ޚަބަރު

ހުޅުމާލޭގެ މުސްތަޤުބަލަށް އިންވެސްޓަރުންގެ ޔަޤީންކަން މުހިންމު - އެޗްޑީސީ


ހުޅުމާލެއަކީ މުސްތަޤުބަލް އުޖާލާ، އަންނަން އޮތް ޖީލުތަކަށް އެކަށޭނަ ފުރިހަމަ ސިޓީއަކަށް ހެދުމަކީ މި ސަރުކާރުގެ އަމާޒުކަމަށާއި، މި އަމާޒަށް ވާސިލުވެވޭނީ މި ސިޓީއަކީ އިންވެސްޓަރުންނަށް ފަހި ފުރުސަތުތަށް އޮތްތަނެއްކަން ޔަޤީންކޮއްދީގެންކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ބުނެފިއެވެ.

ހުޅުމާލޭ 2 ވަނަ ފިޔަވަހި ތަރައްޤީކުރުމުގެ މަޝްރޫޢަކީ މާލޭ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދީ، މާލޭގެ ތޮއްޖެހުން ކުޑަކުރުމަށްޓަކާ ސަރުކާރުން ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫޢެކެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަޝްރޫޢުގެ ދަށުން 244 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، ދެވަނަ ފިޔަވަހި ތަރައްޤީކުރުމުގެ ގިނަ މަސައްކަތްތަކެއް ވޭތުވެދިޔަ ތިން އަހަރުދުވަހުގެ ތެރޭގައިދަނީ ހިންގަމުންނެވެ. އޭގެތެރޭގައި މަގުހެދުމާއި، ހިއްކިބިން ޙިމާޔަތްކުރުމަށް ތޮށި ލުމާއި، ހައުސިންގ ޔުނިޓްތަކާއި، އެކިއެކި ކޮމާޝަލް މަސައްކަތްތަކަށް ބޭނުންވާ ޢިމާރާތްތައް ހެދުމުގެ ގިނަ މަސައްކަތްތަކެއްވަނީ ފަށާފައެވެ. މިއަހަރުގެތެރޭގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން އާބާދުކުރުމަށް ސަރުކާރުން އާމާޒުހިފާފައިވާއިރު، އޭގެކުރިން ދެވަނަ ފިޔަވަހީގެ ލޭނޑްސްކޭޕިންގގެ ބޮޑެތި މަސައްކަތްތައް ނިންމުމަށްދަނީ މަސައްކަތްކުރަމުންނެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ޙިއްސާކުރައްވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ، ޖުމްލަ 15 ހާސް ހައުސިން ޔުނިޓް ތަރައްޤީކުރާ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެންމެ ބާރަށް ކުރިއަށްދަނީ ހަތްހާސް ހައުސިން ޔުނިޓްގެ މަސައްކަތްކަމަށެވެ. އެގޮތުން މިހާރު މި ހައުސިން ޔުނިޓްތަކުގެ ތިރީސް އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ސައިމަން ވިދާޅުވިއެވެ. މި ހައުސިން ޔުނިޓްތަކުގެ އިތުރުން ކުންފުނިތަކުން އަޅާ ހައުސިން ޔިނިޓްތަކުގެ މަސައްކަތްތަށްވެސް ބާރު ދުވެލީގައި ކުރިއަށްދާކަމަށް ސައިމަން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް 7000 ހައުސިން ޔުނިޓްގެ އިތުރުން ފަށައިގަނެވެން ހުރި މަސައްކަތްތަށް މިސާލަކަށް ސީމެކުން ހަދާ 1530 ހައުސިން ޔުނިޓްގެ މޮބިލައިޒޭޝަން ފެށިފައިވާއިރު ފިޒިކަލް މަސައްކަތް އެސްކަވޭޓްކޮއްގެން ފަށައިގަތުމަށް މިހާރު މަސައްކަތް އެކުރަނީ. މީގެ އިތުރުން ޓުއަރިޒަމް ޒޯންވެސް އިންވެސްޓަރުންނަށް ހުޅުވާލަން ތައްޔާރުވެފައިވާ ހިސާބުގައި އޮތީ."

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްޤީކުރަނީ މީހުންދިރިއުޅޭ ސަރަޙައްދާއި، ވިޔަފާރީގެ ބޭނުންތަކަށް ބޭނުންކުރާ އިކޮނޮމިކް ޒޯންގެ އިތުރުން ރެކްރިއޭޝަނަލް އޭރިއާވެސް ހިމަނައިގެންކަން ސައިމަން ފާހަގަކުރެއްވިއެވެ. މިހުރިހާ މަޝްރޫއެއް ހިންގުމުގެ ބޭނުމަކީ މި ސިޓީއަށް އިންވެސްޓަރުންގެ ޔަޤީންކަން އިތުރުކުރުންކަމަށާ، އެތަނުގެ ޓުއަރިޒަމް ޒޯންނާއި، މެރީނާ ކްރޫސް ޓަރމިނަލްގެ މަސއްކަތުގެ ޢަމަލީ މަސައްކަތަށް ސައުދީގެ ފަންޑުގެ އެހީ ލިބޭގޮތަށް ހަމަޖެހިފައިވާކަމަށް ސައިމަން ވިދާޅުވިއެވެ. އަދި އެއެހީ ލިބުނުހާ އަވަހަކަށް މަސައްކަތް ފަށާނެކަމުގެ ޔަޤީންކަން ސައިމަން ދެއްވިއެވެ.

"ހުޅުމާލޭގެ މެރީނާއާއި ކްރޫސްޓާރމިނަލްގެ މަސައްކަތްކުރުމަށްވެސް ކަނޑައެޅިފައިވާ ފަރާތްތަކާއިއެކު މިހާރުވެސް ދެފަރާތުން ދައްކަން ޖެހޭ ހުރިހާ ވާހަކަތަކެއް ކުރިއަށްގޮސް އަމަލީ މަސައްކަތް ފަށައިގަތުމަށްޓަކައި މިދަންނަވާ ކަހަލަ ބައެއްކަހަލަ ޕްރޮޖެކްޓްތަކަކީ ފިޒިކަލް ޑިވެލޮޕްމެންޓްތަކަކަށްވުރެ އޭގެ އޮޕަރޭޝަނަލް އެސްޕެކްޓުން ވަރަށް ގިނަ ކަންތައްތައް ބަލަން ޖެހޭކަންކަން. އެއީ މީގެން ގިނަ ޚިދުމަތްތަކަކީ ރާއްޖޭގައި އަލަށް ފަށާ ކަންކަމަށްވާތި."

ސައިމަން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިންގެ ސަރުކާރުން މަލެ ސަރަހައްދުގައި ބިޔަ މަޝްރޫތަށް ހިންގަމުންދާ މި ދަނޑިވަޅުގައި ހުޅުމާލޭގެ ލޯކަލް ޓްއަރިޒަމަށްވެސް މިކަމުގެ ހެޔޮ ބަދަލުތަކެއް އަންނާނެކަން ފާހަގަކުރައްވަމުން ސައިމަންވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސައްކަތަކީ މާލޭ ސަރަޙައްދުގެ މުޅި މަލަމަތި ބަދަލުކޮށްލާނެ ބިޔަ މަޝްރޫޢެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.