ރިޕޯޓް

މަގުމަތިން ލިބުނު ރޯދަވީއްލުން


ރޯދަވީއްލާވަގުތު މަގުމަތީގައި އުޅޭމީހުންނަށް ރޯދަ ވީއްލޭނެ މަޤުފަހިކޮށްދިނުމަށް މަދުންނަމަވެސް ރާއްޖޭގެ އަމިއްލަ ބައެއް ޖަމްޢިއްޔާތަކުން ދަނީ މަސައްކަތްކުރަމުންނެވެ. މިހާހިސާބުން މިބަލާލަނީ ރަމަޟާން މަހާ ދިމާކޮށް ވޭތުވެދިޔަ ފަސް އަހަރު ކެނޑިނޭޅި މިމަސައްކަތްކުރަމުންދާ ޖަމްޢިއްޔާއަކަށެވެ.

ރަމަޟާންމަހުގެ ދުވާލު ރޯދަވީއްލާ ވަގުތަށް ގެއަށް ނުދެވިއްޖެނަމަ، ގެއަށް ދެވެންދެން ރޯދަ ނުވީއްލައި ހުރުން ނޫންގޮތެއް ނޯވެއެވެ. އެކިތަންތަނަށް ދިއުމުގެ މަގުމަތީގައި ރޯދަވީއްލާވަގުތު ތިބެންޖެހޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މާލޭގައި ޙަރަކާތްތެރިވާ ބައެއް ޖަމްޢިއްޔާތަކުން މަސައްކަތްކުރަމުންނެވެ. އެގޮތުން މަޣްރިބް ނަމާދުވަގުތު ބަންގި ގޮވާއިރު މަގުމަތީގައި އުޅޭ މީހުންނަށް ރޯދަވީއްލުމަށް ޚާއްސަ ޕެކޭޖުތަކެއް ތައްޔާރުކޮށް ދަނީ ބަހަމުންނެވެ.

ހަތްދިހައެއްހައި ވޮލަންޓިއަރުންގެ މައްޗަށް އެކުލެވޭ ޓީމަކާއެކު "ދަޢުވާ މޯލްޑިވްސް"ގެ ފަރާތުން ރޯދަވީއްލާގަޑިއާ ދިމާކޮށް ކުރިޔަށް ގެންދާ "ހޭސްޓަން ޔޯރ އިފްތާރު" ޕްރޮގްރާމަކީ އިސްލާމީ ރީތި އާދަކާދައިގެ މައްޗަށް އެކުލެވޭ މުހިންމު ޕްރޮގްރާމެކެވެ.

ރޯދަވީއްލާގަޑިއާ ދިމާކޮށް ދައުވާ މޫވްމަންޓުން މާލޭގެ ހަތަރު ސަރަހައްދެއްގައާއި ހުޅުމާލޭގައިވެސް ރޯދަ ވީއްލަން ބޭނުންވާނެ ކަދުރާއި ފެން ހިމެނޭ ޕެކޭޖުތަކެއް ދަނީ ބަހަމުންނެވެ. މިކަންކުރުމަށް އެޖަމްޢިއްޔާއިން ކުރާ މަސައްކަތާއި މިކަން ރޭވިގެންދާ ގޮތް އެޖަމްޢިއިއްޔާގެ ފަރާތުން އަޅުގަނޑުމެނަށް ކިޔައިދިނެވެ.

ހޭސްޓަން ޔޯރ އިފްތާރު ޕްރޮގްރާމް އެމް.އެމް.އޭ ސަރަހައްދާއި އެމްޕީއެލް ސަރަހައްދުގެ އިތުރުން މާލޭގައި މީހުން ގިނައިން އުޅޭ ސަރަހައްދުތަކުގައި ޓީމް ދައުވާ މޯލްޑިވްސްގެ ފަރާތުން ކުރިޔަށް ގެންދެއެވެ. އެޖަމްޢިއްޔާއިން ބުނީ ރަމަޟާން މަހާ ދިމަކޮށް ކުރިޔަށް ގެންދާ ޕްރޮގްރާމްތަކުގެ އިތުރުން އެހެނިހެން ކަންތައްތައްވެސް ޓީމް ދައުވާ މޯލްޑިވްސްއިން ކުރިޔަށް ގެންދާކަމަށެވެ.