޚުވަންތަކަމުގެ ބެބުޅުމުން ތިބާގެ މޫނު ބަބުޅައިލާށެވެ! ގާތްތިމާގެ އެންމެންގެ މެދުގައި ރަޙިމުގެ ގުޅުން އައުކުރާށެވެ! ރަޙްމަތްތެރިންގެ މެދުގައި އެކުވެރިކަން ބަދަހި ކުރާށެވެ!" - ޢީދު ޚުޠުބާ

މިއަދުގެ ޢީދު ޚުޠުބާގައި އިސްލާމީ ޢީދުތަކަކީ އެކަމުގައި އެންމެން ބައިވެރިކުރުވަންޖެހޭ އިޙްތިފާލުތަކެއް ކަމަށްވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ދުވަސްތަކުގައި އުފާ ފާޅުކުރަންވީ ހަމައެކަނި ތަނަވަސްކަން ލިބިގެންވާ މީހުން ނޫންކަން ފާހަގަކުރައްވާ، ޢީދު ދުވަހު، ޢީދު ނަމާދުގެ ކުރިން ފިޠުރު ޒަކާތް އަދާކުރުމަށް އިސްލާމްދީނުގައި އަންގަވާފައިވާކަމުގެ އެންމެ މަތިވެރި ހިކުމަތަކީވެސް، ޢީދުގެ އުފަލުގައި ތަނަވަސްކަން ލިބިގެންވާ މީހުންނެކޭ އެއްފަދައިން، ފަޤީރުންނާއި މިސްކީނުންވެސް ބައިވެރިކުރުވުންކަމަށްވެސް ޚިޠުބާގައި ބުނެފައިވެއެވެ. ހަމައެހެންމެ އިސްލާމްދީނުގައި ޢީދުތައް ޝަރްޢު ކުރައްވާފައިވާ ސަބަބުތަކުގެ މައްޗަށްވެސް މިއަދުގެ ޢީދު ޚުޠުބާގައި ވަނީ އަލިއަޅުވާލާފައެވެ.

"އިސްލާމްދީނުގައި ޢީދުތައް ޝަރްޢު ކުރައްވާފައިވަނީ ހަމައެކަނި އުފާފާޅުކޮށް މަޖާކުރާކަށް ނޫނެވެ. އެކަމަކު އެކަން ޝަރްޢު ކުރެއްވީ އިސްލާމީ މުޖުތަމަޢުގެ އަފްރާދުންގެ މެދުގައި އެކުވެރިކަން އާލާކުރެއްވުމަށްޓަކައެވެ. އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓެވުމަށްޓަކައެވެ. މުސްލިމުންގެ މެދުގައި ހެޔޮ ފޯރުވުމުގެ ރަނގަޅު އާދަ ފެތުރުއްވުމަށްޓަކައެވެ. ޢީދު ދުވަސްތަކުގައި ހެޔޮ ފޯރުވުމަކީ އަދި އެއްބަޔަކު އަނެއްބަޔަކަށް އަޅައިލުމަކީ އިސްލާމީ ރިވެތި އަދަބެކެވެ." - ޢީދު ޚުޠުބާ

ރޯދައަކީ ތަރްބިޔަތުގެ ބޮޑު މަދަރުސާއެއްކަން ފާހަގަކުރައްވާ، ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދިން ޢީދު ޚުޠުބާގައި އިސްލާމްދީނަކީ އެދީނުގެ ޝަޢީރާތަކުގެ ތެރެއިން މާތް މުޖުތަމަޢެއް ބިނާކުރުމަށް ތަމްރީނުދޭ ދީނެއްކަމަށް ބުނެފައިވެއެވެ. އަދި މިފަދަ ތަރްބިޔަތުގެ އަމާޒަކީ އުއްމަތުގެ އެންމެހާ އަފްރާދުން އެއްބަނޑުއެއްބަފައި ކުރުންކަމަށާއި، ބަރަކާތްތެރި ރަމަޟާންމަސް އަޅުގަނޑުމެންނާއި ވަކިވެދިޔައެއްކަމަކު، އިސްލާމްދީނުގައި އަންގަވާފައިވާ ހެޔޮގޮތްތައް މަތީ ސާބިތުވެ ތިބުމަށްވެސް ޢީދު ޙުޠުބާގައި އެންމެހާ މުސްލިމުންނަށް ވަނީ ގޮވާލާފައެވެ.

މާލޭގެ އިތުރުން ވިލިމާލެއާއި ހުޅުމާލޭގައިވެސް މިއަދު ބޮޑު ޖަމާޢަތުގައި ވަނީ ޢީދު ނަމާދުކޮށްފައެވެ. ހަމައެހެންމެ ރާއްޖޭގެ އާބާދީ ބޮޑެތި ރަށްތަކާއި، ސިޓީތަކުގައިވެސް ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކޮށްފައިވެއެވެ.