ހުޅުލެއާއި ހުޅުމާލެއާ ދެމެދު ހަދާ ލިންކް ރޯޑްގެ މަސައްކަތް ނިންމައި އަންނަ އޮގަސްޓް މަހުގެ ކުރީކޮޅު ޢާންމުންނަށް ހުޅުވާލާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ބުނެފިއެވެ.
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއިއެކު މަމިމަގުވެސް ހުޅުވާލަން ހަމެޖެހިފައިވާއިރު، މި ލިންކް ރޯޑްގައި ދަތުރުފަތުރުކުރުމަށް ގެންނަ ބަސްތަށް އަންނަ އޮގަސްޓް މަހުގެ ނިޔަލަށް އެމްޕީއެލްއިން ރާއްޖެގެންނާނެކަމަށްވެސް އެޗްޑީސީން މަޢުލޫމާތުދެއެވެ.
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއެކު މާލެއާއި ހުޅުލެއާއި ހުޅުމާލޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމް އެއް ވިއުގަރއަކުން ގުޅާލުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އެގޮތުން ބްރިޖްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، ބްރިޖް މެދުވެރިކޮށް މާލެއިން ހުޅުލެއަށް ފަސޭހައިން ދަތުރު ކުރެވޭނެ އިންތިޒާމް އެއަރޕޯޓުގައި ހަމަޖެއްސެމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ހަމައެއާއެކު ހުޅުލެއާއި ހުޅުމާލެއާއި ދެމެދު އެއްގަމު ދަތުރުފަތުރުކުރުމަށްޓަކައި ޙާއްސަ ލިންކް ރޯޑެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުންނެވެ. 370 މިލިއަން ރުފިޔާ ޙަރަދުކޮށްގެން ތަރައްޤީކުރާ މި ލިންކް ރޯޑްގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއްކަމަށްވާ ހުނާން ކޮންސްޓްރަކްޝަން އިންޖިނިއަރިން ގްރޫޕާއެވެ.
މި މަޝްރޫގެ އެންމެ ފަހުގެ މައުލޫމާތު ޕީއެސްއެމް ނިއުސްއާ ޙިއްސާކުރައްވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ، ލިންކް ރޯޑެއް ތަރައްޤީކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މާލެއާއި ހުޅުލެއާ ދެމެދު ބްރިޖު އެޅުމުން، ބްރިޖުގެ ޓްރެފިކް ފްލޯ ބްލޮކް ވިޔަނުދީ، ހުޅުލެއަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން، ހުޅުމާލެއަށް ދާން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށެވެ.
އެގޮތުން ދިގުމިނުގައި 4 ކިލޯމީޓަރު ހުންނަ މި ލިންކް ރޯޑަކީ ބައިންލްއަޤްވާމީ މިންގަނޑުތަކަށް ފެތޭނޭހެން 4 ލޭނަށް ފަރުމާކޮށްފައިވާ މަގެއްކަމުގައި ސައިމްން ފާހަގަކުރެއްވިއެވެ.
ހުޅުލެއާއި ހުޅުމާލެއާ ދެމެދު އަޅާ ލިންކް ރޯޑްގެ ބަސްދަތުރުގެ ނިޒާމު އެމްޕީއެލްއާ ޙަވާލުކޮށްފައިވާއިރު ހުޅުމާލޭގައި ބަސް ޓްރާންސިޓް ޓާމިނަލްއެއް ޤައިމުކުރުމުގެ މަސައްކަތް ޖުލައި މަހުގެ ފަހުކޮޅުގައި ނިމޭނެކަން ސައިމަން ފާހަގަކުރެއްވިއެވެ. އެގޮތުން ހުޅުމާލެ ފެށޭކޮޅުގައި މިހާރު ތަރައްޤީކޮއްފައިވާ ވޭސްޓް މެނޭޖްމަންޓް ޔާޑް ސަރަހައްދުގައި ތަރައްޤީކުރާ މި ޓަރމިނަލްވެގެންދާނީ ލިންކް ރޯޑްގައި ދަތުރުކުރާ އެމްޕީއެލްގެ ބަސްތަކާއި، ހުޅުމާލޭގައި ދުއްވާ އެމްޓީސީސީގެ ބަސްދަތުރުތަށް ގުޅުވައިދޭ މަގެއްކަމުގައިކަމަށް ސައިމަން ވިދަޅުވިއެވެ.
ހުޅުލެއާއި ހުޅުމާލެއާ ދެމެދު ހަދާ ލިންކް ރޯޑްގައި ބަސްދަތުރުކުން ޙަވާލުލޮކޮށްފައިވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މަޢުލޫމާތުދޭގޮތުގައި އޮގަސްޓްމަހުގެ ނިޔަލަށް މި މަގުގައި ދުއްވާ ހުރިހާ ބަސްތަކެއް ދެ ޝިޕްމަންޓެއްގެ ދަށުން ރާއްޖެ ގެންނާނެއެވެ.