ޚަބަރު

އަދާރަންގެ މުވައްޒަފުން މާލޭގެ ބައެއް ސަރަޙައްދުތައް ސާފުކޮށްފި


ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް އަދާރަން ޕްރެސްޓީޖް ވާދޫއާއި އަދާރަން މާލެ އޮފީސް ގުޅިގެން މާލޭގެ މަސްވެރިންގެ ޕާކު ހިމެނޭ ސަރަޙައްދުގެ އެއްގަމާއި މޫދު ސާފުކޮށްފިއެވެ.

މިއަދު ހެނދުނު 9:30 އިން 12:00 ގެ ނިޔަލަށް ކުރި މަސައްކަތުން ވަނީ މަސްވެރިންގެ ޕާކު ހިމެނޭ ސަރަޙައްދުން ފެށިގެން ކޯސްޓްގާޑް އިމާރާތާއި ހަމައަށް ސާފުކޮށްފައެވެ.

އަދާރަންގެ ސޯޝަލް މީޑިއާ މެނޭޖަރު އުސްމާން ޤާސިމް ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް އަބަދުވެސް އަދާރަންގެ ރިސޯޓުތަކުން ތަފާތު ހަރަކާތްތައް ހިންގާ ކަމަށާއި އެހެންނަމަވެސް ކުރިން އެ މަސައްކަތްތައް ކުރަމުން އަންނަނީ ރިސޯޓުގައި ކަމަށެވެ. އަދި މިއަދު މި ހަރަކާތް މާލޭގައި ކުރިއަށްގެންދަން ނިންމީ ސްޓާފުންނާއި ޖެނެރަލް މެނޭޖަރުގެ އިސްނެގުމުގެ މަތިން ކަމަށް އުސްމާން ވިދާޅުވިއެވެ.

"ކޮންމެ އަހަރަކުވެސް މި ހަރަކާތް ކުރިއަށްގެންދަނީ ރިސޯޓުގައި. ރިސޯޓުގެ ފަޅުތެރެ ސާފުކުރުމާއި ގޮނޑުދޮށާއި ރަށުތެރެ ސާފުކުރުމުން ކުރިއަށްދާނީ. މީގެ އިތުރުން ތިމާވެއްޓާއި ބެހޭގޮތުން މުވައްޒަފުންނަށް މައުލޫމާތު ދިނުމާއި، ރިސައިކަލް ކުރުމާއި ރީ ޔޫސްގެ މުހިންމުކަން ކިޔައިދެން. އެއީ ކޮންމެ އަހަރަކުވެސް ހިނގާކަމެއް ރިސޯޓުގަ. އެހެން ނަމަވެސް މިފަހަރު ޖެނެރަލް މެނޭޖަރގެ އިސްނެގުމުގެ މަތިން ނިންމީ މާލޭގެ ފަޅުތެރެ ސާފުކުރަން. އެއީ އެހެން ރިސޯޓުތަކުގެ މުވައްޒަފުންނަށް ނަމޫނާއެއްގެ ގޮތުގައި ކުރާކަމެއް. ބޭނުންވަނީ ހުރިހާ އެންމެންވެސް ތިމާވެއްޓަށް ލޯބިޖެއްސުން."

އުސްމާން ވިދާޅުވިއެވެ.

އަދާރަންގެ ފަރާތުން މިއަދު ވަނީ ހަތަރު ވައްތަރުގެ ކުނި އެޅުމަށްޓަކައި ފައިބަރުން ތައްޔާރުކޮށްފައިވާ ޑަސްބިނެއްވެސް ހައުސިން މިނިސްޓްރީއަށް ހަދިޔާކޮށްފައެވެ.

އަދާރަން ޕްރެސްޓީޖް ވާދޫގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ސްކޫލް ކުދިންނަށް ތިމާވެއްޓާބެހޭ ގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމެވެ. އެގޮތުން ތިމާވެށީގެ މުހިންމުކަން އަންގައިދިނުމަށް ވޯކްޝޮޕްތަކެއް ކުރިއަށްގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެފަރާތުން ބުނެއެވެ.