ޚަބަރު

އޮންލައިންކޮށް ޑައުންލޯޑްކުރާ ބޭންކް ސްޓޭޓްމެންޓްވެސް "ހިޔާ" ފޯމުތަކާއެކު ބަލައިގަންނާނެ - ހައުސިން މިނިސްޓްރީ


"ހިޔާ" މަޝްރޫޢުގެ ފްލެޓްތަކަށްއެދި ހުށަހަޅާ ފޯމުތަކާއެކު ހުށަހަޅަންޖެހޭ ބޭންކް ސްޓޭޓްމެންޓް ނެގުމަށް އެކި ބޭންކްތަކުގައި ކިއު ޖެހިގެން މީހުން ތިބޭކަން ފާހަގަކުރައްވޭކަމަށާ، އޮންލައިންކޮށް ޑައުންލޯޑްކުރާ ބޭންކް ސްޓޭޓްމެންޓްވެސް ފޯމާއެކު ޤަބޫލުކުރާނެކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ. އަދި ބޭންކް ސްޓޭޓްމަންޓް އޮތްނަމަ ވަޒީފާގައި އުޅޭކަމުގެ ލިޔުން ކޮންމެހެން ހުށަހަޅަން ނުޖެހޭކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.

ހިޔާ" މަޝްރުޢުގެ ފްލެޓްތަކަށް އެދި ފޯމު ހުށަހަޅާ ފޯމު މިހާރު ބަލައިގަންނަމުންދާއިރު، ފަހުވަގުތަށް މަޑުނުކުރައްވައި މަޢުލޫމާތު ފުރިހަމަކުރުމަށްފަހު ފޯމުތައް ހުށަހެޅުމަށް ހައުސިން މިނިސްޓްރީން އިލްތިމާސްކުރެއެވެ. ފޯމް ހުށަހެޅުމުގެ ކަންކަން ފަސޭހަ ކުރުމުގެ ގޮތުން، ހައުސިންގ މިނިސްޓްރީން ވަނީ ފޯމް ބަލައިގަތުމަށް ދޫކުރާ ކިއު ނަންބަރު ދޫކުރާގޮތަށް ބޮޑު ބަދަލެއް ގެނެސްފައެވެ. އެގޮތުން ފޯމް ބަލައިގަތުމަށް ދޫކުރާ ކިއު ނަންބަރު ދޫކުރަމުންދަނީ "ކިއުބީ" މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ.

ރާއްޖޭގެ ތާރީޚުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު "ހިޔާ"ގެ ފްލެޓްތަކަށް ފޯމް ދޫރަން ފަށާފައިވަނީ މެއި މަހުގެ 6 ވަނަ ދުވަހު ދަރުބާރުގޭގައި މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މެއި މަހުގެ ނިޔަލަށް ދަރުބާރުގެއިން 40000 އަށްވުރެ ގިނަ ފޯމު ދޫކޮށްފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން އޮންލައިންކޮށްވެސް ގިނަ ޢަދަދެއްގެ ފޯމު ޑައުންލޯޑްކޮށްފައިވާކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ޕީއެސްއެން ނިއުސްއަށް މަޢުލޫމާތުދެމުން ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަޙްމަދު ފަޒާލް ވިދާޅުވީ ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ހިފައިގެން ގޮސްފިނަމަ 5 ވަރަކަށް މިނެޓުން ފޯމުބަލައިގަތުމުގެ ކަންކަން ނިންމާލެވޭނެކަމަށެވެ. އެގޮތުން ޖުމްލަ 21 ކައުންޓަރަކުން ފޯމު ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާފައިވާކަން ފަޒާލް ފާހަގަކުރެއްވެވިއެވެ.

"ވަރަށް ބޮޑު ތަރުހީބެއް އެބަ ލިބެމުންދޭ. އެގޮތުން އެންމެ ގިނަވެގެން 5 މިނެޓުން މި ޕްރޮސެސް ނިންމާލެވޭނެ. އެންމެހާ ބޭފުޅުންވެސް މިފުރުސަތުގެ ބޭނުން ހިއްޕަވާ ފަހުވަގުތަށް މަޑުނުކުރައްވާ ފޯމުތަށް ލުން މުހިންމު."

ފަޒާލް ވިދާޅުވިއެވެ.

ބޭންކް ސްޓޭޓްމެންޓް ނެގުމަށް އެކި ބޭންކްތަކުގައި ކިއުޖެހިގެން މީހުން ތިބޭކަން ފާހަގަކުރައްވައި ފަޒާލް ވިދާޅުވީ، އޮންލައިންކޮށް ޑައުންލޯޑްކުރާ ބޭންކް ސްޓޭޓްމެންޓް އެ އިދާރާއިން ޤަބޫލުކުރާކަމަށެވެ. އަދި ބޭންކް ސްޓޭޓްމަންޓް އޮތްނަމަ ވަޒީފާގައި އުޅޭކަމުގެ ލިޔުން ކޮންމެހެން ގެންނަވާކަށް ނުޖެހޭކަންވެސް ފަޒާލް ފާހަގަކުރެއްވެވިއެވެ.

"ވަރަށް ގިނަ ބައެއް ކިއުގަ ތިބޭ. އަޅުގަނޑުމެން އެންމެ ފުރަތަމަވެސް ދަންނަވާފައިވާނެ ކޮންމެހެން ބޭންކުން ތައްގަނޑުޖަހައިގެން ގެންނަ ބޭންކް ސްޓޭޓްމަންޓް ނޫނަސް އޮންލައިންކޮށް ޑައުންލޯޑްކުރާ ބޭންކް ސްޓޭޓްމަންޓްތަށްވެސް އަޅުގަނޑުމެން ބަލައިގަންނަމޭ. އަދި މި ސްޓޭޓްމަންތްގައި ވަޒީފައިގައި އުޅޭތަނާ، ލިބޭ މުސާރައާއި ހުރިހާ ޑީޓެއިލްއެއް ހުރީމަ އަސްލު ވަޒީފާގެ ލިއުން ނުގެނެއަސް ފުދޭނެ."

ފަޒާލް ވިދާޅުވިއެވެ.

"ކިއުބީ" މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކިއު ނަންބަރު ނުނެގޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ދަރުބާރުގޭގައި 21 ކައުންޓަރު ބަހައްޓާފައިވާއިރު އެންމެ ބާރުބޮޑު 4 ކެޓަގަރީއަށް ޚާއްސަކޮށްގެން ކޮންމެ ކެޓަގަރީއަކަށް 3 ކައުންޓަރު ބަހައްޓާފައިވެއެވެ. ހައުސިން މިނިސްޓްރީން ބުނީ ރަމަޟާންމަހު ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު ހެނދުނު 10:30 އިން 1:00 އަށް އަދި ރޭގަނޑު 9:00 އިން 11:00 އަށް ފޯމްތައް ބަލައިގަންނާނެކަމަށެވެ.