ރިޕޯޓް

މިއުޒިކަލީ - ޒުވާނުންގެ ހުނަރުވެރިކަން ދައްކުވައިދޭ އެޕެއް


ދިވެހިންނަކީ އަބަދުވެސް ޓެކްނޮލޮޖީއާއި ރަށްޓެހި ޓެކްނޮލޮޖީގެ ވަޞީލަތްތަކަށް އަހުލުވެރިބައެކެވެ. އެގޮތުން މާސް މީޑިއާގެ ތަފާތު ވަޞީލަތްތަކާއި ތަފާތު އެޕްލިކޭޝަންތަކަކީ ދިވެހިން އޭގެ ބޭނުންހިފާ އެއްޗިހިތަކެކެވެ.

އެގޮތުން ފޭސްބުކާއި ސްނެޕްޗެޓާއި ޓްވިޓަރ ފަދަ އެޕްލިކޭޝަންތަކަށް ދިވެހިން ވަރަށް ފަރިތައެވެ. އެގޮތުން މިހާރު ދިވެހި ޒުވާނުންގެ މެދުގައި އެންމެ ބޮޑަށް މަޤްބޫލުކަން ހޯދަމުން އަންނަ އެއް އެޕަކީ މިއުޒިކަލީ ކިޔާ ޑަބްކުރާ އެޕެކެވެ. މި އެޕަކީ ދިވެހި ޒުވާނުންގެ އެކްޓިންގ ސްކިލް މުޅި ދުނިޔެއަށް ދައްކައިދޭ ޕްލެޓްފޯމަކަށް މިއަދު މިވަނީވެފައެވެ.

ދުނިޔޭގެ ބޮޑުމިން އެތަށް މިލިއަން ކިލޯމީޓަރަށް ދެމިގެން ދިޔަސް މިއަދު ދުނިޔޭގެ ކޮންމެ ކަންކޮޅެއްގައި ކަމެއް ހިނގިޔަސްވެސް އެކަމުގެ މަޢުލޫމާތު ހޯދުމަކީ މާ އުނދަގޫކަމެއް ނޫނެވެ. އެގޮތުން ތިމާގެ ދުވަސް ދާގޮތް ސްނެޕް ނުވަތަ އިންޓަގްރާމް ކޮށްލާ، ފޭސް ބުކް ސްޓޭޓަސް އެއް ޖަހާނުލާ މީހަކު މިއަދު ނުހުންނާނެއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. މީގެ އިތުރުން ވަކިކަމެއް ޓްރެންޑްކުރަން ޓްވީޓް ކުރުމަކީވެސް މިއަދު އަޅުގަނޑުމެންނަށް އާކަމެއް ނޫނެވެ. އެގޮތުން މި ޒަމާންވީ މޯބައިލް އެޕްތަކަށް މީހުންގެ ތަރުހީބު ލިބެމުންދާއިރު، މިހާރު ކޮންމެ ދުވަހަކުހެން ތަފާތު ކަންކަން ކުރެވޭ އާ އެޕަށް ވުޖޫދުވެގެން އާދެއެވެ.

އެގޮތުން މިފަހަކަށް އައިސް ދިވެހި ޒުވާނުންގެ މެދުގައި މަޝްހޫރުވެފައިވާ އެއް އެޕަކީ މިއުޒިކަލީ ކިޔާ ޑަބްކުރާ އެޕެކެވެ. 2014 ވަނަ އަހަރު ޗައިނާގެ ކުންފުންޏަކުން އުފެއްދި މި އެޕަކީ މީގެ ދުވަސްތަކެއް ކުރިން ދިވެހިންގެ ތެރޭގައި މަޝްހޫރުވި ޑަބްސްމެޝްއާ ދާދި އެއްގޮތް އެހެން ނަމަވެސް ގިނަ ފީޗާތަކެއް އެކުލެވޭ އެޕެކެވެ.
އެގޮތުން މި އެޕް މެދުވެރިކޮށް 15 ސިކުންތާއި 1 މިނެޓާއި ދެމެދުގެ ކުރު ވީޑިއޯ ކްލިޕްތަށް ހެދޭއިރު މިއެޕް މެދުވެރިކޮށް ޓައިމް ލެޕްސްއާއި، ސްލޯމޯ، އަދި ޑުއެޓް ލަވަތަކަށް ޑަބްކުރުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ. މިހާރު ޓްރެންޑްވާ ޖިފްތަކަށް އިތުރަށް ބާރަކަށް ވެފައިވާ މި އެޕްގައި 14 ޕްރީ ސެޓް ފިލްޓަރ ހުންނައިރު ތަފާތު ހޭޝްޓެގްތަށް ބޭނުންކުރުމުގެ ފުރުސަތު މި އެޕުން މިއަދު މިވަނީ ހުޅުވާލައިފައެވެ.

މި އެޕް މެދުވެރިކޮށް، ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި މަޝްހޫރުވެފައި ހުރި ތަފާތު ލަވަތަކާއި ޑައިލޮގްތަކަށް ޒުވާނުން އެކްޓްކޮށްލާފައި ހުންނައިރު ހޮލީވުޑާއި ބޮލީވުޑްގެ ހިޓް ލަވަތަކާއި ޑައިލޮގްތަށް ޑަބްކޮށްފައި ހުންނަ މަންޒަރަކީ ކޮންމެ މީހެއްގެ މޫނުމައްޗަށްވެސް ހިނިތުންވުން ގެނުވާފަދަ ތަފާތު ހުށަހެޅުންތަކެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިއުޒިކަލީ ބޭނުން ކުރަމުންދާ މީހުންގެ އަދަދު 200 މިލިއަނަށް އަރާއިރު މި އެޕަށް އެޕަށް ކޮންމެ ދުވަހަކު އެތަށް މިލިއަން ވީޑިއޯ އަޅައެވެ.