މާލޭގެ އެކި ސަރަޙައްދުގައި ލެޑް ޕެނަލް ހަރުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއާ ހަވާލުކޮށްފިއެވެ.
ޕީއެސްއެމްގެ ޓީވީ ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި ލެޑް ޕެނަލް ހަރުކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފްއެވެ. ހައުސިންގ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާރމަނެންޓް ސެކްރެޓަރީ މުޙައްމަދު މާހިދު ޝަރީފުއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިކްރާމް ވިދާޅުވީ، ތަހުޒީބު ތަރައްޤީ ސިޓީއެއްގެ ގޮތުގައި މާލެ ސަރަޙައްދު ތަރައްޤީވެގެން ދާއިރު، ޒަމާނާ ގުޅޭ ތަފާތު އެކި މަންޒަރުތައް މާލޭގެ އެކި ސަރަޙައްދުން ފެންނަޖެހޭ ކަމަށެވެ. އިކްރާމް ވިދާޅުވީ ޕީއެސްއެމްގެ ފަރާތުން މާލެ ސަރަޙައްދުގައި ހަރުކުރާ ލެޑް ޕެނެލްތަކުން ޒަމާނާ ގުޅޭ މަންޒަރުތައް ފެނިގެންދާނެ ކަމަށެވެ.
"ލެޑް ޕެނަލް ބެހެއްޓުމޭ އަޅުގަނޑު ދެންނެވީމަ ތަފާތު އެކި ފަރާތްތަކުން މިހާރުވެސް މާލެ ސަރަޙައްދުގައިވެސް ވިލިމާލޭގައިވެސް ހުޅުމާލޭގައިވެސް ލެޑް ޕެނެލަތައް އެބަ ބަހައްޓަވާ. އެހެންނަމަވެސް އަޅުގަނޑުމެން ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ފަރާތުން މި ބަހައްޓާ ލެޑް ޕެނަލްތަކަކީ މިއީ މިހާތަނަށް ދިވެހިރާއްޖޭގައި ބަހައްޓާ އެންމެ ބޮޑެތި ލެޑް ޕެނަލްތައް. އެއީ ގާތްގަނޑަކަށް 48 ފޫޓާއި 16 ފޫޓުގެ ބޮޑުމިން ހުންނަ ޕެނަލްތަކެއް. އަދި މިި ޕެނަލްތަކުން ވަރަށް ދުރަށް ފެންނާނެ،" އިކްރާމް ވިދާޅުވިއެވެ.
އިކްރާމް ވިދާޅުވީ ޕީއެސްއެމްއިން ހަރުކުރާ ލެޑް ޕެނަލްތައް ހަރުކުރާނީ މާލެއާ މާލެ ސަރަޙައްދުގައިވެސް އެންމެ ގިނައިން މީހުން އެއްވާ ސަރަޙައްދުތަކުގައި ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ހައެއް ނުވަތަ ހަތް ލެޑް ޕެނަލް ހަރުކުރެވިގެންދާނެ ކަމަށްވެސް އިކްރާމް ވިދާޅުވިއެވެ. އިކްރާމް ވިދާޅުވީ މި މަޝްރޫޢު މި ހަފްތާގެ ތެރޭގައި ފަށާނެ ކަމަށެވެ.
"އަޅުގަނޑުމެން މި ޕެނަލްތައް މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ އެކިއެކި މެސެޖުތައް ދިނުމާއި ރައްޔިތުން ހޭލުންތެރި ކުރުވުމާއި އަދި ދަޢުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް ފޯރުކޮށްދިނުމާއި އަދި އަޅުގަނޑުމެން ޚިޔާލުކޮށްފައި އޮތްގޮތުން އަޅުގަނޑުމެން ކަނޑައަޅާ މިންގަނޑުތަކެއްގެ ތެރޭގައި ވިޔަފާރި އުޞޫލުން ބައެއް ފަރާތްތަކުގެ އިޝްތިހާރުތައްވެސް އަޅުގަނޑުމެން ކަނޑައަޅާ އުޞޫލުތަކެއްގެ ތެރެއިން ގެނެސްދިނުމާއި މިކަހަލަ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދާނަން. ނަމަވެސް ބޮޑަށް އަޅުގަނޑުމެންގެ މަޝްރޫޢު އަމާޒުކުރެވިފައި މިވަނީ ޤައުމީ ކަމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ޤައުމީ ކަންކަން ރައްޔިތުންނާއި ހަމައަށް ގެނެސްދިނުން،" އިކްރާމް ވިދާޅުވިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ހައުސިންގ މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީ މާހިދު ވިދާޅުވީ ގޭ ގޭގެ ސިޓިންގރޫމާއި ހަމައަށް ލިބެމުންދާ މަޢުލޫމާތުތައް މާލޭގެ އެކި ސަރަޙައްދުތަކުގައި މަސައްކަތްކުރާ އަދި އެކި ސަރަޙައްދުތަކުގައި އުޅޭ މީހުންނަށް ލިބެންޖެހޭ ކަމަށެވެ. އެގޮތުން މި ލެޑް ޕެނަލްތައް މެދުވެރިކޮށް މާލެއާ މާލޭ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތައް މަގުތަކުގައި ޙަރަކާތްތެރިވަމުންދާއިރުވެސް ލިބެންޖެހޭ މުހިއްމު މަޢުލޫމާތުތައް ލިބެމުންދާނެ ކަމަށް މާހިދު ވިދާޅުވިއެވެ.
"މިފަދަ މަސައްކަތެއް ކުރުމަށް ޕީއެސްއެމްއިން އިސްނެންގެވީތީ އަޅުގަނޑު ވަރަށް އުފާކުރަން. ހައުސިންގ މިނިސްޓްރީގެ އުއްމީދަކީ ވީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ރައްޔިތުންނަށް މިކަންކަން ފޯރުކޮށްދެވިގެން ދިއުން" މާހިދު ވިދާޅުވިއެވެ.
ޕީއެސްއެމްއިން ބުނީ ވޯލްޑްކަޕްގެ ފޯރި ނިމުމުގެ ކުރިން މާލޭގެ ބައެއް ސަރަޙައްދުތަކުގައި ބައެއް ލެޑް ޕެނަލްތައް ހަރުކުރުމަށްޓަކައި މަސައްކަތް ކުރާނެ ކަމަށެވެ.