ރިޕޯޓް

"ތަށިބަރި މޫވްމަންޓް" - އިހުގެ ރީތިއާދަ ދިރުވައިފި


ޒަމާނުއްސުރެ ދިވެހިންގެ މެދުގައި ހުރި ރީތި ބައެއް އާދަކާތައް ފަހަކަށް ދަނީ ފަނޑުވަމުންނެވެ. ސަޤާފީގޮތުން ދިވެހިންގެ ތެރޭގައި ފާހަގަކޮށްލެވޭ ރީތީ އާދަތައް އަލުން ދިރި އާލާވާތަން ފެމުނަކީ ކޮންމެ ދިވެއްސަކަށްވެސް ލިބޭނެ ހިތްހަމަޖެހުމެކެވެ.

ދިވެހިންނަކީ ޒަމާނުއްސުރެއް ގާތްތިމާގެ މީހުންނާއި، އަވައްޓެރިންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގައި ލާމަސީލުމިސާލު ބަޔެކެވެ. މިކަން ރަމްޒުކޮށްދޭ ތަފާތު އާދަކާދަތަކަކީ މީގެ ޒަމާންތަކެއްކުރިން ވަރަށް ޢާންމުކަންކަމެވެ. މިގޮތުން ފާހަގަކޮށްލެވޭ އެއްކަމަކީ އެއް ގެއެއްގައި ކައްކާ ކާބޯތަކެތި އަނެއްގެއަށް ފޮނުވުމުގެ އާދައެވެ.

ތަށިބަރިއަކަށް ގޭގައި ކައްކާ ކާބޯތަކެތިން ބައެއް އަޅައިގެން އަވައްޓެރިންނާއި ގާތްތިމާގެ މީހުންނަށް ބެހި ހަދާން އަޅުގަނޑުވެސް ހުރެއެވެ. މިފަދަ ތަށިބަރިތަކުގައި ހުކުރުދުވަހު ކައްކާ ކުކުޅު ރިހައާއި، ޢީދު ބޮނޑިބަތާއި ފިހުނުމަހާއި ބަތްޕެން ފަދަ ތަކެތި އެއްގެއިން އަނެއްގެއަށް ގެންދިޔަ ޒަމާން މިއަދު މިވަނީ މާޒީވެ ގޮސްފައެވެ.

އެހެންނަމަވެސް ދާދިފަހުން ސޯޝަލް މީޑިއާއިން ވަނީ މި ރީތި މިއާދަ އަލުން އާލާކުރުމުގައި ޒުވާނުންތަކެއް އިސްނެގައި މަސައްކަތްތަކެއް ކުރި މަންޒަރު ފެނިފައެވެ. "ތަށިބަރި މޫވްމަންޓު"ގެ ނަމުގައި ފެށި މިޓްރެންޑް ފެނުމާއެކު އާވެގެންދިޔައީ ކުރީ ރަން ހަދާންތަކެވެ.

ރޯދަމަހާދިމާކޮށް އެކަކު އަނެކަކަށް ތަށިބަރި މޫވްމަންޓުގެ ތެރެއިން ފާޑު ފާޑުގެ ކާތަކެތި ފެނުމުން އަޅުގަނޑުވެސް މީގައި ބައިވެރިވާ ހިތްވިއެވެ. ވަރަށް ގިނަ ޒުވާނުން މިކަމުގައި ބައިވެރިވެ، ތަފާތު އެކިއެކި ކާބޯތަކެތި ބަދަލްކުރަމުންދާ މަންޒަރުގެ އިތުރުން، މިކަމުން ލިބޭ ހިންހަމަޖެހުމުގެ ވާހަގަތައްވެސް ޓްވީޓާފަދަ ވަސީލަތްތަކުން ފެނިގެން ދިޔައެވެ.

ތަށިބަރިމޫވްމަންޓް ކުރިޔަށްދަނީ ޓުއިޓަރގައެވެ. މީތިކުރިޔަށްދަނީ #ތަށިބަރިމޫވްމަންޓް ޖަހާފައިވާ ކަރުދާހަކާއެކު ތަށިބަރި ލިބޭމީހާ ޓުއިޓަރއިން އޭނާއަށް ފެންނަ އެހެން މީހަކަށް ތަށިބަރިފޮނުވައިގެނެވެ. މިގޮތުން ތަށިބަރު ލިބޭ ފަރާތުން އެހެން މީހަކަށް އަމިއްލަ ގޭގައި ކައްކާފައިވާ ތަކެތި އަޅާފައިވާ ތަށިބަރި ރައްދުކޮށްދޭން ޖެހޭނެއެވެ. ކޮންމެއަކަސް ޓުއިޓަރގައި ނޫނަސް މިއީ މިރީތި އާދަ އާލާކުރުމަށް ލިބޭ ރަގަނޅު ފުރުސަތެކެވެ.

ކޮންމެއަކަސް މިފަދަ ރީތި އާދަތަކަކީ ޒަމާނީ ބަދަލުތަކާއެކުނަމަވެސް އަލުން ދިރުވައި އާލާކޮށް، އަންނަންއޮތް ޒީލްތަކަށް ވާސިލްކޮށްދޭން ޖެހޭ ކަމެކެވެ. ސަބަބަކީ މިއީ ދިވެހިންގެ މެދުގައި އޮންނަ އެއްބައިވަންތަކަމުގެ ގުޅުން ވަރުގަދަކުރުމަށް ލިބޭ ބާރަކަށްވާތީއެވެ.