ރިޕޯޓް

ޕްލާސްޓިކްގެ - ތިމާވެށްޓަށް ކުރިމަތިވާ އެންމެބޮޑު އެއް ނުރައްކާ


މިއަދަކީ އދ.އިން އިސްނަގައިގެން ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހެވެ. މިދުވަހުގެ މިއަހަރުގެ ޝިއާރަކީ "ބީޓިން ޕްލާސްޓިކް ޕޮލިއުޝަން"އެވެ. އދ.އިން އިސްނަގައިގެން ދުނިޔޭގެ ފެންވަރުގައި ތިމާވެށީގެ ދުވަހެއް ފާހަގަކުރަންފެށީ 1974ވަނަ އަހަރުއެވެ. މިދުވަސް ފާހަގަކުރަނީ ދުނިޔޭގެ ތިމާވެއްޓަށް އޮތް ނުރައްކާތަކާމެދު ފިޔަވަޅު އެޅުމާއި، ތިމާވެށި ޙިމާޔަތްކުރުމަށް ކުރެވިދާނެކަންކަމުގެ މައްޗަށް ބައިނަލްއަޤްވާމީ ފެންވަރެއްގައި މަސައްކަތްކުރުމުގެ މަޤްސަދުގައެވެ. މިއަހަރުގެ މިދުވަހު ޝިއާރަކީ "ބީޓިން ޕްލާސްޓިކް ޕޮލިއުޝަން"އެވެ. ރަސްމީކޮށް ދުވަހުގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ރާވާފައިވަނީ އިންޑިއާގައެވެ.

ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ކުރިމަތިވަމުންދާ ނުރައްކާ ކުޑަކުރުމަށް އަމާޒުކޮށް މިއަހަރުގެ ޝިއާރު ކަނޑައަޅާފައިވާއިރު މިއީ ދުނިޔޭގެ ހުރިހާ ޤައުމަކަށްވެސް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ. ޕްލާސްޓިކް ކުނި އިތުރުވުމާއި، މިފަދަކުނި ކަނޑުތަކާ، ގޮނޑުދޮށްތަކާއި ޢާންމު ތަންތަނަށް އެޅުމުގެ ސަބަބުން މިކަމުގެ ނޭދެވޭ އަސަރު ތިމާވެއްޓާއި ދިރޭ ތަކެއްޗާއި އިންސާނުންނަށްވެސް ދަނީ ކުރަމުންނެވެ.

ތަފާސްހިސާބުތަކަށްބަލާއިރު، އަހަރަކު ދުނިޔޭގެ އެކި ކަންކަކޮޅުތަކުގައި 5 ޓްރިލިއަނަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ބޭނުންކުރެއެވެ. މީގެތެރެއިން 13 މިލިއަން ޓަނުގެ ޕްލާސްޓިކް ކަނޑުތަކަށް އަޅާއިރު، މިއީ ގައިގަޑަކަށް ކޮންމެ މިނެޓަކު ކުނިއުކާ ޓްރަކެއް ފުރާ ކުނި އުކާލުންފަދަ ކަމެކެވެ. އަހަރެމެން ބޭނުންކުރާ ޕްލާސްޓިކްތަކެތީގެ ތެރެއިން 50 އިންސައްތަ ތަކެއްޗަކީ އެއްފަހަރު ބޭނުންކުރާ ތަކެއްޗެވެ. ކޮންމެ މިނެޓަކު އިންސާނުންދަނީ 1 މިލިއަން ޕްލާސްޓިކް ފުޅި ގަންނަމުންނެވެ. އަހަރެމުން އިންސާނުން އުފައްދާ ކުނީގެތެރެއިން 10 އިންސައްތައަކީ ޕްލާސްޓިކް ކުންޏެވެ.

މިއީ އެހާބޮޑު މައްސަލައަކަށްވަނީ ޕްލާސްޓިކަކީ ވީރާނާވެގެން ދިއުމުގައި ދިގުމުއްދަތެއްނަގާ އެއްޗެއްކަށްވާތީއެވެ. ކަނޑައްއަޅާ ކުނީގެ ސަބަބުން ކަނޑުތަކުގެ ދިރުންތައް ބަލިވެ، ކަނޑުންބާނާ ނުވަތަ ހިފާ މަސް ކެއުމުގެ ސަބަނުން އިންސާނުންނަށް ކުރާ ނޭދެވޭ އަސަރަކީ ޕްލާސްޓިކު ކުނީގެ ސަބަބުން ދިމާވާ މައިގަނޑު އެއްމައްސަލައެވެ.

މިމައްސަލައަށް ހައްލުހޯދުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި ވަކިވަކި ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަމިއްލަ ކުންފުނިތަކާއި ވަކިވަކި ފަރުދުންވެސް މަސައްކަތްކުރަމުން އެބަދެއެވެ.

މިގޮތުން އިނގިރޭސިވިލާތްފަދަ ޤައުމުތަކުންދަނީ އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ބެނުންކުރުން މުޅިން މަނާކުރުމަށް މަސައްކަތްކުރަމުންނެވެ. ރާއްޖޭގައިވެސް ޕްލާސްޓިކުންނެގޭ އިންޕޯޓު ޑިއުޓީ ވަނީ އިތުރުކޮށްފައެވެ. އަދި މިނިސްޓްރީ އޮފް އެންވަޔަރަމަންޓާއި ސަރުކާރުގެ އެހެނިހެން އޮފީސްތަކުން ޕްލާސްޓިކް ޕޮލިއުޝަން މަދުކުރުމުގެ އެކިއެކި މަޝްރޫތައް ކުރިޔަށް ގެންދެއެވެ.